ބޭންކުން ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މީހަކު އަތުލައިގެންފި

މީގެ ކުރިން ފުލުހުން ހޯދި ފައިސާތަކެއް —- ފައިލް ފޮޓޯ/ ޕޮލިސް

ބެންކުގެ ނަމުގައި މަކަރާއި ހީލަތުން އޮޅުވަލައިގެން 60,000 އަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފި އެވެ.

އިތުރު ބަޔަކާ ބައިވެރިވެގެން މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ, އުމުރުން 34 އަހަރުގެ ހ. ކާލީ, ޖައުފަރު ވަހީދެވެ.

ޖަފަރުގެ ބަންދަށް 15 ދުވަސް ޖެހީ މިދިޔަ ހުކުރު ދުވަހު އެވެ. ބަންދުގެ މުއްދަތު ޖެހި ކޯޓު އަމުރުގައި ބުނީ, އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދިކަމުގެ ތުހުމަތު ކަމަށެވެ. އަދި އޭނާ އެކަން ކުރީ ބީއެމްއެލް ނަމުގައި އޮޅުވަލައިގެން މީހަކަށް ގުޅައިގެން ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ފުލުހުން ވަނީ އޭނާ އޭޓީއެމް ކައިރީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް ޝަރީއަތަށް ހުށަހަޅާފަ އެވެ.

އޭނާ ކޯޓުގައި ބުނީ, މީހަކު ބުނެގެން އޭޓީއެމްއަކުން ފައިސާ ނެގީކަމަށެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ޖައުފަރަކީ މަކަރާ ހީލަތުގެ މިފަދަ މައްސަލަތަކުގައި ކުށުގެ ރިކޯޑް އޮންނަ މީހެއްކަން ކޯޓު އަމުރުން އެނގެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ, އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ, 60,186 ރުފިޔާ މަކަރާ ހީލަތުން ހޯދި ކަމުގެ ތުހުމަތު ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާއަކީ މީގެ ކުރިިން ތަފާތު އަށް މައްސަލައެއް ކޯޓުން ސާބިތުވެ, އެކި އެކި ހުކުމްތައް އައިސްފައިވާ މީހެކެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފައިވާ ޖައުފަރަކީ, އެ ވަބާއިން ސަލާމަތްވުމަށް މެތަޑް-އޮން ފަރުވާ ހޯދަމުންދާ މީހެއްކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ. އަދި ބަންދުގައި ހުރުމުން އެ ފަރުވާ ނުލިބޭތީ އުދަނގޫވާކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.

ބީއެމްއެލް ނަމުގައި އޮޅުވާލައިގެން މީހުންގެ ކާޑުގެ މައުލޫމާތު ހޯދައިގެން ފައިސާ ހޯދުމަކީ އާންމުވެފައިވާ މައްސަލައެެކެވެ. އާންމު މީހުންގެ ކާޑުގެ މައުލޫމާތު ހޯދުމަށް ބީއެމްއިލްއިން ނުގުޅާނެކަން ތަކުރާރުކޮށް ބީއެމްއެލްއިންވެސް ދަނީ ބުނަމުންނެވެ. އަދި އެކަމުުގައި އާންމުން ހޭލުންތެރިވުމަށް ފުލުހުންވެސް މީގެ ކުރިން އިލްތިމާސްކޮށްފައިވެ އެވެ.

comment ކޮމެންޓް