ހައްޖުގައި ބައިވެރިވެވޭނީ ސައުދީގައި ދިރިއުޅޭ 60،000 މީހަކަށް

މިއަހަރުގެ ހައްޖުގައި ބައިވެރިވެވޭނީ 60،000 މީހުންނަށް -- ފޮޓޯ: އޭޕީ

ރިޔާޒް (ޖޫން 13): މިއަހަރު ހައްޖުގައި ބައިވެރިވެވޭނީ ސައުދީ އަރަބިއާގައި ދިރިއުޅޭ 60،000 މީހަކަށްކަން އެގައުމުން އިއުލާންކޮށްފި އެވެ.

ސައުދީ ޕްރެސް އޭޖެންސީން އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއާ ހަވާލާދީ ބުނި ގޮތުގައި މިއަހަރުގެ ހައްޖުގައި ބައިވެރިވެވޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އެމީހުން ތިބެން ޖެހޭނީ ކޮވިޑް ވެކްސިން ޖަހާފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ހައްޖުގައި ބައިވެރިކޮށްފައި ވަނީ ސައުދީގައި ދިރިއުޅޭ 10،000 މީހެކެވެ. އޭގެ ތެރެއިން 70 ޕަސެންޓު މީހުންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އަދި ސައުދީ ސަލާމަތީ ފައުޖުތަކުގެ މެމްބަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އޭރު ހައްޖު ކުރުމަށް ފުރުސަތު ދިނެވެ.

މިދިޔަ އަހަރު ހައްޖު ބޭއްވި އިރު ސައުދީން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހައްޖުވެރިން ކުރީބައިގައި ކޮވިޑަށް ޓެސްޓްކޮށް، ކުޑަ ދުވަސްކޮޅަކަށް ކަރަންޓީނު ކުރުން ހިމެނެ އެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރާ އިރު ފަސް ފޫޓު ދުރުމިނުގައި ގައިދުރުކޮށް މާސްކު އަޅަން އެންގި އެވެ.

ސައުދީން މިހާތަނަށް 462،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 7،553 މީހަކު މަރުވެފައިވެ އެވެ. އަދި އެގައުމުން މިހާތަނަށް ކޮވިޑް ވެކްސިންގެ 15.4 މިލިއަން ޑޯޒް ޖަހާފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.

comment ކޮމެންޓް