ޖީ 7 އަކީ ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވަން އުޅޭ އަމިއްލަ އެދުމުން ފޯވެފައިވާ ގައުމުތަކެއް

ޖީ 7 ގެ ގައުމުތަކުގެ ލީޑަރުން

އިނގިރޭސިވިލާތުގެ ކޮންވޯލްގައި ކުރިޔަށްދާ ޖީ7 ގެ ޤައުމުތަކުގެ ސަމިޓުން ކޮވިޑް ވެކްސިންގެ އެއްބިލިޔަން ޑޯޒު ފަގީރު ގައުމުތަކަށް ދިނުމަށް އެ ހަތްގައުމުން ނިންމި ނަމަވެސް ޖީ 7ގެ ގައުމުތަކަކީ އަދުގެ ދުނިޔެ ލީޑު ކުރުމުގެ ގާބިލްކަންނެތް ކޮވިޑް ފަދަ އާލަމީ ވަބާއަކަށް ތައްޔާރުނުވާ ހަމައެކަނި ދުނިޔެ ބައްކުރުމަށާއި އަސްކަރީ ބާރުވެރިކަމަށް އިސްކަންދޭ ގައުމުތަކެއްކަން ބަޔާންކޮށް ދުނިޔޭގެ ގިނަ ފަރާތްތަކަކުން އެގައުމުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.

ކޮވިޑް އާ ކުރިމަތިލުމަށާއި އެބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ނާކާމިޔާބު ގައުމުތައް ހިމެނެނީ ޖީ 7 ގައި

ފަގީރު ގައުމުތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ފަގީރުކަން ކުޑަކުރުމަށްޓަކައި ހިލޭ ސާބަހަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ޖީ 7 ގެ ގައުމުތަކަށް ފާޑުކިޔަމުން ބުނެފައިވަނީ ކޮވިޑް-19 އާ ކުރިމަތިލުމަށާ އަދި އެބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ނާކާމިޔާބު ގައުމުތައް ހިމެނެނީ ޖީ 7 ގައި ކަމުގައެވެ. މިއިން އެނގެނީ މިފަދަ ބަލިމަޑުކަމެއް ކުރިމަތިވެދާނެކަމުގެ ވިސްނުމެއްވެސް އަދި އެފަދަ ކަމަކަށް ތައްޔާރުވުމުގެ ރޭވުމެއްވެސް އެގައުމުތަކުން ނުގެންގުޅޭ ކަމާއި އެގައުމުތަކުގެ ވިސްނުމާއި ރޭވުންތެެރިކަން ހުރީ ދުނިޔެއަށް އަތްގަދަ ކުރުުމަށް ބޭނުންވާ ހަތިޔާރު ގެ ޓެކްނޮލޮޖީ ތަރައްގީ ކުރުންފަދަ ކަންކަމަށް ކަމުގައެވެ.

ކޮވިޑް ގައި އެތަށް ލައްކަބަޔަކު މަރުވެ އެބަލީގައި ސިއްހަތާބެހޭ ނިޒާމު އެންމެ ފުރަތަމަ އިނދަޖެހުނު ގައުމަކީ އެމެރިިކާ

ކޮވިޑް ކޮންޓްރޯލް ކުރުމަށް ނުކުޅެދި އެބަލީގައި އެތަށް ލައްކަބަޔަކު މަރުވެ އެބަލީގައި ސިއްހަތާބެހޭ ނިޒާމު އެންމެ ފުރަތަމަ އިނދަޖެހުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖީ 7 ގެ ގައުމުތަކެވެ. ޚާއްސަކޮށް އެޖަމާއަތުގެ ލީޑަރުގެ ގޮތުގައި ބެލެވޭ އެމެރިކާއެވެ. މިހާރުވެސް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދާއި އެބަލީގައި މަރުވި މީހުންގެ އަދަދު މުޅި ދުނިޔޭގައިވެސް އެންމެ ގިނައީ އެމެރިކާގައެވެ.

ކޮވިޑްގެ ފުރަތަމަ ރާޅުނެގިއިރު އެފަދަ ބައްޔަކާ ކުރިމަތިލާނެ އަންގިއާއި މަސްކް ފަދަ ވަސީލަތްތަކުގެ އިތުރުން އެފަދަ ބައްޔަކާ ކުރިމަތިލާނެ ގޮތުގެ ރޭވުމެއް އަދި ސްޓްރެޓެޖީއެއްވެސް އަސްކަރީ ގޮތުން ބާރުގަދަ އެމެރިކާގައި ނެތެވެ. ނަތީޖާއެއްގެ ގޮތުގައި 2020 ގެ ކުރީކޮޅު އެމެރިކާގެ ސިއްޙަތާބެހޭ މުޅި ނިޒާމު އިނދަޖެހި ކޮވިޑް ގެ އިންޑިއަން ވޭރިއަންޓާއެކު އިންޑިއާ ވެއްޓިގެންދިޔަ ހާލަތަށް އެމެރިކާ ވެއްޓިގެން ދިޔައެވެ.

ކޮވިޑް ފަދަ ކުރިމަތިވެދާނެ އާލަމީ ވަބާއަކަށް ޖީ 7 ގެ ގައުމުތައް ތައްޔާރުވެފައެެއް ނުވޭ

އެމެރިކާގެ އިތުރުން ޖީ 7 ގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަނާ އަދި އިޓަލީވެސް ކޮވިޑްއާ ކުރިމަތިލުމުގައި ވަކި ސަހަލެއްނޫނެވެ. 2020 ގެ ކުރީކޮޅުއައި ކޮވިޑްގެ ފުރަތަމަ ރާޅާއެކު އެގައުމުތަކުގެ ސިއްހަތާބެހޭ ނިޒާުތައްވެސް އިނދަޖެހިގެން ދިޔައެވެ. ލައްކައިން މީހުން މަރުވިއެވެ. ނަމަވެސް 2021 ގެ ކުރިކޮޅުން ފެށިގެން ޖީ 7 ގެ ގިނަ ގައުމުތައްވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ބައެއް ކާމިޔާބީތައް ހޯދާފައެވެ.

ކޮވިޑް ފަދަ ކުރިމަތިވެދާނެ އާލަމީ ވަބާއަކަށް ޖީ 7 ގެ ގައުމުތައް ތައްޔާރުވެފައިނުވާކަން ފާހަގަ ކުރައްވައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުތެރެޝް ވެސްވަނީ އެއީ ދެރަވަރުކަމެއްކަން ފާހަގަ ކުރައްވައި ޖި 7 ގެ ގައުމުތައް ލަދު ގަންނަންޖެހޭ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

ވެކްސިން އުފެއްދުމުންވެސް މޮނޮޕޮލީކޮށް އަމިއްލަ އެދުން ކުރިޔަށް ނެރުނީވެސް ޖީ 7 ގެ ގައުމުތަކުން

އަނެއްކޮޅުން ޖީ 7 ގެ ގައުމުތަކަކީ އަބަދުވެސް ދުނިޔޭގެ ކަންކަމަށް ގޮތްކިޔައި އަމިއްލައަށް ލީޑަރުންނަށް ވެގެން ނަގައިކިޔާ ގައުމުތަކަށްވެފައި ލީޑިން ދައުރެއް އަދާކުރަމުން ގެންދާ ގައުމުތަކަކަށްވިނަމަވެސް ކޮވިޑް ވެކްސިން އުފެއްދުމުންވެސް އެގައުމުތައް އެންމެ ފުރަތަމަވަނީ ވެކްސިން މޮނޮޕޮލީކޮށް އަމިއްލަ އެދުން ކުރިޔަށް ނެރެފައެވެ. ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުޑަވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޖީ 7 ގެ ގައުމުތަކުން މަސައްކަތް ފެށީ އެގައުމުތަކުގެ އަމިއްލަ އެދުމާއި ދަހިވެތިކަން ކުރިޔަށްނެރޭ މައްސަލާގައި މުޅި ދުނިޔޭގެ ފާޑުކިޔުންތައް އެގައުމުތަކަށް އަމާޒުވީ ފަހުންނެވެ. ފަގީރު ގައުމުތަކަށް އެހީތެރިވުމުގައި ހިލޭ ސާބަހަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުންވަނީ މިކަންވެސް ފާހަގަކޮށްފައެވެ.

މިގޮތުން ދުނިޔޭގެ ގިނަ ބައެއްގެ ގޮތުގައި ހިމެނޭ ފަގީރު ގައުމުތަކުގެ އާބާދީއަށް ވެކްސިން ދިނުމަށް ކުރަންޖެހޭ މަސައްކަތުގެ މުހިންމުކަން ޖީ 7 ގެ ޤައުމުތަކަށް އިހުސާސް ކުރެވިފައި ނުވާކަން އެފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ. އެއްބިލިޔަން ޑޯޒުގެ ވެކްސިން ފަގީރު ގައުމުތަކަށް ދިނުމަށް ޖީ 7 ގެ ގައުމުތަކުން ނިންމި ނަމަވެސް ވެކްސިން ފަގީރު ގައުމުތަކުގެ ސަރަޙައްދުތަކަށް ވެކްސިން ރައްކާތެރިކަމާއެކު ޑިސްޓްރިބިއުޓް ކުރުން ނުވަތަ ބެހުމަކީވެސް ބޮޑުކަމަކަށްވާއިރު އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ނަމަވެސް ޖީ 7 ގެ ގައުމުތަކުން މިކަމަށް އަޅާލާނެކަން ހާމަކޮށްފައެއް ނުވެއެވެ.

ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ޖީ 7 ގެ ގައުމުތަކުން ނިންމީވެސް ޚުދު އެގައުމުތަކުގެ ރައްކާތެރިކަން އޭގައި ހިމެނޭތީ

ދުނިޔެއަށް ބަލާއިރު ކޮވިޑް ވެކްސިން މިހާތަނަށް ދީފައިވަނީ ދުނިޔޭގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 8 ބިލިޔަނާ ގާތްކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 2.2 ބިލިޔަން މީހުންނަށެވެ. އަދި ވެކްސިން ކަވަރެޖް އެންމެ ރަނގަނޅީ އެމެރިކާއާއި އެމެރިކާގެ ސީދާއެހި ހުރިހާކަމެއްގައިވެސް ލިބޭ ނުރައްކާތެރި އިސްތިއުމާރީ ބާރެއް ކަމަށްވާ އިސްރާއީލާއި ޔޫރަޕްގެ މުއްސަނދި ގައުމުތަކުގައެވެ. ދެން ބަހްރައިނާއި ޔޫއޭއީ އަދި ސައޫދީ އަރަބިޔާ ފަދަ ތެލުގެ މުއްސަނދިކަން ލިބިފައިވާ އަރަބި ބައެއް ގައުމުތަކުގައެވެ.

ފަގީރު ގައުމުތަކަށް ވެކްސިން ނުދެވިއްޖެނަމަ ކޮވިޑް 19 ގެ ބާރު އިތުރަށް ގަދަވެ އިތުރު ވޭރިއަންޓްތައް އުފެދޭނެ ކަމުުގެ ބިރު ބޮޑު

ވެކްސިން ދިނުމުގައި ދުނިޔޭގެ ފަގީރު ޤައުމުތައް އުޅެނީ ވަރަށް ފަހަތުގައެވެ. ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ޖީ 7 ގެ ގައުމުތަކުން މަސައްކަތް ފެށީވެސް ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ވެކްސިން ދީގެން މެނުވީ ކޮވިޑްގެ ނުރައްކަލުން ދުނިޔެ ސަލާމަތް ކުރެވޭނެކަން ޔަގީންވާތީ ކަމަށާ އޭގައިވެސް ބޮޑަށް ހިމެނެނީ ޖީ 7 ގެ ގައުމުތަކުގެ އަމިއްލަ އެދުމާއި މަސްލަހަތުކަން ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތަކުންވަނީ ފާހަގަކޮށްފައެވެ.

ފަގީރު ގައުމުތަކުގެ ރައްޔިތުންނަށް އަވަސް ގޮތަކަށް ވެކްސިން ނުދެވިއްޖެނަމަ ކޮވިޑް 19 ގެ ބާރު އިތުރަށް ގަދަވެ އިތުރު ވޭރިއަންޓްތައް އުފެދި ވެކްސިނަށް ނުގުޑާފަދަ ބަރުގަދަ ވޭރިއަންޓްތައް އުފެދުމުގެ ބިރުއޮތްކަން ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިން ފާގަކޮށް އެކަމުގެ އިންޒާރު މުއްސަނދި ގައުމުތަކަށްވަނީ ދީފައެވެ. މިފަދަ ހާލަތެއްގައި މުއްސަނދި ގައުމުތަކުގެ ވެކްސިން ކަވަރެޖް ކިތަންމެ ރަނގަނޅު ނަމަވެސް އެގައުމުތަކުގެ ރައްޔިތުންނަށްވެސް ކޮވިޑް އަލުން ޖެހުމުގެ ނުރައްކާބޮޑުވެއެވެ. ފަގީރު ގައުމުތަކަށް ކޮވިޑްގެ އެއްބިލިޔަން ޑޯޒު ފޯރުކޮށްދިނުމަށް ޖީ 7 ގެ ގައުމުތަކުން ނިންމީ މިކަންކަމާގުޅިގެންކަންވަނީ ލަފާ ކުރެވިފައެވެ.

ޖީ 7 ގެ ގައުމުތަކުން ދުރާލައި ރާވަނީ އަސްކަރީ އަދި އިގްތިސާދީ ކަންކަމަށާއި ދުނިޔެއަށް ބާރާއި ނުފޫޒު ހިންގުމަށް

ކޮވިޑް ފަދަ ދުނިޔެއަށް ކުރިމަތިވެދާނެ އާލަމީ ވަބާއަކަށް ޖީ 7 ގެ ގައުމުތައް ތައްޔާރު ވެފައިނުވިނަމަވެސް އެފަދަ ކަމަކާބެހޭ ރޭވުމެއް އަދި ސްޓްރެޓެޖީ އެއް ނެތްނަމަވެސް އަސްކަރީ ބާރުގަދަކޮށް އިގްތިސާދު ވަރުގަދަކޮށް ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީކޮށް ދުނިޔެ ބައްކޮށް ދުނިޔޭގެ ކަންކޮޅުތަކަށް ބާރާއި ނުފޫޒު ހިންގުމުގެ އިސްތިއުމާރީ އަދި އިންޕިރިއަލިސްޓް ޕްލޭންތަކާއި ސްޓްރެޓެޖީތައްޖީ 7 ގެ ގައުމުތަކުން ގެންގުޅެއެވެ. އެކަންކަމަށް ގަދައަޅައި މަސައްކަތްވެސް ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް