ޒާމިން ނުކުމެ ސައިކަލާ ދިމާލަށް މިސްރާބުޖެހިއެވެ. ސަޖަލްވެސް އޭނާގެ މޫނާ ގޯނާ ކުރަމުން ދިޔަ އިސްތަށިކޮޅު އެއްފަރާތަށް ލައްވައިލަމުން ސައިކަލާ ދިމާލަށް ހިނގައިގަތެވެ. ސިހުން ގެނުވީ މީހަކު އައިސް އޭނާގެ އަތުގައި ހިފެއްޓުމާއެކުގައެވެ.

ސިހުނު ސަޖަލްއަށް ފަހަތަށް އެނބުރިލެވުނެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ލޮލުގައި އަޅައިގަތީ ރިއުމާންއެވެ. ރިއުމާންގެ އަތް ފޮޅުވައިލަން އުޅުނު ނަމަވެސް, ރިއުމާން ހިފައްޓާފައި ހުރިލެއް ބާރުކަމުން އޭނާއަށް އެކަންތައް ކުރަން އުނދަގޫވިއެވެ. ރިއުމާންގެ ދެލޮލުން އޭނާއަށް ފެންނަނީވެސް ހިތާމައިގެ ކުލަވަރެވެ. އެހެންކަމުން އޭނާ ބެލީ ރިއުމާންގެ ދެލޮލަށް ނުބަލާ ވޭތޯއެވެ. ފަހަރެއްގައިވެސް މިހާރު އޭނާގެ ހިތުގައި ރިއުމާންއާ މެދު ވީ އެއްވެސް އެއްޗެއް ބަދަލުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އިތުރަށް ރިއުމާންއާ ގުޅޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އެވަނީ ގޮތެއް ނިންމާފައެވެ. އެގޮތުގެ މަތީގައި ހުންނަން އޭނާ ބޭނުމެވެ.

"ސަޖޫ... " ރިއުމާން ގޮވައިލިއެވެ.

"ދޫކުރޭ އަތުން... މީ މަގުމައްޗޭ..." ސަޖަލް ނުރުހިފައި ބުނެލިއެވެ.

ރިއުމާން ސަޖަލްގެ އަތުން ދޫ ނުކުރުމުން އޭނާ އަތް ފޮޅުވައިލަން ވެގެން އުޅުނެވެ. ސިހުން ލިބުނީ އިތުރު މީހަކު އައިސް ކުއްލިއަކަށް ރިއުމާންގެ އަތުގައި ހިފައްޓާ އެ އަތް ފޮޅުވައިލުމާއެކުގައެވެ. ސަޖަލް ބަލައިލިއިރު ކުރިމަތީގައި ހުރީ ޒާމިންއެވެ.

"ޒާމިން..." އޭނާގެ ދުލުން އެބަސްތައް ބޭރު ވިއިރު ހިސާބެއްގެ ހައިރާންކަމެއް ވެސް ލިބުނެވެ. ހަމައެއާއެކު އޭނާއަށް ފަަހަރަކު މީހެއްގެ މޫނުމައްޗަށް ވެސް ބަލައިލެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ސަޖަލްއަށް ހުރެވުނުއިރު، ޒާމިންވެސް މާނަ ފުން ނަޒަރަކުން ސަޖަލްއާ ދިމާލަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ؟ މަގުމަތީގައި ސީންއެއް ކްރިއޭޓް ކުރާނެކަމެއް ނެތް ކޮންމެހެން..."

ޒާމިންއާ ދިމާލަށް ބަލައިލި ރިއުމާންއަށް ޒާމިން ފާހަގަ ކުރެވުނެވެ. އެއީ ކުރިން ރޭ ވެސް ސަޖަލްއާ އެކު އޭނާއަށް ފެނުނު ޒުވާނާއެވެ. އެއާއެކު އޭނާ ގާތާށް ރުޅި އަންނަ ގޮތްވިއެވެ. ސަޖަލްއާ އެ ޒުވާނާ އާ އޮތީ އޮވެގެން ނުވާނޭ ގުޅުމެއްކަމުގައި ރިއުމާންގެ ހިތް ބުނެލުމާއެކު، އޭނާގެ ހިތުގެ ހިނގުން ހީވީ މަޑުޖެހިލިހެންނެވެ. ސަޖަލްއާ މެދު އޭނާގެ ހިތުގައި ޝަކުވާތައް ފުނި ޖެހިގެން ދިޔައެވެ. ހަމައެއާއެކު، އޭނާގެ ހިތަށް އިންތިހާ ވޭން ލިބިގެން ދިޔައެވެ. ދެބުމަ ގޮށް ޖަހައިލުމާއެކު، އޭނާ ވާހަކަ ދެއްކިއެވެ.

"ކަލޭ ތީ ކާކު އަދި؟ މީ އަހަންނާ ސަޖަލް އާ ދެމީހުންނާ ދެމެދު އޮތް ކަމަކޭ... ކޮންމެހެން މިދޭތެރެއަށް ވަންނާނެކަމެއް ނެތް..."

"އަހަންނަކީ ކާކުކަން އެނގުން މުހިންމެއް ނޫން ދޯ... އެކަމަކު މަގުމަތީގައި އަންހެން ކުއްޖަކު ހިފައްޓައިގެން ބޮޑު ފިރިހެނަކު ތިހެން އުޅުމަކީވެސް ކޫލްކަމެއް ނޫނޭ..." ޒާމިން ހަމަޖެހިލާފައި ޖަވާބުދިނެވެ.

"ސަޖޫ... ލެޓްސް ގޯ!" ޒާމިން ގާތްގޮތަކަށް ސަޖަލްގެ އަތުގައި ހިފާލައިގެން އެތަނާ ދުރަށް ހިނގައިގަތުމާއެކު ރިއުމާންގެ ރުޅިގަނޑު ފަޅައިގެން ދާން އުޅޭހެން ހީވިއެވެ. އޭނާ މުށްކެވިފައިވާ އަތް ޖީބަށް ޖަހައިލިއެވެ. ރުޅިގަނޑު ހިންދައިލަން މަސައްކަތް ކުރި ނަމަވެސް އެ ޒުވާނާ ސަޖަލްގެ އަތުގައި ހިފައްޓައިގެން ހުރުމުން، އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ. މަގުމައްޗަށް ވަށައިގެން ބަލައިލުމާއެކު ރިއުމާން ދަތްކުނޑި ވިކައިލިއެވެ.

އޭނާ ބަލަން ހުއްޓާ ޒާމިންއާ ދެމީހުން ގޮސް މަޑުކުރީ ސަޖަލްގެ އޮފީސް ކުރިމަތީގައެވެ.

ޒާމިން ސަޖަލްއަށް ބަލައިލިއިރު، ސަޖަލް ހުރީ ޒާމިންގެ އަތުތެރޭގައި އޮތް އޭނާގެ އަތަށް ބަލަހައްޓައިގެންނެވެ. އެއާއެކު އޭނާއަށް ސިހިފައި ސަޖަލްގެ އަތުން ދޫކޮށްލެވުނެވެ. ކުރެވުނީ ރަނގަޅުކަމެއްކަމެއް ނޫނީ ގޯސްކަމެއްކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އޭނާއާ ދޭތެރޭ ސަޖަލް ހީކުރާނެ އެއްޗެއް ނޭނގޭތީ ކަންބޮޑުވިއެވެ.

"ސޮރީ..." ޒާމިން މާފަށް އެދުމާއެކު ސަޖަލްއަށް ސިހިފައި ޒާމިންގެ ލޮލަށް ބަލައިލެވުނެވެ. އެ ދެލޮލުން އެވަގުތު ފެނުނު އަސަރުތައް ދެނެގަންނަން އޭނާ ނުކުޅެދުނެވެ. ޒާމިންގެ ދެލޮލުން އޭނާއަށް އާދަޔާ ޚިލާފް ވިދުމެއް ފެންނަމުން ދިޔަނަމަވެސް އޭގެ މާނަ ނަގާކަށް އޭނާގެ ސިކުނޑިއަކަށް ނޭނގުނެވެ. ސަޖަލްއަށްވެސް ހިނދުކޮޅަކު ޒާމިންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ، އެ ދެލޮލުން ކަމެއް ދެނެގަންނަން މަސައްކަތް ކުރާ ފަދައަކުންނެވެ.

"ތޭންކްސް ޒިމް..." ސަޖަލް ޝުކުރު އަދާކޮށްލަމުން ޒާމިންއަށް ބަލައިލުމާއެކު، ޒާމިންގެ ތުންފަތް މައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެއީ އެއްވެސް ކަމެއް ނޫނޭ ބުނެލިއެވެ.

"އައި ނޯ އަހަން މިއުޅެނީ ކުޑަކޮށް ޕާސަނަލް ސުވާލެއްކަން. އެކަމަކު... އެއީ ކާކުތަ؟" ޒާމިން ހިސާބެއްގެ ޖެހިލުން ވުމަކާއެކު އަހައިލިއެވެ.

"އެއީ ދޯ..." ސަޖަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ބުނަން ބޭނުންނެތިއްޔާ ނުބުންޏަސް އޯކޭ އިނގޭ. މަޖުބޫރެއް ނޫން ކިޔައިދޭކަށް!" ޒާމިން އަނެއްކާވެސް ބުނެލިއެވެ. އެ ޒުވާނާ ކުރިންވެސް އޭނާއަށް ފެނިފައިވުމާއެކު ސަޖަލްއާ އެ ޒުވާނާއާ އޮތް ގުޅުން އެނގެން އޭނާގެ ހިތް ވަނީ ކެތްމަދުވެފައެވެ. އެކަމަކު އެކަން ސަޖަލްއަށް ފާޅުކުރާކަށް އޭނާއަކަށް ނުކެރުނެވެ. ހިތާ ދެކޮޅަށް އޭނާ ވާހަކަ ދެއްކީވެސް އެހެންވެއެވެ.

"އެއީ... އަމް... އަހަރެންގެ ކުރީގެ ބޯއިފްރެންޑް..." ސަޖަލް ޒާމިންއަށް ބަލައިލަމުން ބުނެލިއެވެ.

"އޯހް... ދެން މިހާރު ކީއްވެ އޭނަ އެހެން އެ އުޅެނީ... ސަޖޫ މިހާރު އެހެން ރިލޭޝަންޝިޕެއްގަތަ؟" ޒާމިން އިތުރަށް އެނގެން ބޭނުންވިއެވެ. އެ ސުވާލު އޭނާއަށް ކުރެވުނީވެސް އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އޭނާގެ ހިތުގެ ތެޅުންވެސް ވަނީ އިންތިހާ ބާރުވެފައެވެ.

"ކިޔައިދޭން ބޭނުންނުވަންޏާ އޯކޭ އިނގޭ..." ސަޖަލް ހަމަހިމޭންވުމާއެކު، ޒާމިން ބުނެލިއެވެ. އެއާއެކު ސަޖަލް ހިނިތުންވަމުން ވާހަކަ ދެއްކިއެވެ.

"ނޫނޭ... އޭނަ ފަހަތުންނު ނައްޓައިގެން މިއުޅެނީ. އަދި ބްރޭކްއަޕް ވިތާމާ ގިނަ ދުވަހެއް ނުވާނެ. " ސަޖަލްގެ ވާހަކަ ހުރިގޮތުން އޭނާ އުޅެނީ އިތުރު ކުއްޖަކާ ރައްޓެހިވެގެން ނޫންކަމުގައި ޒާމިންއަށް ދެނެގަނެވުމާއެކު، އޭނާގެ ހިތަށް ހިސާބެއްގެ ފިނިކަމެއް ލިބުނެވެ. ހިތްހަމަޖެހުމެއް ލިބުނެވެ. ސަޖަލްއާ މެދު އުފެދެމުންދާ އިޙްސާސްތައް ދުވަހެއް ދުވަހަކަށް ފުންވަމުންދާކަން ޒާމިންއަށް އެނގެއެވެ. އެހެންނަމަވެސް އެކަން އޭނާއަށް ފާޅުކުރާކަށް ނުކެރެއެވެ. ޚާއްސަކޮށް ސަޖަލް އޭނާއާ މެދު ދެކޭގޮތެއް ނޭނގޭތީއެވެ. ހަމައެއާއެކު ސަޖަލް އަދި އިތުުރު މީހަކާ އެފަދަ ގުޅުމެއް ބާއްވަން ބޭނުމެއް ނުވާނެޔޭވެސް އޭނާގެ ހިތަށް އަރާތީއާވެސް އެކުގައެވެ. ދެފަރާތަށް ޒާމިން ބޯ ހޫރައިލީ، އޭނާގެ ހިތަށް އަރަމުންދިޔަ އެއްޗެހިތަކުން މިންޖުވެވޭތޯއެވެ.

"ކިހިނެއްވީ؟" ސަޖަލް ސުވާލުކޮށްލުމާއެކު ހަމަބިމަށް އާދެވުނު ޒާމިން އެއްވެސް ކަމެއް ނުވެޔޭ ބުނެލިއެވެ. އޭނާ ހިތުގެ އިޙްސާސްތައް އޮއްބައިލަން މަސައްކަތް ކުރިނަމަވެސް، އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ.

"އަހަރެން ދަންތަ ސަޖޫ ގެއަށް ލައިދޭން؟" ޒާމިން ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

"އަހަރެން ސައިކަލުގަ އޭ ދަނީ..." ސަޖަލް ބުނެލިއެވެ.

"ހެހެ... އަހަރެން ނުބުނަމެއްނު އަހަރެންގެ ސައިކަލު ފަހަތަށް އަރާށޭ... ސަޖޫ ސައިކަލުގަ ދިޔަޔަސް އެކުގައި އަހަންނަށް ދެވިދާނެއެއްނު!" ޒާމިން އެހެން ބުނުމުން ސަޖަލް ކުޑަކޮށް ރަކިވާގޮތްވިއެވެ.

"އޯކޭ..." އޭނާ އެހެން ބުނެލާފައި ސައިކަލު ނެރިގެން އަރާ ސްޓާރޓްކޮށްލިއިރު، ޒާމިންވެސް ގޮސް ސައިކަލަށް އަރާ ސްޓާރޓްކޮށްލިއެވެ. ސަޖަލް ގެއަށް ލާފައި ޒާމިންވެސް އޭނާގެ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އެ ދެމީހުންނަށް ނޭނގުނު ކަމަކީ އެ ދެމީހުންނަށް ފާރަލައިގެން ރިއުމާންވެސް ސަޖަލްގެ ގެއާ ހިސާބަށް ދިޔަކަމެވެ.

ކާރުގައި އިން ރިއުމާންއަށް ފޯނެއް އައުމާއެކު އޭނާ ފޯނު ނަގާ ބަލައިލިއެވެ. ގުޅަނީ ބައްޕަ ނާޝިދެވެ. އޭނާ ފޫހިކަމާއެކު ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ރިއުމާން... އަހަންނަށް ނުބުނެވޭތަ މިއަދު އަލަށް ހުޅުވަން އުޅޭ ހޮޓެލްގެ ލިޔެ ކިޔުންތައް ނިންމާކަށެއް... އަދިވެސް ނުނިމޭ ދޯ އެ އެއްޗެހި. މިއަދު އޮފީހަށްވެސް ނުދާކަމަށްވަނީ؟ އަހަރެން ބޭނުން މާދަމާ ހެދުނަށް އެ ހުރިހާ ލިޔެ ކިޔުމެއް... މިރޭ ނިންމާތި ކޮންމެހެންވެސް އެ އެއްޗެހި..." ނާޝިދު ކިޔާނެ އެއްޗެއް ކިޔާފައި ފޯނު ބާއްވަންދެން ރިއުމާން އިން ގޮތަށް އިނެވެ. ބައްޕަގެ އެ ހަރުކަށިކަމަށް އޭނާ ވަނީ ހޭނިފައެވެ. އަނިޔާތަކަށްވެސް މެއެވެ.

އޭނާ އޮފީހާ ދިމާލަށް މިސްރާބުޖެހިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް މަސައްކަތާ މެދު ފަރުވާ ކުޑަކުރެވޭވަރު އަންދާޒާ ކޮށްލެވުނެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަން އެނގޭއިރުވެސް، އޭނާއަށް އެކަން އެގޮތަށް ކުރެވެނީއެވެ. ހުރިހާ ހިތްދަތިކަމަކާ ކުރިމަތި ލާނޭ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ރިއުމާންގެ މާގިނަ އެކުވެރިން ނުތިބޭއިރު އެ ހިތުގެ ޙާލުވެސް އޭނާއަށް ހިއްސާ ނުކުރެވެއެވެ. ހުރިހާ ހިތާމައެއް ހިތުގެ އަޑީގައި ފޮރުވައިގެން އުޅެ އުޅެ އޭނާ ވަރުބަލިވެއްޖެއެވެ. އެ އެކަނިވެރިކަން ދެކެ އޭނާ ފޫހިވެއެވެ. ރުޅިއާދެއެވެ. އެހެންނަމަވެސް އެ ހިތުގެ ހާލު އޭނާ ބަޔާން ކުރާނީވެސް ވަކި ކާކު ކައިރީގައި ހެއްޔެވެ؟ އޭނާގެ އެތެރެހަށީގައި އުފެދިގެން އުޅޭ ގިލަންވެރިކަމާއި ވޭނުގެ ސިލްސިލާއަށް ނިމުމެއް އަންނާނީ ކިހިނެއްހެއްޔެވެ؟ ސަޖަލް ބުނިހެން އޭނާއަށް ބޭނުންވަނީ ސައިކޭޓްރިސްޓެއްގެ އެހީހެއްޔެވެ؟ ނޫނީ އޭނާއަށް ބޭނުންވަނީ ކޮންމެވެސް މީހެއްގެ ލޯތްބާއި އެހީތެރިކަން ހެއްޔެވެ؟ ލޯބިވެރި އަތެއްގެ ފިރުމުންހެއްޔެވެ؟ ނޫނީ ހިތުގެ ޙާލު ބަޔާން ކުރެވޭވަރުގެ ގާތް އެކުވެރިއެއްހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ.

އޮފީސް ޕާކިން އޭރިޔާގައި ކާރު ޕާރކު ކޮށްލުމަށްފަހު، އޭނާ އޮފީހަށް ވަންނަން މިސްރާބުޖެހިއެވެ. އެހެންނަމަވެސް އައި ޚިޔާލާއެކު އޭނާ މިސްރާބުޖެހީ އާއްމުކޮށް ގޮސް އުޅޭ ކޮފީ ޝޮޕަށް ގޮސްލުމަށެވެ. ހިސާބަކަށް ބަނޑުހައިކަން އިޙްސާސްވުމާއެކު، އޭނާ ބޭނުންވަނީ ކޮފީއެއްކަހަލަ އެއްޗެއް ބޮއިލާށެވެ. ނަފުސަށް އެއްވެސް ކަހަލަ ހަމަޖެހުމެއް ނުލިބުމާއެކުވެސް އޭނާ ހުރީ އެ އުދާސްކަމަށް ނިމުމެއް ގެންނަން ބޭނުންވެފައެވެ.

އޭނާ ގޮސް ކޮފީ ޝޮޕަށް ވަތްއިރު ކައުންޓަރު ދޮށުގައި ހުރީ އާއްމުކޮށްވެސް އެތަނުން އޭނާއާ ދިމާވާ އަންހެން ކުއްޖާއެވެ.

"އެސްޕްރެސޯއެއް... ޓޭކް އަވޭ ޕްލީޒް..." އާއްމުކޮށް ވެސް އޭނާ ނަގާ ކޮފީއަށް އޯޑަރު ދެމުން އޭނާ ކައުންޓަރު ދޮށުގައި މަޑުކޮށްލިއެވެ. އެއަށްފަހު ފަހަތު ޖީބުގައި އޮތް ވޮލެޓް ނަގާ ލާރި ދައްކަން އަވަސްވިއެވެ. އެ އަންހެން ކުއްޖާ އާދައިގެ މަތިން ރިއުމާންއަށް ތޫނު ނަޒަރެއް ދިނެވެ. ވޮލެޓު މޭޒުމަތީގައި ރިއުމާންއަށް ބޭއްވުނީ އެވަގުތު ފޯނެއް އައުމުން އެއަށް ޖަވާބުދެމުންނެވެ. އެކަން އޭނާއަށް އިޙްސާސްވީ ހެނެއް ހިޔެއްނުވެއެވެ. ފޯނު ކޯލު ނިންމާލާފައި އޭނާ ފޯނުން ކޮންމެވެސް އެއްޗެއް ބަލަން އުޅުނެވެ.

"ދަރިފުޅާ!" ފޯނާ ކުޅެން ހުރި ރިއުމާންއަށް ކުއްލިއަކަށް ފޯނާ ނަޒަރު ވަކިކޮށްލެވުނީ އޭނާގެ ކަންފަތަށް އިވުނު އަޑުގެ ސަބަބުންނެވެ. އެއީ ކާކުގެ އަޑެއްކަން ރީތިކޮށް އޭނާއަށް އެނގެއެވެ. އޭނާ ފަސް އެނބުރި ބަަލައިލިއިރު، އޭނާގެ މަންމަ ސަފީނާ ހުރިތަން ފެނިގެން ދެބުމަ ގޮށްޖަހައިލެވުނެވެ. ސަފީނާގެ ފަހަތުގައި ހުރީ ކާކުކަން އޭނާއަށް ރަނގަޅަށް އެނގުމާއެކު، އޭނާއަށް ރުޅިވެރިކަމާއެކު އެމީހާއަށް ބަލައިލެވުނެވެ. އެއާއެކު އެމީހާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

އެވަގުތު ކޮފީތަށި ކައުންޓަރު މަތީގައި ބެހެއްޓުމުން އެ ނަގަމުން ރިއުމާން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. މިވަގުތު އަދި އަމްދުން އޭނާ ސަފީނާއާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ.

"ދަރިފުޅާ... ދަރިފުޅާ..." ރިއުމާންގެ ފަހަތުން ސަފީނާވެސް ހިނގައިގަތެވެ. އެތަނުން ނުކުމެގެން ހިނގައިގަތް ރިއުމާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސަފީނާ އައި ގޮތަށް އައިސް ރިއުމާންގެ އަތުގައި ހިފެއްޓުމުންނެވެ. އޭރު އެމީހުންނަށް ތިބެވުނީ ކޮފީޝޮޕަށް ވަންނަން އިންނަ ތިން ހަރުފަތުގެ ސިޑީގެ އެއްފަރާތުގައި ހައްދާފައި ހުރި ގަސްތަކެއްގެ ކައިރީގައެވެ.

"ދޫކުރޭ އަހަރެންގެ އަތުން..." ރިއުމާން ރުޅިވެރިކަމާއެކު ބުނެލިއެވެ.

"ދަރިފުޅާ... ކީއްވެތަ މަންމަ ދެކެ ތިހާ ރުޅި އަންނަނީ؟ މަންމައަށް ކީއްތަ ކުރެވުނީ؟" ސަފީނާއަށް ސުވާލުކޮށްލެވުނެވެ. އެ އަޑުގައި ހިސާބެއްގެ ވޭނެއް ވިއެވެ.

"ތި ސުވާލު ކުރާއިރުވެސް އަމިއްލައަށް އެނގޭނެ ކުރެވުނު ކަންތައް... ކޮންމެހެން މާ ނޭނގޭ ކަމަކަށް ހަދާނެ ކަމެއް ނެތް..." ރިއުމާންގެ ރުޅިގަނޑު ހީވަނީ ފަޅައިގެން ދާން އުޅޭހެންނެވެ.

"ދަރިފުޅާ... މަންމައަށް ކުރެވުނު ކަމެއް ވެސް ބުނެލީމައެއްނު އެނގޭނީ... ކީއްވެތަ ރިއުމާން ތިހެން ތި ކަންތައް ކުރަނީ؟" ސަފީނާގެ އަތް ފޮޅުވައިިލި ރިއުމާންގެ އަތުގައި އަނެއްކާވެސް ހިފައްޓަމުން ސަފީނާ ސުވާލުކޮށްލިއެވެ.

"ދޫކުރޭ އަހަރެންގެ އަތުން..."

"ނޫން މިއަދު ޖެހޭނީ ތި ރުޅިވެރިކަމުގެ ސަބަބު ކިޔައިދޭން..." ސަފީނާ ބުނެލިއެވެ.

"ދޫކުރާށޭ އަތުން. އެންމެ ރަނގަޅު. އަޑު އެހުމުގެ ހިތްވަރު ހުންނާނެތަ؟" ހުރި ގޮތަށް ހުރެ ރިއުމާން ބުނެލިއެވެ. އޭނާގެ އެތެރެ ހަށީގައި އުފެދިގެން އުޅޭ ތޫފާންމައިތިރި ނުކުރެވި އޭނާއަށް ހުރިހާ ރުޅިއެއް ބޭލެމުން ދިޔައީ ސަފީނާއަށެވެ.

"ދަރިފުޅާ..."

"އަހަންނަށް ތި ދުލުން ދަރިފުޅާ އޭ ނުކިޔާތި! އަދިވެސް އަހަންނަށް ދެވުނު ދެރަ ކުޑައީތަ؟ އަހަރެން އެހާ މަންމަގެ ލޯތްބަށް ބޭނުންވާއިރު ދޫކޮށްފައި، ގޮސް އައިސް ތި އަހަނީ ކުރެވުނީ ކީއްހޭ؟ ލަދެއް ނުގަނޭތަ؟" ރިއުމާންއަށް ބުނެވުނެވެ. އެއްފަހަރުވެސް އޭނާ ސަފީނާއަށް ބަލައިލާކަށް ގަސްތެއް ނުކުރިއެވެ. އޭނާ ވާހަކަ ދެއްކީ އެ ހުރި ގޮތަށް ސަފީނާއަށް ފުރަގަސްދީގެން ހުރެއެވެ.

"ދަރިފުޅަށް ހަމަ ރަނގަޅަށް އެނގޭނެ ކީއްވެގެންކަން މަންމަ ބައްޕަ ދޫކޮށްލީ... އަދި..."

"އާނ އެސަބަބު އަހަންނަށް ވުރެ ރަނގަޅަށް އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ..." ރިއުމާން ބުނެލިއެވެ.

"ރިއުމާން........ އެއްފަަހަރުވެސް މަންމައަށް ބަލައިލަބަލަ! ބައްޕަގެ އަނިޔާތަކަށް މަންމައަށް ކެތް ނުކުރެވުނިއްޔޭ..."

"އޭގެ މާނައަކީ ބައްޕަ ރަށުގައި ނެތްއިރު އެހެން ފިރިހެނުން ގެއަށް ވެއްދުންތަ؟ އެމީހުންނާ އެކީ އުޅުނު ވިޔާނުދާ އުޅުން އެންމެ ގާތުން ފެނުނީ އަހަންނަށޭ...އެކަހަލަ ކަމެއް އެނގިގެން އަހަރެންގެ ސިކުނޑިއަށް ކުރާނެ އަސަރު އިޙްސާސްއެއް ނުކުރެވުނުތަ؟ ބައްޕަ ރާއްޖޭން ބޭރަށް ދިޔައިމަ ފިރިހެނުން ގެއަކަށް ނުވައްދަންތަ؟ ބުނެބަލަ! ނުވިތާނަށް އެންމެ ބޭނުންވި ދުވަހު އަހަރެން ދޫކޮށްލީ އެއްފަހަރުވެސް އަހަންނަށް ވާނެގޮތެއް އިޙްސާސްއެއް ނުކޮށްލެވުނު، އަހަރެންގެ ހިތުގައި އަޅާނެ ވޭނަކަށް ވިސްނައެއް ނުލި... އެފަދަ ވިޔާނުދާ ގޮތަކަށް ނޫޅިވެސް ބައްޕަ ގާތުން ވަރިވެވެން އޮތީސް. އެކަަމަކު މަންމަވެސް ޚިޔާރުކުރީ އެންމެ ގޯސްގޮތް. ވީއިރު މިއަދު އައިސް އަހަރެން ގާތު ތި ސުވާލުކުރުމުގެ އެއްވެސް ބޭނުމެއް ނެތް... "

ރިއުމާންއަށް އެންމެ ފަހުން ކެތްނުކުރެވި އޭނާގެ އެތެރެ ހަށީގައި އުފެދިގެން އުޅޭ އުދާސްތައް ސަފީނާގެ ކުރިމަތީގައި ބަންޑުން ކޮށްލެވުނެވެ. އޭނާއަށް ކެތް ނުކުރެވުނީއެވެ. ދުނިޔެއަކީ ހާދަ ކެހިވެރިތަނެކެވެ. ތަޤުދީރުގައި އޭނާއަށް އެއްވެސް އުފާވެރިކަމެއް ނެތީބާއޭ ރިއުމާންގެ ހިތަށް އެރިއެވެ. އޭނާއަށް އުފާވެރިކަމެއް ޙައްޤު ނޫނީ ހެއްޔެވެ؟ ހަޤީޤީ އުފާވެރިކަމުގެ އިޙްސާސް އޭނާއަށް ކުރެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އެ ވާހަކަތަކީ މިގޮތަށް އޭނާ ހާމަކުރަން ބޭނުންވި ވާހަކަތަކެއް ވެސް ނުމެނޫންމެއެވެ. އެހެންނަމަވެސް މިއަދު އޭނާގެ ހިތަށް ކެތްނުވީއެވެ. އެ އެކަނިވެރިކަމުން އޭނާއަށް ލިބުނު އުދާސްކަމުން އޭނާގެ ހިތުގެ ކެތްތެރިކަން ކޮޅުންލީއެވެ. ކޮންމެވެސް ކަހަލަ ތަސައްލީއެއް އޭނާގެ ހިތް ބޭނުންވީއެވެ. އެެއީ ހަޤީޤަތް ހާމަކޮށްގެން ވިޔަސް މެއެވެ.

ސަފީނާއަށް ވަގުތުން ރިއުމާންގެ އަތުން ދޫކޮށްލެވުނެވެ. އޭނާއަށް ފަހަތަށް ފިޔަވަޅެއް ވެސް އަޅައިލެވުނެވެ. ލިބުނު ސިހުމުގައި އޭނާއަށް ދެލޯވެސް ބޮޑުކޮށްލެވުނެވެ. ހިތްދިރުވައިލެވުމާއެކު ދެއަތް މުށްކަވައިލެވުނެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ބަސްހުއްޓި މީހާ ގަނޑުވިއެވެ.

މި ހުރިހާ ދުވަހު އޭނާ ހީކުރީ ރިއުމާން އޭނާ ދެކެ ރުޅި އަންނަނީ އޭނާ ރިއުމާން ދޫކޮށްލުމުން ކަމުގައެވެ. އެހެންނަމަވެސް މިއަދު ފުރަތަމަ ފަހަރަށް އެ ސަބަބު ރިއުމާން ހާމަކޮށްލުމުން އޭނާގެ މެއަށްވެސް ދިލަތަދެއް އިޙްސާސްވިއެވެ. ހަމައެއާއެކު އޭނާއަށް ލަދުވެތިކަން އިޙްސާސްވީ އަމިއްލަ ދަރިފުޅުގެ ދުލުން އެފަދަ އެއްޗެއް ބޭރުވެގެން ދިޔައީތީއެވެ. އެސަބަބު އެނގުމުން އޭނާގެ މުޅި ހަށިގަނޑުގައިވެސް ފާޑެއްގެ ފިނިކަމެއް ދައުރުކޮށްލިއެވެ. އެތެރެ ހަށީގައި އުފެދުނު އިޙްސާސްތަކުގެ ސަބަބުން އޭނާއަށް ހިތްދިރުވައިލެވުނެވެ.

"މިހާރު ސަބަބު އެނގިއްޖެއެއްނު... ދެން އަހަރެން ފަހަތުން ނާންނާތި!" އެހެން ބުނެލާފައި ފަހު ފަަހަރަށް ސަފީނާއާ ކުރިމަލުމަށް ރިއުމާން ފަސްއެނބުރުނުއިރު އޭނާގެ ލޮލުގައި އަޅައިގަތީ ކޮފީ ޝޮޕްގެ ދޮރުފަތް ހުޅުވައިގެން ހުރި އަންހެން ކުއްޖާއެވެ. ހުއްޓުން އަރާފައި ރިއުމާންއަށް ބަލަން އެ ކުއްޖާ ހުރުމުން އެދެމީހުން ދެންމެ ދެއްކި ހުރިހާ ވާހަކައެއް އެ ކުއްޖާއަށް އެނގިއްޖެކަމުގައި ރިއުމާންއަށް ޔަޤީން ކުރެވުނެވެ.

(ނުނިމޭ)

comment ކޮމެންޓް