އޮޕަރޭޝަނުގައި ތިން މީހަކަށް އަނިޔާވި، އެކަކު ވަނީ އަމިއްލަ ނަފްސަށް ގެއްލުންދީފައި: ފުލުހުން

މާލޭ ޖަލު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ޖަލުތަކުގައި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކި ތިން ގައިދީއަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން މިއަދު ހިންގި އެ އޮޕަރޭޝަންގައި ފުލުހުން ޓޭޒާ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށެވެ.

އެހެން ނަމަވެސް ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކުރި ކަމަށާއި އެ ދެ މީހުންނަށް ވެސް ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާ ލިބުނު ތިންވަނަ ގައިދީއަކީ މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި ހުއްޓައި ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި، އަމިއްލަ ނަފުސަށް ގެއްލުން ދިން މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފަރުވާ ދިނުމަށް ފުލުހުން ވަނީ އޭނާ މާލެ ގެނެސްފަ އެވެ.

އޮޕަރޭޝަންގައި އެ ތިން ގައިދީން ފިޔަވައި އިތުރު ގައިދީއަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން އެ އޮޕަރޭޝަނުގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން ގިނަ އަދަދެއްގެ ފޯނާއި ސިމްކާޑު ވެސް ވަނީ ހޯދާފަ އެވެ.

މާލޭ ޖަލާއި މާފުށީ ޖަލުން މިއަދު ހޯދި ތަކެތި -- ފޮޓޯ/ ފުލުހުން

އެގޮތުން މާލެ ޖަލުން ސިމް ކާޑާއެކު އެއް ފޯނު އަދި މާފުށީ ޖަލުން ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް