ޖަލުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފި

އޮަޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިން މާލެ އައުން -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ޖަލުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމައިލައިފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލަށް ފުލުހުންނާއި ސިފައިން ވަދެފައި ވަނީ މިއަދު ފަތިހު 05:30ގަ އެވެ.

އެ އޮޕަރޭޝަންގައި މިއަދު ޖަލުތަކުގައި ހަމަނުޖެހުން ހިނގައި، ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ފުލުހުންނާއި ކަރެކްޝަންސް އިން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކަރެކްޝަންސް އިން ބުނީ މިއަދު ހެނދުނުން ފެށިގެން އެ ސާވިސް އާއި ފުލުހުންނާއި ސިފައިން ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ.

ނަމަވެސް އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފަ އެއް ނުވެ އެވެ. އޮޕަރޭޝަންގައި ބައިވެރިވުމަށް މާފުށީ ޖަލަށް ދިޔަ ސިފައިންނާއި ފުލުހުން މިހާރު ވަނީ މާލެ އައިސްފަ އެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރު ވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

ހަމަލާ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ހަމަލާ ދިން ތާ އެއް މަސް ފުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުން ބުނީ ހަމަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އެންމެން މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

އެ ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރާވާއި ހިންގި މީހުންނާއި އަދި ހަމަލާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުން ވެސް ހޯދުމަށް ފޯކަސް ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް