ހޯރަފުށީ އެއާޕޯޓު މަރާމާތުކޮށް ނިންމާލައިފި

މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް، އެއާޕޯޓު އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ގަދަ ވަޔާއި ވިއްސާރައިގައި އެއާޕޯޓަށް އުދަ އަރައި، ޓާމިނަލް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެރަށަށް ވަރަށް ބޮޑަށް އުދަ އެރި އިރު، އުދައިގެ އަސަރު އެއާޕޯޓު ހައިވޭއަށާއި ރަންވޭއަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ.

އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ހައިވޭ އަދި ރަންވޭއަށް ވެއްޔާއި ގާ އަރައި، ލިބުނު ގެއްލުން އެސެސްކޮށް، މަރާމާތުގެ މަސައްކަތްތައް ނިމެންދެން އެއާޕޯޓު އޮތީ ބަންދުކޮށްފަ އެވެ.

އެއާޕޯޓު މަރާމާތުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީއިންނެވެ. އެކުންފުނިން ބުނީ، މި މަހުގެ އަށް ވަނަ ދުވަހު މަރާމާތުގެ މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށެވެ.

ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ގެއްލުންވީއިރު އެ އެއާޕޯޓު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާފައިވަނީ އިންޝުއާވެސް ނުކޮށެވެ.

ހޯރަފުށި އެއާޕޯޓު ތަރައްގީ ކުރުމަށް ޖުމްލަ 211 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ. އެއާޕޯޓު ތަރައްގީކުރުމުގައި ތިމާވެށީގެ ގޮތުން ބޮޑެތި ގޯސްތަކެއް ވަނީ ހަދައިފަ އެވެ.

comment ކޮމެންޓް