މުއިއްޒު ބަލިކޮށް، އެލްޖީއޭ ބޯޑަށް ފުވައްމުލަކު މޭޔަރު އިންތިހާބުވެއްޖެ

މުއިއްޒު އަދި އިސްމާއިލް ރަފީގު --

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބަލިކޮށް, ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު އިންތިހާބުކޮށްފި އެވެ.

އިސްމާއިލް ރަފީގު އެމާގަމަށް ހޮވުނީ, ސިޓީ މެޔަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިހާބުކުރާ މެމްބަރުގެ ގޮތުގަ އެވެ.

މިއަދު ބޭއްވި އެލްޖީއޭ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒުއަށް ލިބުނީ, 21 ވޯޓެވެ. އެމްޑީޕީއަށް ނިސްބަތްވާ އިސްމާއިލް ރަފީގު އިންތިހާބު ކާމިޔާބު ކުރީ 24 ވޯޓުންނެވެ.

އިސްމާއީލް ރަފީގު އެލްޖީއޭ ބޯޑަަށް ހޮވުނީ, ހަތަރު ސިޓީގެ ސކައުންސިލަރުންގެ ވޯޓާ އެކު އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު, އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް އަދި އަތޮޅު ރައީސުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް ހިމަނަން ޖެހެ އެވެ.

އިންތިހާބަކާ ނުލާ އަތޮޅު ކައުންސިލް ރައިސުންގެ ތެރެއިން އެ މަގާމަށް ހޮވިފައިވަނީ, ކ. އަތޮޅުގެ ރައީސް އަދި އިދިކޮޅު ޕީއެންސީގެ ރައީސް އަހްމަދު ނިމާލްއެވެ.

https://sun.mv/152684

އެލްޖީއޭގެ ބޯޑުގެ ދެން ހުރި މަގާމުތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއްވެސް ހިމެނެން ޖެހެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް