ބައިނަލްއަގުވާމީ އާއިލާ އާއި ޑިމޮކްރަސީގެ އަވާމެންދުރު

އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ފުރަތަމަ ވާހަކަ ވާހަކަ އަކީ ބައިނަލްއަގުވާމީ އާއިލާގެ ވާހަކައެވެ.

ބައިނަލްއަގުވާމީ އާއިލާއެއް ނޯވެއެވެ. އޮންނަނީ ބައިނަލްއަގުވާމީ މުޖުތަމައެކެވެ. ގައުމުތަކުގެ މުޖުތަމައެކެވެ. އާއިލާއެއްގައި ނަމަ، އެކަކު އަނެކަކު ދެކެ ލޯބި ވާނެއެވެ. އެކަކު އަނެކަކާ އަޅައިލާނެއެވެ. އެކަކު އަނެކެއްގެ މަސްލަހަތަށް ވިސްނާނެއެވެ. އެކަކު އަނެކެއްގެ ފައިދާއަށް ބަލާނެއެވެ. ހަގީގީ އާއިލާއެއްގައި އެކަކު އަނެކަކަށް ޓަކައި ގުރުބާން ވެސް ވާނެއެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުގައި އާއްމު އުސޫލެއްގެ ގޮތުން ކަން ހިނގަނީ މިހެންނެއް ނޫނެވެ. ތާރީޚުގެ އެއްވެސް ދައުރެއްގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި އާއިލާއެއްގެ އެކުވެރިކަމާއި ގުޅުންތެރިކަމާއި ލޯތްބެއް ނޯވެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ އާއްމު އާދަޔަކީ، ބޮޑު މަހުގެ ޝިކާރައަށް ކުޑަ މަސް ވުމެވެ. ޖަންގަލީގައި ބޮޑެތި ޖަނަވާރާއި ކުދި ޖަނަވާރުތަކުގެ ގުޅުން އޮންނަ ގޮތެވެ. އަންބަރާތޫރީ ދައުލަތްތަކާއި ބޮޑެތި ބާރުތަކުގެ އިސްތިއުމާރީ އަދި ސާމުރާޖީ ނުފޫޒާއި ބާރުގެ ދަށުގައި، ކުދި ގައުމުތަކާއި ބާރު ދެރަ ގައުމުތައް ހަފުސް ކޮށްލުމުގެ ގޮތެވެ. އެންމެހައި އިންސާނުންނަކީ އާދަމުގެ ދަރީން ކަމަށް ވުމާ އެކު، މިއީ ކަން އޮންނާން ޖެހޭ ގޮތެއް ނޫނެވެ. އެކަމަކު، މިއީ އަމަލީ މައިދާނުގައި ކަން އޮންނަ ގޮތެވެ. ދުނިޔޭގެ ގައުމުތަކަކީ "ބައިނަލްއަގުވާމީ އާއިލާއެއް" ނަމަ ކިތަންމެހައި ވެސް ރަނގަޅެވެ. އެކަމަކު، މިއީ ހަގީގަތުގެ ދުނިޔެ އޮތް ގޮތެއް ނޫނެވެ.

ބައިނަލްއަގުވާމީ ގުޅުންތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގެ "އެކުވެރިކަމުގެ" ހަގީގަތްތައް އޮންނަ ގޮތާ މެދު ބުނެވޭ ބަހެއް އޮވެއެވެ. އެއީ، ބައިނަލްއަގުވާމީ ގުޅުންތަކުގައި "ފްރީ ލަންޗް" ނޯވެޔޭ މިއެވެ. މާނަ އަކީ، އެއްވެސް ގައުމަކުން އެހެން ގައުމަކަށް ކަންކަން ކޮށްދެނީ ހިލޭ ނޫން ކަމާއި، ކޮށްދޭ ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައި ވާ އަމިއްލަ އެދުންތަކެއް އޮންނަ ކަމެވެ. ޚާއްސަކޮށް، ބޮޑެތި، ބާރުގަދަ، ނުވަތަ މުއްސަނދި ގައުމުތަކުން ކުދި ގައުމުތަކަށް ކޮށްދޭ ކަންކަމާއި ވެދޭ އެހީތަކުގެ ފަހަތުގައި މުޅީންހެން ފޮރުވިފައި އޮންނަނީ އިސްތިއުމާރީ ނުވަތަ ސާމުރާޖީ އެދުންވެރިކަމެވެ. އާދެ، "ކޮލޯނިއަލް" ނުވަތަ "އިމްޕީރިއަލް" ރޭވުންތަކާއި ލަނޑުދަނޑިތަކެވެ.

މިއީ ކަމުގެ ހަގީގަތް އޮތް ގޮތް ކަމަށް ވީ އިރު، އަޅުގަނޑުމެން ކަހަލަ ކުދި، ބާރެއް ނެތް، އަދި މުއްސަނދިކަމާއި ފައިސާގެ ގާބިލިއްޔަތެއް ނެތް ގައުމުތައް ކަން ކުރާން ވީ ގޮތަކީ ކޮބައިތޯއެވެ؟ ބައިނަލްއަގުވާމީ މުޖުތަމައާ އެކަހެރި ވެގަންނާން ވީތޯއެވެ؟ ގައުމުތަކާ އެކުވެރިކަމާއި ރަހުމަތްތެރިކަމުގެ ސިޔާސަތު ނުގެންގުޅޭން ވީތޯއެވެ؟ ނޫނެކެވެ! އެއްގޮތަކަށް ވެސް އެހެންނެއް ނޫނެވެ. އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ގޮން ޖެހުމުގެ އަމަލެއް ނުހިންގާ، އަދި އެ ގައުމަކާ އެކު ގާތް ގުޅުންތަކެއް ބޭއްވުން އަޅުގަނޑުމެން ގަބޫލު ކުރާ އިންސާނީވަންތަކަމުގެ ހަމަތަކާއި އަދުލުއިންސާފުގެ އުސޫލުތައް މަނާ ނުކުރާ ކޮންމެ ގައުމަކާ އެކު ވެސް، އަޅުގަނޑުމެން ވާނީ ތަހުޒީބީ ގޮތުގައި އެކުވެރިކަން ބާއްވާށެވެ. އިސް ވެ ދެންނެވުނު ހަގީގަތްތަކުގެ މައްޗަށް ބުރަ ވެ އަޅުގަނޑުމެން ކުރާން ޖެހޭ ކަމަކީ، އެކަނި ދުނިޔެއަކަށް އެކަހެރި ވެގަތުމެއް ނޫނެވެ. ކުރާން ވީ ކަމަކީ، ގައުމުތަކާ އެކު އެކުވެރިކަމާއި ރަހުމަތްތެރިކަން ހެޔޮ ގޮތުގައި ބޭއްވުމާ އެކު، ބައިނަލްއަގުވާމީ މުޖުތަމައާއި ދުނިޔޭގެ ކަންކަން ހިނގާ ގޮތާ މެދު ފިސާރި ހެއިލައި ތިބުމެވެ. އަމިއްލަ ގައުމާއި ގައުމުގެ މިނިވަންކަމާއި ޝަޚްސިއްޔަތާ މެދު އަބަދުމެ ލޯ ހުޅުވައިގެން ތިބުމެވެ. ބައިނަލްއަގުވާމީ "އާއިލާ" އޭ، ބައިނަލްއަގުވާމީ "ލޯބިވެރިކަމޭ" ކިޔައިގެން މީހުން ދައްކާހައި ވާހަކަތަކެއްގެ އަވައިގައި ނުޖެހުމެވެ. ކޮންމެ "އެހީ" އަކާ މެދު ފުންކޮށް ވިސްނުމެވެ. "ވިދާހާ އެއްޗަކީ ރަނެއް ނޫނޭ" ބުނެވޭ ދިވެހި ހަރުބަހުގައި އެކުލަވާ ހިކުމަތުގެ ފިލާވަޅު ހިނދުކޮޅަކަށް ވެސް ހަނދާން ނައްތައިނުލުމެވެ. އަބަދު ވެސް ސަމާލުކަމުގައި ތިބުމެވެ. ކަނޑެއްގައި ދަތުރު ކޮށްފައި ދާ ނަވެއްގެ އަހުލުވެރީން، އެ ނަވުގެ ދެ މަޑޫ ދޭތެރެއިން ނުވަތަ މަޑުލަކުން ތަނެއް ހަލާކު ވެގެން ނަވަށް ފެން ވަންނާން ފަށައިފާނޭ ކަމަށް ދުވާލާއި ރެއިގަނޑު ސަމާލު ވެގެން ތިބޭ ފަދައިންނެވެ. އެހެން ނޫނިއްޔާ، އަޅުގަނޑުމެންނަށް ޖެހޭނޭ ދަތުރަކީ ބޮޑު ބާޒާއި ބުޅަލުގެ ވާހަކައިގައި، ބޮޑު ބާޒަށް ޖެހުނު ދަތުރެވެ. ދުރަށް ވިސްނައި ފިކުރު ކުރުމެއް ނެތި، ތިމާގެ ގެއަށް އައިސް ހަދިޔާތައް ދީ ތައުރީފާއި އެކުވެރިކަމުގެ ވާހަކަ ދައްކައިގަންނަ ކޮންމެ މީހަކަށް އިތުބާރު ކޮށްގެން ގެއަށް ވެއްދުމުގެ ނަތީޖާއެއްގެ ގޮތުން ޖެހޭ ނިކަމެތި ހާލެވެ.

"ބައިނަލްއަގުވާމީ އާއިލާ" އެއްގެ ވާހަކަ މި ފަހަރު ދެއްކެވި ބެއިފުޅަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުގައި މި ވަގުތު ޑީ ފެކްޓޯކޮށް ހުންނެވި އަލްފާޟިލް މުޙައްމަދު ނަޝީދެވެ. އޭނާ ވިދާޅުވާ ގޮތުން، އަލިފުދާލު ޖަމްޢިއްޔާގެ ރިޔާސަތުގެ މަގާމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބު ވެފައި ވަނީ، "ބައިނަލްއަގުވާމީ އާއިލާއިން" ރާއްޖެ ބަލައިގެންފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ދިވެހި ދައުލަތުގެ ސިޔާސަތުތައް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ރައްކައުތެރި ކުރުމުގެ މައްޗަށް ބިނާ ކުރެވިފައި އޮތް ނަމަ، "ބައިނަލްއަގުވާމީ އާއިލާ" އެވެ ކިޔައިގެން އަޅުގަނޑުމެން ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން ބައިނަލްއަގުވާމީ މުޖުތަމައާ މެދު ކުރާ އުއްމީދު ދައްކައިދޭ، ހެޔޮ އިބާރާތެއް ކަމަށް ބެލެވިދާނެއެވެ. އަޅުގަނޑުމެންގެ ވެރިކަމުގެ ފަރާތުން، ދުނިޔޭގައި ބާރާއި މަނަސް ފެތުރުމަށް ބޮޑެތި ގައުމުތަކުން ކުޅޭ ކުޅިގަނޑުތަކުގެ ތެރެޔަށް ނުވަދެ، ޚާރިޖީ ސިޔާސަތުގައި މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އޮތް ނަމަ، މިފަދަ އިބާރާތްތަކުން ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންގެ ހެޔޮ އިރާދާ އާއި ހެޔޮ ނިޔަތާއި ހެޔޮ އުއްމީދުތަކުގެ ރަމްޒަކަށް ވީހެވެ.

އެހެން ނަމަވެސް، ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ "ސުޕަރމެޖޯރިޓޭރިއަން" އާރާއި ބާރުގެ ބޭނުން ކޮށްގެން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޝުއޫރުތަކާއި، އިދިކޮޅު ސިޔާސީ ރައުޔުތަކާއި، އަދި ޚުދު ގައުމުގެ ގާނޫނުއަސާސީ ވެސް ފައިދަށު ލުމަށް ފަހު، ބިދޭސީ ބައެއް ބާރުތަކުގެ މަނަހުގެ ދަށަށް ގައުމު ކޮއްޕައި އިނދަ ޖައްސަމުން ގެންދާ ބަޔަކު، "ބައިނަލްއަގުވާމީ އާއިލާ" ގެ ވާހަކަ ދެއްކުމުން، އެ ވާހަކައާ މެދު އަޅުގަނޑުގެ ހިތުގައި އުފެދެނީ ފޫހިކަމެވެ. އެ ވާހަކައިން އަޅުގަނޑަށް ފެންނަނީ ދެފުށްދެގޮތްކަމެވެ. މުނާފިގުކަމެވެ. ނިޔަތް ނުބައިކަމެވެ. އަމިއްލަ ރައްޔިތުންގެ އުއްމީދުތަކާއި އަމިއްލަ ގައުމުގެ މަސްލަހަތު ގުރުބާން ކޮށް، އަމިއްލަ އެދުންތަކަކަށް ޓަކައި ބިދޭސީންނަށް ގައުމު "ޕިމްޕް" ކުރަމުން ގެންދާ ބަޔަކު، ގެއަށް ވައްދައިގެން އުޅޭ ބިދޭސީ ބާރުތަކާ މެދު ރައްޔިތުން ވައު ވެއްދުމަށް ޓަކައި "އެއީ އާއިލާގެ މެންބަރެކޭ" ނުވަތަ "އެއީ ބޮޑުބޭބެއެކޭ" ބުނެގެން ރައްޔިތުން މަގުފުރައްދާން އުޅޭއުޅުމެވެ. ހިންދީ ބައެއް ފިލްމުތަކުގައި ފެންނަ ފަދައިން، އަމިއްލަ އަންހެން ދަރިފުޅު ހިލޭ ފިރިހެނަކަށް ވިއްކައިލާން އުޅޭ ނުބައި އަދި ޚިޔާނާތްތެރި ބަފަޔަކު، ދަރިފުޅުގެ ގާތުގައި ދަރިފުޅު ގަންނާން އައިސް ހުންނަ މީހާ ދައްކައިފައި، "ދަރިފުޅާއޭ މިއީ ނިކަން ރަނގަޅު ބޭބެއެކޭ" ބުނާ ކަހަލަ މަންޒަރެކެވެ.

ދެން އޮތީ ނަޝީދުގެ ވާހަކައިގައި ވިދާޅުވާ "ޑިމޮކްރެސީ"ގެ ވާހަކައެވެ. އޭނާގެ ބަހުން، "ބައިނަލްއަގުވާމީ އާއިލާ" އިން ދިވެހިރާއްޖެ "ބަލައިގަންނަނީ" ދިވެހިރާއްޖެ ޑިމޮކްރަސީގެ މަގުން ކުރިޔަށް ދާތީއެވެ. އާދެ، އަޅުގަނޑުމެން އެއްވެސް ސުވާލެއް، ކަލާމެއް، ވިސްނުމެއް، ފިކުރެއް، ބުއްދިއެއް ނެތި ބަލައިގަނެ ދިރުވައިލާން ވީ ރަސްމީ ރިވާޔަތު ނުވަތަ "އޮފިޝަލް ނެރެޓިވް" އަކީ މިއެވެ. އަޅުގަނޑުމެން ވީ ދިވެހިރާއްޖެ އަކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށް ވެސް ގަބޫލު ކުރާށެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ފުރިހަމަކަން ދެކެ ދުނިޔޭގެ ގައުމުތައް އަޖާއިބުވެ އަންތަރީސް ވެފައި ތިބި ކަމަށް ވެސް ގަބޫލު ކުރާށެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އަލިފުދާލު ޖަމްޢިއްޔާގެ އާއްމު މަޖިލިހުގެ ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގަތީ ވެސް ދިވެހިރާއްޖެ ޑިމޮކްރަސީގެ މޮޅުކަމާއި ރަނގަޅުކަން ފެނިފައި، ދުނިޔެ އަޅުގަނޑުމެން ދެކެ ވީ ލޯތްބެއްގެ ބޮޑުކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ގަބޫލު ކުރާށެވެ!

މައާފު ކުރައްވާށެވެ! އަޅުގަނޑަށް ފެންނަ ހަގީގަތްތަކާ ހުރެ، ނުވަތަ އަޅުގަނޑުގެ ސިކުނޑީގައި ހުރި އުނިކަމަކުން ވިޔަސް، މިއީ ތެދު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އެއް ކަމަކަށް، ދުނިޔޭގެ ގައުމުތައް އެއް ގައުމު އަނެއް ގައުމަށް ލޯބި ކޮށް އިހުތިރާމު ކުރަނީ ޑިމޮކްރަސީ ފުރިހަމަ ވާ މިންވަރަށް ބަލައިގެނެއް ނޫނެވެ. ބައިނަލްއަގުވާމީ ގުޅުންތަކަކީ އެގޮތަށް ހިނގާ ކަމެއް ނޫނެވެ. ނަމަވެސް އެ ނުކުތާއަށް މި ވަގުތު ފޯކަސް ކުރުމުގެ ބޭނުމެއް ނެތެވެ. މި ވަގުތު ދައްކާން ޖެހޭ ވާހަކަ އަކީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ފުރިހަމަކަމާ މެދު ކުރެވޭ ދައުވާގެ ވާހަކައެވެ.

ސުވާލެކެވެ! އަޅުގަނޑުމެންގެ އަވަށްޓެރި، އަދި އަޅުގަނޑުމެންނަށް ވުރެ ހުރިހައި ގޮތަކުން ވެސް ބާރާއި ނުފޫޒު ގަދަ ގައުމެއް ކަމަށް ވާ އިންޑިއާގެ ހިންދޫ ލަޝްކަރުތައް އަރައި މުސްލިމް ދިވެހިރާއްޖެ ހިފުމަށް ގޮވައިލި މީހުން، ޑިމެގޯގަރީ އާއި "ހޭޓް ޕޮލިޓިކްސް"ގެ ވަސީލަތުން ވެރިކަމަށް އައިސް، ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމާއި ދައުލަތުގެ ޚާރިޖީ ވަޒީރުކަން ފަދަ މަގާމުތަކުގައި ތިބެގެން، ގައުމުގެ ހުރިހައި ކަމެއް ތިމާމެން ހިތުހުރި ގޮތަކަށް ހިންގީމާ، އެއަށް ޑިމޮކްރަސީއޭ ކިޔޭނީ ޑިމޮކްރަސީގެ ކޮން ތައުރީފެއްގެ ދަށުންތޯއެވެ؟ އަޅުގަނޑު ފަކީރަށް މިހައިތަނަށް ފެނުނު އެއްވެސް ތައުރީފެއްގައި، އެއީ "ޑިމޮކްރަސީ" އެއްގައި ކުރެވިދާނޭ ކަމެއް ކަމަކަށް ނެތެވެ. އަދިވެސް ފާހަގަ ކޮށްލަމެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް އަލިފުދާލުގެ އާއްމު މަޖިލިހުގެ ރިޔާސަތުގެ މަގާމު ކާމިޔާބު ކުރެއްވެވުނީ އިންޑިއާގެ "ޕަޕެޓެއްގެ" ގޮތުގައި މަސައްކަތް ކުރެއްވުމަށް ޓަކައި، އިންޑިއާގެ "ޕްރޮކްސީ" އެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޓަކައި، އިންޑިއާގެ ނުފޫޒާއި ތާއީދާ އެކު، މި ދަނޑިވަޅުގައި އެމެރިކާ އާއި ޔޫރަޕު ވެސް އިންޑިއާ އާ އެއްގަލަކަށް އަރައިގެން އޮތް އޮތުމުގެ ނަތީޖާއެއްގެ ގޮތުންނޭ އެ ބުނާ ވާހަކަ، އަޅުގަނޑަށް މާ ދެކޮޅު ޖެހެއެވެ. އާއްމު މަޖިލިހުގެ ރައީސެއްގެ ގޮތުގައި ޝާހިދު މަސައްކަތް ކުރައްވާ އިރު އޭނާގެ ޗީފް އޮފް ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޓަކައި، އިންޑިއާއިން އަލިފުދާލަށް ކަނޑައަޅައިފައި ހުންނަ ޑެޕިޔުޓީ ޕާރމަނެންޓް ސަފީރު ނާގަރާޖް ނައިޑޫ ކުމާރު އައްޔަން ކުރެއްވި ކުރެއްވުމަކީ އިއްތިފާގެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރާނަމެވެ. ދިވެހިރާއްޖެ އާއި، ދިވެހިރާއްޖެ ފަދަ ކުދި އެތައް ގައުމަކާއި، ދިވެހިރާއްޖެ ފަދަ އިސްލާމީ އެތައް ގައުމެއް ދުނިޔޭގައި ތިބި އިރު، ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާގެ ބެއިފުޅަކު އައްޔަން ކުރެއްވީ އެއިން އެއަށްވުރެ ރަނގަޅު އެހެން ބެއިފުޅަކު ނެތިގެން، މެރިޓަށް ބައްލަވައިގެން ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ތަމްސީލު ވަމުން މި ދަނީ ހަމަ ރާއްޖެ އަކީ ފުރިހަމަ ޑިމޮކްރަސީއެއް ކަމުގެ ދަލީލުތަކާއި ހުއްޖަތްތައް، ދެއްތޯއެވެ!

ހަރުދަނާ އަދި ރަނގަޅު ޑިމޮކްރަސީއެއް ގާއިމު ކުރެވިފައި ވާ ގައުމެއްގައި ވިއްޔާ، އޮންނާނީ ރައްޔިތުންގެ އަޣްލަބިއްޔަތު ރިވެލި ކުރާ، އަދި ރައްޔިތުންގެ އަޣްލަބިއްޔަތު ތަމްސީލު ކުރާ ގާނޫނު ހަދާ މަޖިލިހެކެވެ. އެ މަޖިލިހުގެ ނިންމުންތަކާއި، އެތަނުން ކުރާ ކަންކަން، ރައްޔިތުންގެ އަޣްލަބިއްޔަތުގެ އިރާދާ ނުވަތަ "ވިލް"ގެ ތަންފީޒު ކުރުންތަކެއް ކަމަށް ވާނީ އެއިރުންނެވެ. ދެން، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް ބަލައިލަމާތޯއެވެ! ދިވެހިރާއްޖޭގައި 6 އޭޕްރިލް 2019 ގައި ބޭއްވުނު ބަރުލަމާނީ އިންތިޚާބުގެ ނަތީޖާޔާ ބެހޭގޮތުން ކޮމަންވެލްތު އޮބްޒަރވަރ ގްރޫޕުން ތައްޔާރު ކޮށް، ކޮމަންވެލްތުން ޝާއިޢު ކުރި ރިޕޯޓު ބައްލަވާށެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި، އިންތިޚާބުގައި ވޯޓު ލީ ދެލައްކަ ފަނަރަ ހާސް ފަންސާސް ތިން މީހުންގެ ތެރެއިން، މޯލްޑިވިޔަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުންނަށް ވޯޓު ލީ ނުވަދިހަ ހަ ހާސް ތިންސަތޭކަ ފަންސާސް ހަތަރު މީހުންނެވެ. އެއީ ވޯޓު ލީ މީހުންގެ އެންމެ 44.80 އިންސައްތަ މީހުންނެވެ. އެމްޑީޕީޔަށް ރައްޔިތުންގެ މަޖިލިހުގައި 65 ގޮނޑީގެ "ސުޕަރމެޖޯރިޓީއެއް" ލިބިފައި ވަނީ ރައްޔިތުންގެ ވޯޓުގެ މި މައިނޯރިޓީގެ ވޯޓުންނެވެ. މާނަ އަކީ، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް މެންބަރުން ހޮވުމުގެ ނިޒާމު މި ހިނގަނީ، ރައްޔިތުންގެ ވޯޓުގެ މިންވަރާއި ބެހުންތައް، މަޖިލިހުގެ ތަޅުމުގައި ތަމްސީލު ވެވޭ ގޮތަށް ނޫންކަމެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި، މި ދެންނެވި ބޮޑު މައްސަލަ ނުކުތް ހިސާބުން، މަޖިލިހުގެ "އިލެކްޓޯރަލް ނިޒާމު" އިސްލާހު ކުރާން ވަގުތުން މަސައްކަތް ނުފެށީ ކީއްވެގެންތޯއެވެ؟ ރައްޔިތުންގެ އެންމެ 44.80 އިންސައްތަ ކަމަށް ވާ މައިނޯރިޓީއެއް، މަޖިލިހުގައި 75 އިންސައްތައިގެ "ސުޕަރމެޖޯރިޓީ" އަކަށް ތަރުޖަމާ ވެގެން ދިޔުން، އެއީ ޑިމޮކްރަސީ ކަމަށް ވާނޭ ގޮތަކީ ކޮބައިތޯއެވެ؟ ޑިމޮކްރަސީގެ ޗެންޕިއަނުން ކަމަށް ދައުވާ ކޮށް، ގައުމު ދުސްތޫރީ ގޮތުންނާއި ނިޒާމީ ގޮތުން އިސްލާހު ކުރާނަމޭ ކިޔައި ދައުވާ ކުރާ މީހުން، މި ހަގީގަތުގެ ވާހަކަ ނުދެއްކީ ކީއްވެގެންތޯއެވެ؟ ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި، ޑިމޮކްރަސީގެ ނަޒަރުން ބަލާ އިރު، ހުރި އެންމެ ބޮޑު މައްސަލަ ކަމަކަށް ބެލެވޭ ފަދަ މި މައްސަލަ، މައްސަލައަކަށް ނުވީ ކީއްވެގެންތޯއެވެ؟

ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އަދި މައިގަނޑު އަސާސަކީ، ރައްޔިތުންގެ އަގީދާތަކާއި ގަބޫލުކުރުންތަކުގެ އަސާސުގައި ގައުމު ހިންގުމެވެ. ރައްޔިތުންގެ އިރާދާ އާއި ބަހާ އެއްގޮތަށް ދައުލަތުގެ ހުރިހައި ކަމެއް ބައްޓަން ކުރުމެވެ. ރައްޔިތުންގެ ޝުއޫރާއި ވިންދާއި އުއްމީދުތަކާ އެއްގޮތަށް ދައުލަތުގެ ކަންކަން ދާޚިލީ އަދި ޚާރިޖީ އެންމެހައި ކަންކަމުގައި ހިނގަމުން ދިޔުމެވެ. ރައްޔިތުންގެ މަސްލަހަތުތަކާއި، ރައްޔިތުންގެ ގައުމިއްޔަތުގެ މައްޗަށް ދައުލަތް ބިނާ ވެފައި އޮތުމެވެ. ވެރިކަމުގައި ތިބޭ ބަޔަކު، އެ ވެރިކަމަކީ ތިމާމެންނާ ހަވާލު ވެފައި ވާ އަމާނާތެއް ކަން ދަނެގެން، އެ އަމާނާތުގެ ވެރީން ކަމަށް ވާ ރައްޔިތުންގެ ގައުމީ ޝަޚްސިއްޔަތަށް ތެދުވެރި ވުމާ އެކު، ރައްޔިތުންގެ ފިކުރާއި އެދުންތަކާ އެއްގޮތަށް ވެރިކަމުގެ އެންމެހައި ކަންކަން ބައްޓަން ކުރުމެވެ. ރައްޔިތުން ކުރެ ބާރުގަދަ ނުވަތަ އަޑުގަދަ މަދު ބައެއްގެ އެޖެންޑާތަކުގެ ބަދަލުގައި، ރައްޔިތުންގެ އަޣްލަބިއްޔަތުގެ ވިސްނުމާ އެއްގޮތަށް ހުރިހައި ކަމެއް ވެސް ކުރުމެވެ.

ދެން، އިންސާފު ކުރައްވާށެވެ!

ފުރަތަމަ ކަމަކަށް، އެމްޑީއެން އެވެ ކިޔުނު "އިސްލާމޮފޯބިކް" ޖަމްއިއްޔާއަކުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ ޚިލާފަށް، ދިވެހި ރައްޔިތުންގެ 90 އިންސައްތައަށް ވުރެ ގިނަ މީހުންގެ ދީން ކަމަށް ވާ އިސްލާމް ދީނާ މެދު އެއްވެސް އަސާސެއް ނެތި ނަފްރަތާއި ދޮގުތަކުން ރިޕޯޓު ލިޔުނީމާ، ދިވެހި ރައްޔިތުން ކަރު ފަޅައިގެން ދާ ވަރަށް އެމީހުންގެ މައްޗަށް ގާނޫނު ހިންގާށޭ ބުނުމުން، ދައުލަތް ހިންގާން ތިބި މީހުން ހެދީ ކިހިނެއްތޯއެވެ؟ ދިވެހި ރައްޔިތުންގެ އިރާދާ އާއި ޝުއޫރުތަކާއި އެދުމަށް އިހުތިރާމު ކޮށް، ދިވެހި ޑިމޮކްރަސީގެ ބިންގާ ކަމަށް ވާ ގާނޫނުއަސާސީ އާއި ގާނޫނުގެ ބާރު ހިންގީތޯއެވެ؟ ނުވަތަ މި ހުރިހައި އެއްޗެއްސަށް ކުޅު ޖެހުމަށް ފަހު، އެ ޖަރީމާ ހިންގި މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކަށް ލައި، އެމީހުންނަށް ހިމާޔަތާއި ރައްކައުތެރިކަން ދިނީތޯއެވެ؟ ކަން ކުރެވުނީ ހަމަ ޑިމޮކްރަސީގެ އުސޫލުންތޯއެވެ؟

ދެވަނަ ކަމަކަށް، "ނަފްރަތު ހުއްޓުވާށޭ" ކިޔައިގެން، ދިވެހި ރައްޔިތުންގެ 90 އިންސައްތައަށް ވުރެ ގިނަ ބައެއްގެ ޝުއޫރުތައް ޒަޚަމް ކުރަމުން، އިސްލާމް ދީނާ ދެކޮޅު އަދި އިސްލާމޮފޯބުން ރައްކައުތެރި ކުރާ ގާނޫނެއް ހަދާން މިހާރު އެ އުޅޭ އުޅުން ފެތޭނީ ކޮން ގޮޅިއަކަށްތޯއެވެ؟ އެއީ ޑިމޮކްރަސީތޯއެވެ؟ ގައުމެއްގެ ރައްޔިތުންގެ 90 އިންސައްތައަށް ވުރެ ގިނަ މީހުން އެ ދީނަކަށް ލޯބި ކުރާ އަދި ތަބާ ވާ ދީން ނިކަމެތި ކުރުމަށް، ރައްޔިތުން ރެޔާ ދުވާލު އިއްވަމުން ގެންދާ ބަސްތަކަށް ގޮން ޖަހައިފައި، މަސައްކަތް ކުރާ ކުރުން ޑިމޮކްރަސީއަށް ވާ ގޮތަކީ ފަހެ ކޮބައިތޯއެވެ؟

ތިންވަނަ ކަމަކަށް، އިންޑިއާގައި މިހާރު އޮތް ކަނާތު ފިޔައިގެ ހަރުކަށި ބީޖޭޕީ ސަރުކާރުގެ އިސްތިއުމާރީ އަދި ސާމުރާޖީ ރޭވުންތަކާއި އަމަލުތަކުގެ ބިރުވެރި އުޑިއެއްގައި ދިވެހި ގައުމު ފިތެމުން ގޭނެމުން މިއޮއް ދަނީއެވެ. އެ ސަރުކާރަކީ ގުޖުރާތުން ދިއްލީން ކަޝްމީރާ ހަމަޔަށް މުސްލިމުންގެ ލޭގެ ކޯރުތައް ދަމައިލި، އަދި ދުނިޔޭގައި މިހާރު އޮތް ސަރުކާރުތަކުގެ ތެރެއިން އިސްލާމް ދީނާއި މުސްލިމުންނާ މެދު ފައުޅުގައި އެންމެ ބޮޑު އަދާވާތްތެރިކަމެއް ދައްކަމުން ގެންދާ ސަރުކާރެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލިހަކީ ބީޖޭޕީގެ އަމުރު މި ގައުމުގައި ހިންގުމަށް އޮތް ކައުންސިލަކާއި ގަވަރުނަރު އޮފީހަކަށް ވެ ނިމިއްޖެއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަކީ "އޮކިޔުޕޭޝަން މެނޭޖްމަންޓް އޮފީހަކަށް" ދަނީ ބަދަލު ވަމުންނެވެ. ބީޖޭޕީ ސަރުކާރުން ބޭނުން ދިވެހިރާއްޖޭގެ ކޮންމެ ތަނެއްގައި، އެ ބައެއްގެ އަތްތައް ކަޝްމީރީ މުސްލިމް ލެއިން ތަތް ތެޅިފައި ވާ ހިންދޫ ސިފައިން ބައިތިއްބައި އަސްކަރީ ވަސީލަތްތައް ގާއިމު ކުރަނީއެވެ. ބީޖޭޕީ ސަރުކާރުން ހިތުހުރި ގޮތަކަށް ލިޔެ އިބާރާތް ކޮށްގެން ގެނައި ކޮންމެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން އާދެ މަ ސާހިބާއޭ ބުނަމުން ސޮއި ކުރަނީއެވެ. އެ އެއްބަސްވުންތަކުގައި ހުރީ ކޮން އެއްޗެއް ހެއްޔޭ ދިވެހި ރައްޔިތުން ސުވާލު ކުރީމާ، އެއީ ކަލޭމެން ބަލާކަށް ޖެހޭ އެއްޗެއް ނޫނޭ ބުނެ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އެ އެއްބަސްވުންތައް ސިއްރު ކޮށް ފޮރުވަނީއެވެ. އަދި ސިއްރު ކޮށް ފޮރުވާ ސަބަބާ ބެހޭގޮތުން ގުރޭޑު ހަތެއްގެ ދަރިވަރަކު ވެސް ގަބޫލު ނުކުރާ ޒާތުގެ ރޯ ބުހުތާން ދޮގުތައް ހަދަހަދައިގެން، ދިވެހި ރައްޔިތުންގެ ބުއްދިތަކަށް ފުރައްސާރަ ވެސް ކުރަނީއެވެ. ބުނެވޭ ގޮތުގައި، ދިވެހި ސަރުކާރުގެ އިސް ވެރީންނާއި ރައްޔިތުންގެ މަޖިލިހެކޭ ކިޔައިފައި އޮންނަ ތަނުގައި ތިބޭ އެތައް ބަޔަކާއި، ޚުދު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެސް އެތައް ބަޔަކު ތިބީ ބީޖޭޕީ ސަރުކާރުގެ ދަށުޖެހިފަ އެވެ. ބުނެވޭ ގޮތުގައި، ދިވެހިރާއްޖޭގެ މީޑިއާގެ އެތައް އިދާރާތަކަކަށާއި އެތައް ނޫސްވެރީންނަށް "އޮކިޔުޕޭޝަން މެނޭޖްމަންޓް އޮފީހުން" ގެންދަނީ، ބީޖޭޕީގެ މަސްލަހަތު ރައްކައުތެރި ކޮށް، ދިވެހި ގައުމަށް ކުރިމަތި ވެފައި އޮތް ބިރުވެރިކަމާ މެދު ރައްޔިތުން ކަނު ކުރުމުގެ ލިޔުންތައް ލިޔުމަށް ޓަކައި ރިޝްވަތު ބަހަމުންނެވެ. މިއީ ތެދު ކަމަށް ވަންޏާ، މިއަދަކީ ދިވެހި ތާރީޚު ދެކެފައި ވާ އެންމެ ކަޅު އެއް ދުވަހެވެ. މިއީ ތެދު ކަމަށް ވަންޏާ، ދިވެހި ބިމުގައި ދިވެހި ގައުމާ ދެކޮޅަށް ހިންގެމުން މި ދަނީ މުޙައްމަދު ތަކުރުފާނާއި ޢަލި ރަސްގެފާނާއި ދޮން ބަންޑާރައިންނާއި ޝަހީދު ޙުސައިން އާދަމަށް ހަމަޖެހުމާ އެކު ގަބުރުގައި ވެސް ނުތިއްބެވޭ ފަދަ ބިރުވެރި ޖަރީމާތަކެވެ. އެކަމަކު މި ކަންކަން ބަލާނޭ ބަޔަކު ނެތެވެ. މި ކުށްތައް ތަހުގީގު ކުރާނޭ ބަޔަކު ނެތެވެ. ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށް ޓަކައި ފުރާނައިން ގުރުބާން ވާނަމޭ ބުނެ ހުވައި ކޮށް، ރައްޔިތުންގެ ފައިސާއިން މުސާރަ ކައިގެން ތިބޭ އަސްކަރީ ވެރީން ތިބީ މި ކުޅިގަނޑު ތަންފީޒު ކޮށްދޭ އެހީތެރީންގެ ގޮތުގައެވެ. މިކަމާ ދެކޮޅަށް ގައުމަށް ހެޔޮ އެދޭ ލިޔުންތެރީންނާއި ޅެންވެރީން އެމީހުންގެ ޝުއޫރުތައް ރެޔާ ދުވާލު ފައުޅު ކުރަނީއެވެ. މީސްމީޑިއާގައި ރައްޔިތުން އެކަމާ ދެކޮޅަށް އުތުރެނީއެވެ. ދިވެހި ސަރުކާރުން ތިޔަހެން ނުހައްދަވާށޭ ބުނެ ރޮއި އާދޭސް ކުރަނީއެވެ. އެކަމަކު ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އޮތީ ރައްޔިތުންނަށް ގޮން ޖަހައިފައި، ބީޖޭޕީ ސަރުކާރުގެ އޯޑަރުތައް ތަންފީޒު ކުރުމުގައެވެ. މާދަމާ ދިވެހި ރައްޔިތުން އުޅޭން ޖެހޭނީ ކަޝްމީރުގެ ރައްޔިތުން އުޅޭ ހާލުގައި ތޯ، ނުވަތަ މިއަދު ލަކްޝަދީބުގެ ރައްޔިތުން އެތިބި ހާލުގައިތޯ މި ސުވާލު މިއަދު ވެފައި ވަނީ ބޮޑު ސުވާލަކަށެވެ. މި ކަންކަން ކުރަމުން މި ގެންދަނީ، ބޮޑު އާލަމީ ވަބާއެއްގެ ދަށު ވެ ދިވެހި ގައުމު އިނދަ ޖެހި، އެތައް ރައްޔިތުންނެއް މަރު ވެ، އެތައް އާއިލާތަކެއް އިގުތިސާދީ ގޮތުން ބިކަ ވެ، ހިތާމައިގެ މައްޗަށް ހިތާމަ ޖެހިފައި އޮތް ދަނޑިވަޅެއްގައި، ދިވެހި ރައްޔިތުންނާ މެދު އެއްވެސް ކުލުނެއް އަދި ރަހުމެއް ނެތް ގޮތުގައި ކަމީ، ބަޔަކު އަޖާއިބު ވެ އަންތަރީސް ވާނޭ ކަމެކެވެ. އަމިއްލަ ލެޔާ މެދު މިފަދަ އިހާނެތި ގޮތެއްގައި ކަން ކުރުން ހެޔޮ ވާނޭ ގޮތަކީ ކޮބައިތޯއެވެ؟ މިއަށް ވެސް ކިޔާނީ ހަމަ ޑިމޮކްރަސީއޭ ތޯއެވެ!

ޑިމޮކްރަސީގެ މަފްހޫމާއި ތައުރީފު ލާޒިމު ކުރާ ކަންކަމުގެ އިތުރުން، ހަރުދަނާ އަދި ރަނގަޅު ޑިމޮކްރަސީތަކުގައި ފުރިހަމަ ވާން ޖެހޭ ކަމަށް ގަބޫލު ކުރެވޭ އެހެން މަބްދައުތަކަކާއި އުސޫލުތަކެއް ވެސް ހުރެއެވެ. ފާއިތު ވެދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި، އެ ހުރިހައި އުސޫލުތަކެއް ހެން ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން މުގުރައިލައިފައި ވެޔޭ އަޅުގަނޑު ދަންނަވައިފިއްޔާ، ބައެއް ބެއިފުޅުން ދަންނަވާނީ އަޅުގަނޑު ޒާތީ ވެގެން، ސިޔާސީ ވެގެން ވާހަކަ ދައްކަނީ ކަމަށެވެ. ނަމަވެސް އެއީ ހިތި ހަގީގަތެވެ. ބައެއް ކަންކަމަށް ބަލައިލަމާ ހިންގަވާށެވެ.

އެއް ކަމަކީ، އަޣްލަބިއްޔަތުގެ ބާރުގެ ދަށުން ވެރިކަން ހިންގާ އިރު ވެސް، ބައިމަދު ޖަމާއަތްތަކާއި އިދިކޮޅު މީހުންނާ މެދު އަނިޔާވެރި ނުވުމެވެ. އެއީ ވެސް ގައުމީ އަޚުން އަދި އުޚްތުންގެ ގޮތުގައި ބެލުމެވެ. އެމީހުންނަށް އިހުތިރާމު ކުރުމެވެ. ގައުމު ހިންގުމުގައި އެމީހުންގެ ރައުޔަށް ވެސް ކޮންމެވެސް ވަރަކަށް ނަމަވެސް ބެލުމެވެ. ގާނޫނުގެ ރައްކައުތެރިކަން ސިޔާސީ ގޮތުން ތިމާމެންނާ އިދިކޮޅު މީހުންނަށް ވެސް ހަމަހަމަ ގޮތެއްގައި ލިބިދިނުމެވެ. ނަމަވެސް މިއަދު ދިވެހި ސިޔާސީ މަސްރަހުގައި އިދިކޮޅު ސިޔާސީ އަޑު ވަނީ ކަނޑުވައިލެވިފައެވެ. އެއް ކުށެއްގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ދައުވާ ކުރެވި، ޝަރީއަތް ކުރެވި، އެމީހުން ޖަލަށް ލެވޭ އިރު، ސަރުކާރާއި މަޖިލިހުގެ "ގުޑް ބުކް"ގައި ތިބޭ މީހުން މިނިވަންކަމާ އެކު އުޅެނީއެވެ. އެހެންޏާ ގޭގައެވެ. ނުވަތަ އިނގިރޭސި ވިލާތުގައި، ފެންނަ އަދި "އަތުޖެހޭ" ހިސާބުގައި "ފިލައިގެން" ނެވެ. ބައެއް މީހުން ކުށްތަކަށް އަރައިގަތުމުން ކޯޓުތަކުގައި ދައުވާ އުފުލޭ އިރު، ހަމަ އެ ކުށްތައް އެހެން މީހުން ކުރުމުން ކޯޓުން ބޭރުން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ތެރެއިން އެމީހުންގެ ކިބައިގައި "ކުށުގެ ނިޔަތް" ނެތް ކަމަށް "ހުކުމް" ކުރެވިގެން މައްސަލައިގެ ފައިލުތައް ބަންދު ކޮށްލެވެނީއެވެ. މަޖިލިހުގެ ޖަލްސާތައް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް، ގަދަބަދަވިކަމުގެ ބޭނުން ކޮށްގެން، އިދިކޮޅު މެންބަރުން ބިންމަތީގައި ދަމައި ތަޅުމުން ބޭރު ކޮށްގެން އެބަ ކުރިޔަށް ގެންދެއެވެ. މަޖިލިހާއި ސަރުކާރުގެ ކަޅު ލިސްޓުގައި ނަން އޮންނަ ސިޔާސީ ލީޑަރުން ނުވަތަ ރައްޔިތުން އަނބިދަރީންނާ އެކު މަގުމަތީގައި އުޅެނިކޮށް، ވެރިކަން ކުރާ ޕާޓީގެ އެކްޓިވިސްޓުން އެމީހުންނާ ދިމާ ކޮށް ހުތުރު އެއްޗެތި ގޮވައި، ބިރު ދައްކައި، އަމާންކަމާ އެކު މުޖުތަމައުގައި ދިރިއުޅުމުގެ އަސާސީ ހައްގު އެމީހުންގެ ކިބައިން ނިގުޅައިގަނެ، ގާނޫނުލްއުގޫބާތުގައި ތަޖުރީމު ކުރެވިފައި ވާ ކުށްތަކެއް ކުރުމުން، ރައްޔިތުންގެ މަޖިލިހުގެ ސުޕަރމެޖޯރިޓީން ފާސް ކުރަނީ އެކަމަށް ތާއީދު ކޮށް، އެފަދަ ކަންކަން އިތުރަށް ވެސް ކުރާން ޖެހޭ ކަމަށް ބުނާ ގަރާރެވެ. މި ކަންކަމަށް ބެލުމުން، އިދިކޮޅު ފަރާތްތަކާއި، ބާރު އޮތް މީހުންނާ ފިކުރު ތަފާތު މީހުންނާ މެދު އަމަލު ކުރެވެނީ ކޮން ގޮތަކަށްކަން ސާފެވެ. އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކު ގާނޫނު ހިންގޭ މިންވަރު ވަރަށް ރީތިކޮށް އެބަ ފެނެއެވެ. މިއީ ޑިމޮކްރަސީތޯއެވެ؟

އަނެއް ކަމަކީ، ގާނޫނުއަސާސީއަށް ބޯލެނބުމާއި، ގާނޫނުގެ ހުކުމް ނުވަތަ "ރޫލް އޮފް ލޯވ" ނެގެހެއްޓުމާއި، ބާރުތައް ވަކި ވުމުގެ މަބްދައު ދެމެހެއްޓުމާއި، ޖުޑީޝަރީގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރުމަތްތެރިކޮށް ހިތުމާއި، މިނިވަން އަދި މުސްތަގިއްލު ޖުޑީޝަރީގެ ވަސީލަތުން ސަރުކާރާއި މަޖިލިސް ވެސް ގާނޫނުއަސާސީއަށް ޖަވާބުދާރީ ވުމެވެ. މީގެ ތެރޭގައި ވެސް، މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ "ސުޕަރމެޖޯރިޓީ" އާއި ސަރުކާރު ގުޅިގެން މުގުރައިނުލާ އެއްމެ އުސޫލެއް ވެސް ނެތެވެ. ހަނދުމަފުޅު ކުރައްވާށެވެ! ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެކުލެވުން އޮތް ގޮތުން އެ ކޮމިޝަނުގައި ސިޔާސީ މީހުން ތިބޭތިބުމަކީ ޖުޑީޝަރީ މިނިވަން ނުވާނޭ ސަބަބު ކަމަށް، 2018 ގެ ކުރީން މި އެންމެ ބެއިފުޅުން ހަރު އަޑުން ވިދާޅުވަމުން ގެންދެވިއެވެ. ދެން، 2018ގައި ވެރިކަން، އަދި 2019ގައި މަޖިލިހުގެ ސުޕަރމެޖޯރިޓީ ލިބިވަޑައިގަތުމުން ހެއްދެވީ ކިހިނެއްތޯއެވެ؟ އެ ކޮމިޝަން މިނިވަން ކުރެއްވީތޯއެވެ؟ ނުވަތަ އެތަނަށް އެމްޑީޕީގެ ލީޑަރުންނާއި އެކްޓިވިސްޓުން ލައްވަވައިގެން، އެ ތަނަކީ އެމްޑީޕީގެ ގޮތްޕަކަށް ބަދަލު ކުރެއްވީތޯއެވެ؟ ކޯޓުތަކާ މެދު ކަން ކުރެއްވި ގޮތް ބައްލަވާށެވެ! ސުޕްރީމް ކޯޓުގެ ވާހަކަ އެކަނި ދައްކާ ނަމަ، 2019 ވަނަ އަހަރުގެ ތެރޭގައި، ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން މަގާމުން ވަކި ކުރެއްވިއެވެ. ދެން، ގާނޫނުއަސާސީއާ ޚިލާފަށް ހުސް ކުރެވުނު ފަނޑިޔާރުކަމުގެ ގޮނޑިތަކަށް އެހެން ބެއިފުޅުން ލެއްވެވިއެވެ. އެ ލެއްވެވި ބައެއް ބެއިފުޅުންނަކީ، އިސްލާމީ ޝަރީޢަތުގެ އެއްވެސް އިލްމެއް ނެތުމުގެ ސަބަބުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ވެސް ހަމަ ނުވާ – އާދޭހެވެ! އިސްލާމީ ޝަރީޢަތުގެ އިލްމު މަތީ ދަރަޖައިގައި ހާސިލު ކޮށްފައި ނުވާ މީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ލުން ދިވެހި ގާނޫނުއަސާސީ ހުއްދަ ކުރާ ކަމަށް ހީކުރާ މީހަކަށް އަދި ގާނޫނެއް ނޭނގެއެވެ – ބެއިފުޅުންނެވެ. ބައެއް ބެއިފުޅުންނަކީ، އިއްޔެ އެމްޑީޕީގެ މަގުމަތީ ތަހުރީކުގައި ރީނދޫ ގަމީސް ތުރު ކުރައްވައިގެން، ގާނޫނީ ވަކީލުންގެ ޕްރޮފެޝަނުގެ ސުލޫކީ މިންގަނޑުތަކަށް ވެސް ގޮން ޖައްސަވަމުން އުޅުއްވި ބެއިފުޅުންނެވެ. ނަތީޖާއެއްގެ ގޮތުން، މިއަދު ދިވެހިރާއްޖޭގައި އޮތީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށުގައި އޮންނަ، ދުސްތޫރީ ޝަރްޢިއްޔަތު ނެތް އެތައް ފަނޑިޔާރުންނެއް ތިއްބެވި، "ޑީ ފެކްޓޯ" ސުޕްރީމް ކޯޓެކެވެ. ދުސްތޫރުގެ މާއްދާތަކުގައި މިނިވަން އަދި މުސްތަގިއްލު ފަނޑިޔާރުގެއެއްގެ ގޮތުގައި ބިނާ ކުރި ޖުޑީޝަރީ، ރައްޔިތުންގެ މަޖިލިހުގެ "ސުޕަރމެޖޯރިޓީ" އާއި އެމްޑީޕީގެ އަތުގައި އެއް ކޮޅު އޮތް ވައުގަނޑެއްގެ އަނެއްކޮޅު އޭގެ ކަރުގައި އެއްސިފައި އޮތް "ޕެޓަކަށް" ވެއްޖެއެވެ. ފަނޑިޔާރުގޭގެ މިނިވަންކަމާއި، މިނިވަން ފަނޑިޔާރުގޭގައި ރައްޔިތުންގެ މަޖިލިހާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަބްދައާއި އެ މަބްދައު ކަނޑައެޅި ދުސްތޫރީ ނައްސުތައް ދިރިތިއްބައި ވަޅުލެވިއްޖެއެވެ. މިއީ "ޑިމޮކްރަސީ" ކަމަށް ވަންޏާ، އަޖާއިބުން އަޖާއިބެވެ!

މި ކަހަލަ އެތައް ވާހަކައެއް އަދިވެސް އެބަހުއްޓެވެ. ނަމަވެސް މި ހިސާބަށް ކުރު ކޮށްލާނަމެވެ. މި ދެންނެވި މިންވަރުން ވެސް، ދިވެހިރާއްޖެ އަކީ "ޑިމޮކްރަސީގެ ނަމޫނާއެކޭ" ވިދާޅުވެގެން އެ ދައްކަވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގުވެރި ވާހަކަތައްކަން ވިސްނާ ބަޔަކަށް ސާބިތު ވާނެއެވެ. ގައުމެއްގައި ޑިމޮކްރަސީ އޮންނާނީ އިޚްލާސްތެރި، ތެދުވެރި، ގައުމުގެ ރައްޔިތުންގެ ޝަޚްސިއްޔަތާއި ފިކުރާއި އުއްމީދުތައް ދެނެގެން، އެ ކަންކަމުގެ މަތީގައި، ރައްޔިތުންނާއި ގައުމު ދެކެ ލޯބީން، ވެރިކަން ކުރާ ބަޔަކު ވެރިކަމުގައި ތިބެގެންނެވެ. އެފަދަ ޑިމޮކްރަސީއެއް ރާއްޖޭގައި މިއަދު ނެތީ އެކަންޏެއް ނޫނެވެ. ދިވެހި ރައްޔިތުން މިހާރު އެ ޣަފުލަތެއްގެ ނިދީގައި ތިބި ޣަފުލަތުން ވަރަށް މަތިވެރި ހެއިލުމަކުން ހަމަ މިއަދު ހެއިނުލައިފިއްޔާ، އެ ޑިމޮކްރަސީ އަންނާކަށް ދިވެހި ގައުމެއް ވެސް މާދަމާ ވުޖޫދުގައި ނެތުން އެކަށީގެން ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް