ޔޫރޯ 2020: ފަސޭހަކަމާ އެކު ތުރުކީ ބަލިކޮށް އިޓަލީއަށް ވަރުގަދަ ފެށުމެއް

ތުރުކީ އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 3-0 ން

ޔޫއެފާ ޔޫރޯ 2020 ގެ ފުރަތަމަ މެޗުގައި ރޭ ފަސޭހަކަމާ އެކު ތުރުކީ ބަލިކޮށް އިޓަލީން ފެށުން ރަނގަޅު ކޮށްފި އެވެ.

ޖުމްލަ 11 ސިޓީއެއްގައި ޔޫރޯ ހޯސްޓް ކުރަމުންދާ އިރު، ކުލަގަދަ ރަސްމިއްޔާތަކާ އެކު މުބާރާތް ފެށީ އިޓަލީގެ އެންމެ ޝަރަފުވެރި ސިޓީ ރޯމްގަ އެވެ. ރޯމްގެ އެސްޓާޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު ގްރޫޕް އޭގެ މެޗު އިޓަލީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު އެ މެޗުން އިޓަލީން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗު ފަށައިގެން، ނިމެންދެން ވެސް ޑޮމިނޭޓް ކޮށްގެން މޮޅަށް ކުޅެމުން ދިޔަ އިޓަލީން ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފައްދައިފަ އެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓުގައި އެ ގައުމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީއަށް ވަނީ އޭރިއާތެރިން ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އޭރިއާ ތެރޭ ހުހަށްހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ތުރުކީގެ ކީޕަރު ގޯޚާން އައްކަންއެވެ. އަދި އޭގެ ތިން މިނެޓު ފަހުން އިޓަލީގެ ޑޮމެނިކޯ ބެރާޑީއަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

މީގެ އިތުރުން އެ ހާފުގައި އިޓަލީން ތުރުކީގެ ޑިފެންޑަރުން އަތުގައި ޖެހުނު ގިނަ ބޯޅަތަކެއްގައި ޕެނަލްޓީ އަށް އެޕީލްކުރި އެވެ. އެކަމަކު މެޗުގައި އިންސާފުކުރި ނެދަލެންޑްސްގެ ރެފްރީ ޑެނީ މަކީލީ އަށް ޕެނަލްޓީއެއް ކަމަށް ނުފެންނާތީ ނުދިނެވެ. ޔޫރޯގައި މުޅިން އަލަށް މިފަހަރު ވީއޭއާރު ބޭނުން ކުރާ އިރު، ރޭގެ ނިންމުންތަކަށް ވަނީ އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން އިޓަލީން އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު، މެޗުގެ 53 ވަނަ މިނެޓުގައި އިޓަލީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މިއީ ތުރުކީގެ މެރިހް ޑެމިރަލްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި އިޓަލީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ޗީރޯ އިމޮބިލޭއެވެ.

މެޗުގެ ތިންވަނަ ގޯލު އިޓަލީއަށް ޖަހައިދިނީ ފުރަތަމަ ހާފުގައި ބޭކާރު ކޮށްލެވުނު ޗާންސަށް ބަދަލު ހިފީ އިންސީނިއާ އެވެ. އަރިމަތިން އަރައި ފަސޭހަކަމާ އެކު ނިންމާލި ބޯޅަ އަނބުރާލީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. ވަރަށް ހިތްގައިމު ގޯލެކެވެ.

މި ނަތީޖާއާ އެކު އިޓަލީން ވަނީ މެޗަކުން ބަލިނުވެ 28 މެޗު ހަމަކޮށްފަ އެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

comment ކޮމެންޓް