ހަފުތާއެއް ތެރޭ ރާއްޖެ ކޮޅަށް ނުވަ ގޯލު، އޭޝިއަން ކަޕުގެ އަމާޒު ގެއްލެނީ!

ޗައިނާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރާއްޖެ ބަލިވީ 5-0 އިން --- ފޮޓޯ//އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި، ޗައިނާއާ ދެކޮޅަށް ރޭ ކުޅުނު ދެ ވަނަ މެޗުން ވެސް 5-0 އިން ރާއްޖެ ބަލިވެ މިފަހަރުގެ އަމާޒުކަމުގައިވާ އޭޝިއަން ކަޕުގެ ޖާގަ ލިބުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް އޭގައި ޗައިނާއާ ދެކޮޅަށް ރާއްޖޭގައި 2019ގައި ކުޅުނު މެޗުގައި ވެސް ރާއްޖެ ބަލިވީ 5-0 އިންނެވެ. އަދި އެހެންމެ އެކުވެރި އަރަބި ދައުލަތުގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސީރިއާ އަތުން މީގެ ހަފުތާއެއް ކުރިން ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-0 އިންނެވެ.

ޗައިނާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރާއްޖެ ބަލިވީ 5-0 އިން --- ފޮޓޯ//އެފްއޭއެމް

ރޭގެ މެޗުގެ ނަތީޖާއާ އެކު ކޮލިފައިން ގްރޫޕް އެއް ވަނައިގައި ސީރިއާ އޮތީ ހަތް މެޗުން 21 ޕޮއިންޓާ އެކު އެވެ. ޗައިނާ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، ފިލިޕީންސް ތިން ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ރާއްޖެ އަށް ހަތް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މިހާރު އޮތް ގޮތުން ކޮލިފިކޭޝަނުގެ ފަހު މެޗުގައި ފިލިޕީންސް އަތުން ރާއްޖެ މޮޅުވިޔަސް ދެން މަގާމުގެ ކުރިއެރުމެއް ނުލިބޭނެ އެވެ.

ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ ޗައިނާއިން ލީޑު ނެގީ މެށު ފެށިތާ ހަ ވަނަ މިނެޓުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިޔު ބިންބިންއެވެ. އޭގެ ފަހުން ވެސް ޗައިނާއިން ރާއްޖޭގެ ގޯލަށް ނުރައްކާކުރި އިރު, މެޗުގެ 30 ވަނަ މިނެޓުގައި އެ ގައުމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ވޫ ލެއި އެވެ.

ދެ ވަނަ ހާފުގައި، ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން ރަނގަޅު ވި އެވެ. ނަމަވެސް ޓީމުގެ ޑިފެންސުން ހަދަމުން ދިޔަ މިސްޓޭކްތައް ރަނގަޅު ނުކުރެވުމުގެ ނަތީޖާއަކަށްވީ ޗައިނާއިން މެޗުގެ ސްކޯ ފުޅާ ކުރުމެވެ. ޗައިނާގެ ތިން ވަނަ ލަނޑު ޖެހީ އެލަން ޑަގްލަސް އެވެ. އޭގެ ދެ މިނެޓް ފަހުން ޒެހޭންގް ޔުނިން ވަނީ ޗައިނާއަށް ހަތަރު ވަނަ ލަނޑު ޖަހައިދީފަ އެވެ. ޗައިނާގެ ފަސް ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓޭން ލޯންގް އެވެ.

ރާއްޖެ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމާލުމުން އޭޝިއަން ކަޕަށް ކޮލިފައިވާން ކުޅެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ޕްލޭއޮފް ބުރުގަ އެވެ. އެ ޕްލޭއޮފްގައި ދަށް ރޭންކްގެ ޓީމަކާ ދެކޮޅަށް ކުޅެގެން މޮޅުވެއްޖެނަމަ ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.

ދާދި ފަހުން ކޮވިޑުން ރަނގަޅުވެގެން ޓީމާ ގުޅުނު ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަަރައިފަ އެވެ. ދަގަނޑޭ މި މެޗަށް އެރީ ދެ ޕްރެކްޓިހަށް ފަހު އެވެ.

comment ކޮމެންޓް