އެމްޑީޕީގެ މަސައްކަތް ދެބައިވީ ނަޝީދުއާ ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުމުން: ހަސަން ލަތީފު

ހަސަން ލަތީފު--- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ މަސައްކަތް ދެބައިވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެ ޕާޓީ އެކަހެރި ކުރުމަށް ފަހު ސަރުކާރު ހިންގަން އުޅުމުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް އެގޮތަށް ވިދާޅުވީ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ވިދާޅުވުމުންނެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)--- ފޮޓޯ/ މަޖިލިސް

ބިގޭއަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ މަސައްކަތް ދެބައިވީ އެމްޑީޕީ އިން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އަދި އެ ޕާޓީ ދެބައިވީ ވައުދުވި ކަންކަން ނުކޮށް، އޭގެ ބަދަލުގައި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ފޫކެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާ ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމުލަކޮށް ރައީސް މުހައްމަދު ނަޝީދުއާ ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުނީމަ." ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް މި ފަހުން އެންމެ ބޮޑުވެފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ކުރަން އުޅުމުން އެކަމާ ދެކޮޅަށް މަޖިލީހަށް ސިޓީ ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު އަޅަން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ވެސް ދެކޮޅު ހެދުމުންނެވެ. އަދި އެ ކޮމިޓީން މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވޯޓު ދެެއްވީ ބިގޭ ނުފޫޒު ފޯރުވައިގެން ކަމަށް ނަޝީދުގެ ސަޕޯޓަރުން ތުހުމަތުކޮށް، އޭނާ އަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔައިފަ އެވެ.

އިމްތިޔާޒު ކޮމެޓީ އިން އެ މައްސަލަ ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް، އެ ކޮމެޓީ އިން މައްސަލަ ބެލުމުގެ ކުރީން މަޖިލީހުގެ ރައީސް ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފައި ވަނިކޮށެވެ.

ޕީޖީ އޮފީހުން ބުނީ އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނީ ފުލުހުން ތަހުގީގު ކުރުމަށް ފަހު މައްސަލަ ހުށަހެޅުން ކަމަށެވެ. އަދި މަޖިލީހަކީ ތަހުގީގު ކުރުމުގެ ބާރު އޮތް ފަރާތެއް ނޫން ކަމަށެވެ.

އެ މައްސަލަ އަށް އިޝާރާތް ކުރައްވައި ބިގޭ މިއަދު ރާއްޖެ ޓީވީގައި ވިދާޅުވީ އޭނާއަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނަރަލް ކަމަށާއި ސަރުކާރާއި މަޖިލީހުން އަދި އެހެން ދިމާތަކުން ވެސް މުއާމަލާތު އޭނާއާ ހިއްސާ ކުރާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލައިގެ ތެރެއަށް އޭނާ ވެދެވަޑައިގެންފައި ނުވާނެ ކަމަށެވެ.

އިމްތިޔާޒް ކޮމިޓީން މައްސަލަ ބޭރުކޮށްލުމުން ބިގޭ އަށް އެންމެ ބޮޑަށް ތުހުމަތުތައް އަމާޒުކުރީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އޭނާ ތުހުމަތު ކުރެއްވީ ބިގޭ އުޅުއްވަނީ މަޖިލީހުން ހިންގާ އިންކުއަރީއަށް ހުރަސް އެޅުމަށް ކަމަށެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ޓުވިޓާގައި ބިގޭއަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފަޒުނާ އަހްމަދު ވަނީ ބިގޭގެ ދިފާއުގައި ނުކުންނަވައިފަ އެވެ.

comment ކޮމެންޓް