ބިގޭއަކީ ސިޔާސީ ތަޖުރިބާ ހުރި، ކެރޭ ލީޑަރެއް: މެޑަމް ފަޒްނާ

ފެބްރުއަރީ 4، 2021: 2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވަވާފަ -- ފޮޓޯ/ ރައީސް އޮފީސް

އަލިފުށި ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އަކީ ސިޔާސީ ތަޖުރިބާ ހުރި އަދި ކެރޭ ލީޑަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ފަޒުނާ އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ބައެއް އާންމު މެމްބަރުންނާއި ބައެއް އިސްބޭފުޅުންގެ ފާޑުކިޔުން ބިގޭއަށް އަމާޒުވެފައިވަނިކޮށެވެ.

ބިގޭއަށް ފާޑުކިޔުން އަމާޒުވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީއަށް ހުރަސް އަޅުއްވައި، މަޖިލީހުގެ އެހެން މެމްބަރުންނަށް ބިގޭ ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ނަޝީދުއާއި ޕާޓީގެ ބައެއް އިސް ބޭފުޅުން ތުހުމަތު ކުރެއްވުމުންނެވެ.

ބިގޭ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއާ އެކު, ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ފަޒްނާ ވިދާޅުވީ، ބިގޭ ވާހަކަ ދެއްކެވީ ސީދާ މައްސަލައަށް ކަމަށާއި ވަކި މީހަކު މޮޅުކޮށް، ދެރަކުރަން ނޫން ކަމަށެވެ.

މެޑަމް ފަޒްނާ އިޝާރާތް ކުރެއްވީ އެ އިންޓަވިއުގައި ބިގޭ ހިއްސާކުރެއްވި، އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ ވާހަކައަށެވެ.

އެގޮތުން ޓިނު ގޮޅީގައި ހަ މަސް، ބޮޑު ގޮޅީގައި ދެ ރޯދަމަސް އަދި ޖަލުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވި ކަމަށާއި އަރުވާލުމާއި ގޭ ބަންދުގައި ޒުވާން އުމުރުގެ އެތައް ދުވަސްތަކެއް ހޭދަވި ކަމަށް ބިގޭ ވިދާޅުވި އެވެ.

މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)--- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން ބިގޭ ނިންމުންތައް ނިންމެވުމުގައި އިސްކަން ދެއްވަނީ ވަގުތާއި ހާލަތަށް ބަލައި، އެ އިރަކު ގައުމަށް އެންމެ ރަނގަޅު އަދި އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވިދާޅުވި ކަމަށް ވެސް މެޑަމް ފަޒްނާގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.

"ބިގޭއަކީ ބަސްމަދު، އަމަލު ގިނަ، ސިޔާސީ ތަޖުރިބާހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަ ވެގެން ހިނގައްޖެ." މެޑަމް ފަޒްނާ ވިދާޅުވި އެވެ.

ބިގޭގެ ދިފާއުގައި މެޑަމް ފަޒްނާ ނިކުމެވަޑައިގެންފައިވާއިރު، އިންކުއަރީއަށް ހުރަސް އަޅުއްވާކަމަށް ތުހުމަތު ކުރެއްވައި، ނަޝީދު ވަނީ މިއަދު ބިގޭއަށް ޓުވިޓާގައި ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

https://sun.mv/153210

comment ކޮމެންޓް