ޔޫރޯ 2020: "އިނގިރޭސިވިލާތުން ފުރަތަމަ އެގާރައަށް ރަޝްފޯޑާއި ޝޯ ލާނެ ކަމެއް ނެތް"

މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރަޝްފޯޑާއި، ޑިފެންޑަރު ޝޯ--- ފޮޓޯ//ލައިވްސްކޯ

މެންޗެސްޓާ ޔުނައިޓެޑުގެ ޑުއޯ، މާކަސް ރަޝްފޯޑާއި ލޫކް ޝޯ ފުރަތަމަ އެގާރައަށް ލައިގެން އިނގިރޭސިވިލާތުން ޔޫރޯ ފެށުމަކީ ހެދޭނެ ގޯހެއް ކަމަށް ޔުނައިޓެޑަށް ކުރިން ކޯޗުކަން ކޮށްދިން ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ދިގު އިންތިޒާރަކަށްފަހު ތުރުކީއާއި އިޓަލީގެ މެޗުން މިރޭ ޔޫރޯ ފަށާއިރު، މުޅި ދުނިޔެ އޮތީ އެ މުބާރާތަކަށް ތައްޔާރަށެވެ. ޔޫރޯގެ ފޯރި ހިތްޕާލާފާއި އޮތް އިރު، މިފަހަރުގެ މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައި އޮތް އިނގިރޭސިވިލާތުގެ ސްކޮޑު ނެގުމުގައި ކޯޗަށް އެންމެ ފުރަތަމައިން ވެސް ޖެހުނީ ބޮޑު އިމްތިހާނެކެވެ. ފޯމުގައި ތިބި ގިނަ ކުޅުންތެރިންތަކެއްގެ ތެރެއިން 11 ކުޅުންތެރިން ހޮވުމަކީ މިވަގުތު އިނގިރޭސި ކޯޗު ސައުތު ގެރެތު ސައުތު ގޭޓް ވިސްނާނެ އެންމެ މުހިއްމު ކަންތަކެވެ.

އިންގްލެންޑް މި އަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ނިސްބަތުން އިންގްލެންޑަށް ފަސޭހަ ގުރޫޕަކުން، މުބާރާތަށް ކޮލިފައިވީ ފަސޭހަކަމާ އެކު އެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން އިންގްލެންޑް މޮޅުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ. އިންގްލެންޑް 21 ޕޮއިންޓާ އެކު ގުރޫޕްގެ އެެއްވަނަ ހޯދިއިރު، ޗެކް ރިޕަބްލިކް ތާވަލްގެ ދެވަނާގައި ނިންމާލީ 15 ޕޮއިންޓާ އެކު އެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމުގައި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަ އިނގިރޭސި ޓީމުގެ ސްކޮޑަށް ފާޑު ކިޔަމުން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނީ، އޭނާ ކުރިން އިރުޝާދު ދިން ދެ ކުޅުންތެރިން ކަމަށްވާ ރަޝްފޯޑާއި ޝޯ ފުރަތަމަ އެގާރައިގައި ހިމަނާނެ ކަމެއް ނެތް ކަމަށެވެ. ޔުނައިޓެޑުން ހޮވި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޝޯއަށް އިތުބާރެއް ނެތް ކަމަށް ބުނަމުން މޮރީނިއޯ ބުނީ އެ މަގާމަށް އެންމެ ހައްގު ކުޅުންތެރިޔަކީ މިފަހަރުގެ ޗެމްޕިއަންސް ލީގު އުފުލާލި ބެން ޗިލްވެލް ކަމަށެވެ.

"އަހަރެން ކޯޗަކަށް ހުރި ނަމަ އިތުރު ވިސްނުމަކަށް ވެސް ނުދާނަން. ޗިލްވެލް ވަރުގެ ކުޅުންތެރިއެއް އެ މަގާމަކު ނެތް. އޭނާ އަކީ އެންމެ ފަހަތުން ކުރިއަށް ދެމިގަނެ، އެޓޭކްތަކުގައި ވެސް ބައިވެރިވާ ކުޅުންތެރިއެއް. އަދި ހާއްސަކޮށް ވައި މަތީގައްޔާއި، ފްރީ ކިކްތަކުގައި ވެސް މުހިއްމު ދައުރެެއް އަދާ ކުރާ ކުޅުންތެރިއެއް. އެ މަގާމަށް އިތުރު ބަހުސެއް ނެތް،" މޮރީނިއޯ ބުންޏެވެ.

އިންގްލެންޑަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. ފަހުގެ ތާރީހެއްގައި އިންގްލެންޑަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ހަތަރު ވަނަ ލިބުމެވެ.

"ރަޝްފޯޑަކީ އެއްފަޅިއަކަށް ކުޅެވޭ ކުޅުންތެރިއެއް. ޖެކް ގްރީލިޝްއާއި ހެރީ ކޭން މިވަގުތު ތިބީ އަތުވާ ހިސާބަކު ނޫން. އޭގެން ކުޅުންތެރިއަކު ބާކީކޮށް، ރަޝްފޯޑަށް ޖާގަ ދިނުމުގެ މާނައެއް ނެތް."

އިނގިރޭސިވިލާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް:
13 ޖޫމް/ 18:00 / އިންގްލެންޑް – ކްރޮއޭޝިއާ
19 ޖޫން/ 00:00 / އިންގްލެންޑް – ސްކޮޓްލޭންޑް
23 ޖޫން/ 00؛00 / ޗެކް ރިޕަބްލިކް – އިންގްލެންޑް

comment ކޮމެންޓް