ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާ ތަހުގީގު ކުރަން އެމްނެސްޓީން އދ.އަށް ގޮވާލައިފި

ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާ އދއިން ތަހުގީގު ކުރަން ޖެހޭ ކަމަށް އެމްނެސްޓީން ވަނީ ބުނެފަ -- ފޮޓޯ: ގެޓީ

ލަންޑަން (ޖޫން 11): ޗައިނާއިން ގިނަ އަދަދެއްގެ މުސްލިމުން ހައްޔަރުކޮށް، އެމީހުންނަށް ޖާސޫސުކޮށް އަނިޔާ ކުރަމުންދާ ކަމަށާއި އެ މައްސަލަ އދ.އިން ތަހުގީގު ކުރަން ޖެހޭ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އެމްނެސްޓީން އިއްޔެ ވަނީ ޗައިނާގައި މުސްލިމުން ހައްޔަރުކޮށްފައި ބައިތިއްބާ ގައިދުހާނާތަކުން މިނިވަންވި 55 މީހަކާ ވާހަކަ ދެއްކުމަށް ފަހު އެކުލަވާލި ރިޕޯޓެއް އާއްމުކޮށްފަ އެވެ. އަދި އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަމަލާޑް ވިދާޅުވި ގޮތުގައި ޗައިނާގައި މުސްލިމުން ދިރިއުޅޭ ޝިންޖަންގުގައި އެގައުމުން ވަނީ "ބިރުވެރި ނަރަކައެއް ފަދަ" މާހައުލެއް އުފައްދާފަ އެވެ.

ކަލަމާޑް ވިދާޅުވި ގޮތުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ ޗައިނާގެ މައްސަލާގައި އޭނާގެ މެންޑޭޓާ އެއްގޮތަށް ފިޔަވަޅު އަޅަން ފެއިލްވެފަ އެވެ. އަދި އެގައުމުގައި މުސްލިމުންގެ ހާލަތާ ބެހޭ ތަހުގީގެއް އދ.އިން ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގުޓެރޭސް [ޗައިނާގެ ފިޔަވަޅުތައް] ކުށްވެރި ކުރައްވާފައި ނުވޭ، [އެމައްސަލައިގެ] ބައިނަލްއަގުވާމީ ތަހުގީގަކަށް ގޮވާލައްވާފައި ނުވޭ. އދގެ އުސޫލުތައް ރައްކާތެރިކޮށް، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ބެހޭ ގޮތުން ހަނު ނުހުންނެވުމަކީ އޭނާގެ ޒިންމާއެއް،" ބީބީސީއާ ވާހަކަ ދައްކަވަމުން ކަލަމާޑް ވިދާޅުވި އެވެ.

އެމްނެސްޓީގެ ރިޕޯޓުގައިވާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން ޗައިނާގައި ގިނަ އަދަދެއްގެ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާއި އެހެން ނަސްލުތަކުގެ މީހުން ގާނޫނީ ސަބަބަކާ ނުލައި ހިފަހައްޓާ ނުވަތަ ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގައިދުހާނާތަކަށް ފޮނުވާފައިވާ ކަމަށް އދއިން ބުނާ އެއް މިލިއަން ވަރަކަށް މީހުންނާއި ޖަލަށް ލާފައިވާ އެތައް ހާސް މީހުން ހިމެނެ އެވެ.

އެމްނެސްޓީއަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އެމީހުން ހިފެހެއްޓި ސަބަބުތަކުގެ ތެރޭގައި ދީނާ ގުޅުން ހުރި އެއްޗެއް ގެންގުޅުމާއި ޗައިނާއިން ބޭރުގައި ހުރި މީހަކާ ވާހަކަ ދެއްކުން ހިމެނެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ގައިދުހާނާތަކުގައި މީހުންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި "ތެޅުން، ކަރަންޓު ޝޮކު ދިނުން، ހަށިގަނޑަށް ގެއްލުންވާ ގޮތްތަކަށް އިށީނދެގެން ނުވަތަ ކޮޅަށް ތިބުމަށް މަޖުބޫރު ކުރުމާއި ހިފެހެއްޓުން، ނުނިދާ ހޭލާ ތިބުމަށް މަޖުބޫރު ކުރުން އަދި އެކަހެރިކޮށް ބަންދު ކުރުން" ހިމެނެ އެވެ. އޭގެ ތެރެއިން އެމްނެސްޓީން ވަނީ "ޓައިގާ ޗެޔާ" އަދަބު ނުވަތަ ދަގަނޑު ގޮނޑިއެއްގައި ދެ އަތާއި ދެ ފައި ބަނދެފައި ގިނަ އިރުވަންދެން މީހުން ބައިތިއްބާ އަދަބެއް ފާހަގަ ކޮށްފަ އެވެ. އަދި އެގޮތަށް 72 ގަޑި އިރުވަންދެން ބެހެއްޓި މީހަކު މަރުވިކަން އެނގިފައިވާ ކަމަށްވެސް އެޖަމިއްޔާއިން ބުންޏެވެ.

ނަމަވެސް ޗައިނާއިން އެފަދަ ތުހުމަތުތައް ދޮގު ކުރެ އެވެ. އަދި އެ ގައިދުހާނާތަކަކީ މީހުން ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ މަރުކަޒުތަކެއް ކަމަށާއި އެ ކޭމްޕުތަކަށް މީހުން ދަނީ އަމިއްލައަށް ބޭނުންވެގެން ކަމަށް ބުނެފަ އެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ވަނީ، ޗައިނާއިން އެހާވަރަށް ގިނަ އަދަދެއްގެ މީހުން ހިފަހައްޓަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތެއްގެ ގޮތުން ކަމަށް ނުބުނެވޭނެ ކަމަށް ބުނެފަ އެވެ. އަދި "ޝިންޖަންގުގެ އާބާދީގެ ވަކި ދީނަކަށާއި ދަރިކޮޅަކަށް އަމާޒުކޮށް ފިޔަވަޅު އަޅާކަމާއި އިސްލާމީ ގަބޫލު ކުރުންތަކާއި ޓާކިކް މުސްލިމް ސަގާފީ އަދި ނަސްލީ ހަރަކާތްތައް ނައްތާލުމަށް ބިރު ދައްކާ، އަނިޔާ ކުރާކަން ޗައިނާގެ ސަރުކާރުގެ އަމަލުތަކުން ސާފުވާ" ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް