ބިގޭ އަށް ރައީސް ނަޝީދުގެ ބަހުގެ ހަމަލާ!

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވިފައިވާ އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް އެމަނިކުފާނުގެ ބަހުގެ ހަމަލާތަކެއް އަމާޒުވެއްޖެ އެވެ.

ޒަމީލްގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވީ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ވަކިވަކި ސިފައިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޒަމީލް ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެންނެވެ. އަދި ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް ރައީސް ނަޝީދުގެ އެދުމަށް މަޖިލީހުން ވަނީ ޕީޖީގައި ވެސް އެދިފަ އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ޒަމީލްގެ މައްސަލަ ބަލަން ފާސްނުވެ، އެ މައްސަލަ އިމްތިޔާޒް ކޮމިޓީން ވަނީ ބޭރުކޮށްލައިފަ އެވެ. މައްސަލަ ބޭރުކޮށްލީ އެމްޑީޕީ މެމްބަރުންގެ ވޯޓާ އެކު އެވެ.

އެ މައްސަލަ ބޭރުކޮށްލުމާ އެކު، އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނީ ބިގޭ އަށެވެ. މައްސަލަ ބޭރުކޮށްލަން ބިގޭ ބައެއް މެމްބަރުންނަށް ގުޅައި ހެއްދެވި ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ބިގޭ ލޮބީ ކުރައްވައިގެން މައްސަލަ ކޮމިޓީއިން ބޭރުކުރުމަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އެޅުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި ރައީސް ނަޝީދު ހުށަހަޅުއްވާ މައްސަލަތައް ފެއިލްކޮށްލުމަށް ބިގޭ މީގެ ކުރިން ވެސް މަސައްކަތް ކުރެއްވި ކަމަށް އީވާ ތުހުމަތު ކުރައްވަމުން ވިދާޅުވީ "ތިހެން ނޫޅުއްވިޔަސް ބިގޭގެ ސަރުކާރުން ދެމި އޮންނާނެ" ކަމަށެވެ. އަދި ރައީސް ނަޝީދާ މެދު ވީ ހަމްދަރުދީ ނިމުނީތޯވެސް އީވާ ސުވާލު ކުރައްވައިފައިވެ އެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާ ބިގޭ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެކެވެ.

މިއަދު ހެނދުނު ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ބިގޭ ވަނީ ބައިވެރިވަޑައިގެންފަ އެވެ. އަދި އޭނާއަށް ކުރާ ތުހުމަތުތައް ވަނީ ދޮގުކުރައްވައިފަ އެވެ.

ބިގޭ ވިދާޅުވީ އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދިޔަ ދުވަހު ރައީސް ސޯލިހު ނުގުޅުއްވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ގޮތުން އެއްވެސް މެމްބަރަކާ ގުޅުއްވާފައި ނުވާނެ ކަމަށެވެ.

އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) --- ފޮޓޯ/ މަޖިލިސް

ބިގޭ ވިދާޅުވީ ދޮގު ތުހުމަތުތަކެއް ކޮށް، އެމްޑީޕީގެ ބައެއް ފަރާތްތަކުން އޭނާއަށް ވަރަށް ހުތުރު އެއްޗެހި ކިޔަމުން އަންނަ ކަމަށެވެ. އޭނާއަކީ އެމްޑީޕީއަށް އެތައް މަސައްކަތެއް ކޮށްދީފައިވާ މީހެއް ކަމަށާއި، އެހާ ހުތުރުކޮށް އެއްޗެހި ކިޔުމުން ވަރަށް ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ އޭނާއާ ރައީސް ނަޝީދާ ދެމެދު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، އެމަނިކުފާނަށް އިންސާފު ހޯދުމަށް ހުރަސްއެޅޭ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ބިގޭގެ އިންޓަވިއުއަށް ފަހު ރައީސް ނަޝީދު މިއަދު ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އެ ޓުވީޓުގައި އެމަނިކުފާނު ވިދާޅުވީ ބިގޭގެ ސިޔާސީ ފައިދާއަށްޓަކައި ކުރައްވާނެ ކަންތައްތަކާއި ދައްކަވާނެ ވާހަކަތައް އެނގިވަޑައިގަންނަވާނީ ބިގޭ އަށް ކަމަށެވެ.

"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެބޭފުޅާ [ބިގޭ] ނުދެއްކެވިއްޔާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބޭރުކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ތާއީދު ކުރެއްވުމުން އެމްޑީޕީ ތެރޭގައި ވަނީ ވަރަށް ބޮޑަށް މައްސަލަ ހޫނުވެފަ އެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ފާޅުގައި ވިދާޅުވަމުން ގެންދަވަނީ އެ މައްސަލަފެއިލްކޮށްލި އެމްޑީޕީގެ މެންބަރުންނަކީ ރައީސް ނަޝީދުގެ ފޮޓޯފުޅު ވިއްކައިގެން މަޖިލީހަށް ހޮވުނު ބޭފުޅުން ކަމަށެވެ. އަދި ރައީސް ނަޝީދަށް ހިތާމައެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރާނީ "ހަޔާތުގެ ކަންފުޅެއްވެސް ނެތް"އެމްޑީޕީގެ މެންބަރުން ކަމަށް ވެސް ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

އެ މައްސަލަ އެގޮތަށް ނިމުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމަށް ސީދާާ ދެކޮޅު ހައްދަވަނީ ރައީސް ސޯލިހު ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އެގޮތަށް ރައީސް ސޯލިހު އެކަން ކުރައްވަނީ ކޯޗެއް ފޮރުވަންތޯވެސް ވަނީ ނަޝީދު ސުވާލު ކުރައްވާއިފަވެ އެވެ.

އެ މައްސަލަ ސީދާ ފެއިލްކޮށްލީ ސަރުކާރުން ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއެއްގެ މައްސަލަ ރަނގަޅަށް ބެލިދާނެތޯ ވެސް މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

comment ކޮމެންޓް