އައްޑޫ ކޮންސިއުލޭޓް އާމެދު ހިޔާލު ތަފާތުވުމެއް ނެތް: އިންޑިއާ

އިންޑިއާ އިން އައްޑޫ ސިޓީގައި ހުޅުވަން ބޭނުންވާ ކޮންސިއުލޭޓް އާގުޅިގެން، ދެ ސަރުކާރުގެ ދެމެދުގައި އެއްވެސް ކަހަލަ ހިޔާލުތަފާތުވުމެއް ނެތް ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ގާއިމުކުރަން، އިންޑިއާގެ ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ނިިންމުމަށް އަމަލީ ސިފަ އަންނާނީ ދިވެހި ސަރުކާރުން އެކަމަށް އެއްބަސްވުމުންނެވެ.

ކޮންސިއުލޭޓް އާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޑިއާ އިން އެފަދަ ނިންމުމެއް ނިންމާފައި ވިއަސް، ދިވެހި ސަރުކާރުން އަދި އެކަމަށް ގޮތެއް ނުނިންމާ ކަމަށެވެ. އަދި ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެއްކެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެ ކަމަށާއި އެހެން ނަމަވެސް ދިވެހި ސަރުކާރުން "އަދި ޑިޒިޝަނެއް" ނަގާފައި ނުވާ ކަމަށެވެ.

އިއްޔެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސްގެ ވާހަކަފުޅާ ގުޅިގެން ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ މީޑިއާ ރިޕޯޓުތަކަށް ކޮމެންޓް ކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އައްޑޫގައި ކޮންސިއުލޭޓް ހުޅުވުމާ މެދު ރާެއްޖެއާ އިންޑިއާ އާ ދެމެދު ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ.

"މީޑިއާ ރިޕޯޓުތަކަށް ކޮމެންޓު ކުރާކަށް ނެތިން. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ނުފެނޭ ހިޔާލުތަފާތުވުމަކަށް އެއްވެސް ޖާގައެއް އޮތް ތަނެއް. ކޮންސިއުލޭޓް އެއް ނުވަތަ ޕޯސްޓެއް ވެސް އަބަދުވެސް ހުޅުވަނީ، ހޯސްޓް ގައުމުގެ މަޝްވަރާ އާއެކު،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. ސިޔާސީ ފަރާތްތަކުން ބުނަމުން އަންނަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުން އެ ސިޓީއަށް ތަރައްގީގެ ދޮރުތައް ހުޅުވިގެން ދާނެ ކަމަށެވެ.

އެހެން ނަމަވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ އެކަމާ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އަދި އެއީ ރާއްޖެއަށް އިންޑިއާގެ އަތް ގަދަކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް، "ސޭވް އައްޑޫ"ގެ ނަމުގައި ކެމްޕޭނެއް ވެސް އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް