މެކްރޮންގެ މޫނު މަތީގައި ޖެހި މީހާ ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން -- ފޮޓޯ: ގެޓީ

ޕެރިސް (ޖޫން 11): ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮންގެ މޫނު މަތީގައި ޖެހި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ފްރާންސްގެ ވެލަންސްގެ ކޯޓެއްގައި އިއްޔެ އޮތް ޝަރީއަތުގައި 28 އަހަރުގެ ޑޭމިއެން ޓެރެލް ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު އޭނާ މެކްރޮންގެ މޫނު މަތީގައި ޖެހީ ގައުމުގެ ހާލަތު ގޯސްވަމުން ދާތީ ރުޅިގަދަ ވުމުންނެވެ. އަދި އެއީ އޭނާ ރާވައިގެން ކުރި ކަމެއް ނޫނެވެ.

އެ މައްސަލާގައި ޓެރެލް ހަތަރު މަހަށް ޖަލަށް ލުމުގެ އިތުރުން، އޭނާ ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ތިން އަހަރު ވަންދެން ހަތިޔާރު ގަތުންވެސް ވަނީ މަނާކޮށްފަ އެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި އެ މައްސަލާގައި ދެން ހައްޔަރު ކުރި މީހާގެ ގެއިން ހަތިޔާރާއި އެޑޮލްފް ހިޓްލަރުގެ މެނިފެސްޓޯގެ ކޮޕީއެއް ފެނިފައިވެ އެވެ. އަދި އޭނާގެ މައްޗަށް އެހެން ތާރީހެއްގައި ހުކުމް ކުރާނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ޓެރެލްގެ ޝަރީއަތާ ބެހޭ ގޮތުން މެކްރޮން ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ. ނަމަވެސް އޭނާ ވަނީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ހަމަނުޖެހުން ހިންގައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހާދިސާ މާ މުހިއްމު ކަމަކަށް ހަދައިގެން ނުވާނެ ކަމަށް ވިދާޅުވެ، ދައުލަތުގެ ވަޒީފާއެއްގައި ހުންނަ ކޮންމެ މީހަކަށްވެސް އިހުތިރާމް ކުރަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ.

މެކްރޮންގެ މޫނު މަތީގައި ޓެރެލް ޖެހީ، ކޮވިޑް-19އަށް ފަހު އާއްމު ދިރިއުޅުމަށް ރުޖޫއަވުމާ ބެހޭ ގޮތުން ރެސްޓޯރެންޓުތަކުގެ ވެރިންނާއި ދަރިވަރުންނާ ވާހަކަ ދެއްކެވުމަށް މެކްރޮން އެގައުމުގެ ޑްރޯމްއަށް ވަޑައިގެންނެވުމުންނެވެ.

އެ ހާދިސާގެ ވީޑިއޯ އިން ފެންނަނީ ބެރިއަރެއްގެ ފަހަތުގައި ތިބި ބަޔަކާ މެކްރޮން ވާހަކަ ދައްކަވާ ތަނެވެ. އަދި އޭގެ ތެރެއިން މީހަކު "މެކްރޮންގެ ވެރިކަން ނިމުމަކަށް ގެނައުމަށް" ގޮވާލާ ފަދަ އެއްޗެކޭ ބުނުމަށް ފަހު ރައީސްގެ މޫނު މަތީގައި ޖަހާ މަންޒަރެވެ.

އެއަށް ފަހު އެ ސަރަހައްދުގައި ތިބި ސެކިއުރިޓީން އޭނާ ހިފަހައްޓަ އެވެ. އަދި މެކްރޮން އެތަނުން ދުރަށް ގެންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. ނަމަވެސް އޭގެ ފަހުން ވެސް މެކްރޮން އެ ސަރަހައްދުގައި ތިބި މީހުންނާ ވާހަކަ ދައްކަވަން މަޑު ކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް