ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވުމަށް ކޮމެޓީއެއް އެކުލަވާލައިފި

އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީ ބައްދަލުވުން -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތަށް ފަރާވެރިވުމަށް "މެއި ހައެއް"ގެ ނަމުގައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

މިދިޔަ މަހު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތަަށް ފާރަވެރިވުމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހަޅުއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމް ތާއިދުކުރެއްވި ގަރާރު ފާސްކުރީ، ރޭގެ ޖަލްސާގައި ބައިވެރިވި 109 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒުގެ އިތުރަށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އެވެ. އޭގެ އިތުރަށް ނަޝީދު ކަނޑައަޅުއްވާ ބޭފުޅެއްގެ ހިމެނިވަޑައިގަންނަވާ ގޮތަށެވެ.

ނަޝީދު ކަނޑައަޅުއްވާ ބޭފުޅަކު އަދި ކަނޑައެއް ނާޅުއްވަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ، އެ ކޮމެޓީ އިން ކުރާ މަސައްކަތްތައް، މަދުވެގެން ހަފްތާ އަކު އެއް ފަހަރު ގައުމީ މަަޖިލީހަށް ހިއްސާކުރާ ގޮތަށެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފަސް މީހަަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ނަޝީދަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނެ އެވެ. އެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ބޭރުގެ މާހިރުންގެ ވެސް އެހީގަ އެވެ.

comment ކޮމެންޓް