އިއްޔެ 1000 އަށް ވުރެ ގިނަ މީހުން ފިޔަވަޅުތަކާ ހިލާފުވި

މޭ 26، 2021: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވެގެން އިއްޔެ 1000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި އެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިއްޔެގެ 18:00 އާ ހަމައަށް، ކާފިއު ވަގުތު ބޭރުގަައި އުޅުނު 615 މީހަކު ޖޫރިމަނާ ކުރި ކަމަށެވެ. އަދި މާސްކު ނާޅާ އުޅުނު 253 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށް މަބްރޫކު ވިދާޅުވި އެވެ. އަދި ވެހިކަލް ދުއްވި 150 މީހަކު ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.

މާލެ ސީޓީގައި ބަލި ފެތުރުން ހުޓުވުމަށް މާލޭ ސިޓީގެ ކާފިއުގެ ވަގުތު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ކާފިއު ވަނީ އިތުރުކޮށްފަ އެވެ. އަދި އެނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައަކާ އެކުއެވެ. ކޮންމެ ގެއަކަށް ލިބެނީ ދެ ވަގުތަކަށް ދެ ހުއްދަ އެވެ.

މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.

ކެފޭ، ހޮޓާ، ރެސްޓޯރަންޓުތައް ފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޓެކްއަވޭ އަދި ޑެލިވަރީގެ ހިދުމަތެވެ. ފުލުހުންގެ ހުއްދައާ އެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީ ހިދުމަތުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ އެވެ.

ކޮވިޑް19ގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއެކު ސިފައިން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވިޔަފާރިތަކުން ކޮވިޑް އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންނަނީ މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދަމުންނެވެ.

މަބްރޫކް ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި 81 ތަނެއް އިންސްޕެކްޓް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ތަނެއް ފިޔަވައި އެހެން އެއްވެސް ތަނެއްގައި މައްސަލައެއް ނެތް ކަމަށެވެ.

comment ކޮމެންޓް