ކޮވިޑް އާ ގުޅޭ އެމަޖެންސީތަކަށް ދެން ގުޅާނީ 100 އަށް

މެއި 28، 2020: މަޖީދީމަގުގައި އެމްބިއުލާންސް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ އެމާޖެންސީ ހާލަތްތަކަށް ހާއްސަކޮށް، އެމާޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް)ގެ ހިދުމަތް ފަށައިފި އެވެ.

އީއެމްއެސް އަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރަން މަސައްކަތް ފެށީ އެމްބިއުލާންސް ދިއުން ލަސްވެ, ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މިދިޔަ ހަފްތާގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ރިވިއުއަށް ފަހު އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އީއެމްއެސްގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

އީއެމްއެސް އުފެއްދުމުގެ މަގުސަދަކީ، އިތުބާރު ކުރެވޭ އެމްބިއުލާންސް ހިދުމަތެއް ގާއިމުކުރުން ކަމަށާއި، އެހެން ނަމަވެސް މިވަގުތު ފޯކްސް ކުރާނީ ގްރޭޓާ މާލޭ ސަރަހައްދުގެ ކޮވިޑް19 އާ ގުޅޭ އެމަޖެންސީ ކޭސްތަކަށް ހާއްސަ އެމްބިއުލާންސް ސާވިސް އެއް ގޮތަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އީއެމްއެސްގެ ހިދުމަތް ހޯދުމަށް ގުޅާނީ 100 އަށެވެ.

މިއީ ހެލްތު މިނިސްޓްރީގެ އިސްނެގުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާ ގުޅިގެން ފެށި ހިދުމަތެކެވެ. މަބްރޫކް ވަނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައި އެ ހިދުމަތް ހޯދުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"އެހެން މޫވްމަންޓް ހިދުމަތްތައް ހޯދުމުގައި އިތުރު ގޮތްތަށް މިވަގުތު އެބަހުރި. 1676 މި ނަންބަރު ބޭނުންކޮށްގެން މެޑިކަލް އެހީތެރިކަން ހޯދުން، ހޮސްޕިޓަލްތަކުން ދެމުންގެންދާ އޮންލައިން ކޮންސަލްޓޭޝަން މިފަދަ އެކި އެކި ގޮތްގޮތަށް ފަރުވާ ލިބެން ހުރޭ،" މަބްރޫކް ވިދާޅުވި އެވެ.

"އީއެމްއެސްގެ ބޭނުން ހިފަންވާނީ ހަމަ ކޮންމެހެން އެމަޖެންސީ ހާލަތްތަކުގައި،" މަބްރޫކް ވިދާޅުވި އެވެ.

މިޝްކާގެ މަރާ ގުޅިގެން ހެދި ކޭސް ރިވިއުއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ދެނަގަނެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ވަގުތުން ފަރުވާ ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް 24 ގަޑިއިރުގެ އޯޕީޑީއެއް މިހާރު ގާއިމުކޮށްފައިވާ ކަމަށާއި އަދި ހަތް އެމްބިއުލާންސް ކޮވިޑަށް ވަނީ ހާއްސަކޮށްފަ އެވެ.

މިޝްކާގެ މަރުގެ ކުރިން މާލޭ ސީޓީގައި ކޮވިޑަށް ބޭނުން ކުރަމުން އަންނަނީ ފަސް އެމްބިއުލާންސް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ކޯލް ސެންޓަރަށް ވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. އެގޮތުން އެމްބިއުލާންސަށް ގުޅުމުން, އެކަން ނިމެންދެން އެޗްއީއޯސީގެ ނަރުހުން ގާތުން ބަލަމުންދާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި, ކޮވިޑް ކޭސްތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ އެމަޖެންސީ މެޑިކަލް ސާވިސްގެ ކޯލް ސެންޓަރުގެ ކަންކަން ހިންގަމުން ގެންދާނީ ވޮލަންޓިއާ ނަރުހުންގެ ޓީމަކުންނެވެ.

comment ކޮމެންޓް