ޗައިނާއާއި ރަޝިއާއާ ކުރިމަތިލުމުގެ އެޖެންޑާއަކާއެކު އެމެރިކާގެ ރައީސް ޔޫރަަޕަށް

ބައިޑެން އާއި އޭނާގެ އަނބިކަނބަލުން ޔޫރަަޕަށް ފުރަވަޑައިގަންނަވަނީ

ވޮޝިންޓަން (ޖޫން 10) : އެމެރިކާގެ ރައީސް ޖޯ ބައިޑެން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ބައިޑެންގެ ޚާރިޖީ ފުރަތަމަ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އިތުރުން ދެން ވަޑައިގަންނަވާނީ ސްވިޓްޒަލޭންޑަށާއި ބެލްޖިޔަމް އަށެވެ. މިދަތުރުފުޅު ފެއްޓެވުމުގެ ކުރިން ދެއްވި ބަޔާނެއްގައި ބައިޑެން ވިދާޅުވީ އެމެރިކާގެ ރައީސެއްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ޔޫރަޕަށް ޚާއްސަކުރީ އެމެރިކާގެ ޒަމާންވީ ޔޫރަޕްގެ ބައިވެރިންނާ ގުޅުންތައް ބަދަހިކުރަން އޭނާގެ ސަރުކާރުން ދޭ ސަމާލުކަން ހާމަކުރުމަށް ކަމުގައެވެ. މިގޮތުން ޔޫރަޕަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޔޫރަޕްގެ ގައުމުތަކާ އެމެރިކާއާ ދެމެދު އަދިވެސް އޮތީ ބަދަހި ގުޅުންތަކެއްކަމާއި އެމެރިކާއިން ޔޫރަޕް ދޫކޮށްނުލާކަން ރަޝިޔާއާއި ޗައިނާއަށް ދެއްކުމަށް ކަމުގައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އާއި ޔޫރަޕްގެ ގުޅުންތައްވަނީ ހީނަރުވެފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

ބައިޑެން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އެގައުމަށް ކުރައްވާ ޚާއްސަ ދަތުރުފުޅަކަށް ވުމުގެ އިތުރުން އިނގިރޭސިވިލާތުގެ ކޮންވޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ 7ގެ ގައުމު ތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ޖީ 7 ޖަމާއަތަކީ ސިނާއީ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ހުޅަނގުގެ ގައުމުތަކާއި ޖަޕާން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތުގައި ދުނިޔޭގެ އެންމެ ބޮޑު ސިނާއީ ގައުމު ކަމަށްވާ ޗައިނާ އާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދެކުނު ކޮރެއާ ފަދަ ސިނާއީ ބައެއް ގައުމުތައް ނުހިމެނެއެވެ.

އިނގިރޭސިވިލާތުގައި މަދަމާ އިން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޖީ 7ގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވެކްސިން ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދިނުމާއި ދުނިޔޭގެ ވިޔަފާރިއާއި މޫސުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އެހީތެރިވުން ހިމެނެއެވެ. ނަމަވެސް ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ޗައިނާގެ އިގްތިސާދީ ބާރާއި ނުފޫޒު ކުޑަކުރުމަށް ގުޅިގެން މަސައްކަތް ކުރުން ހިމެނެނީ ޖީ 7 ގެ އިސްވެރިންވެ ސަމިޓްގެ އެޖެންޑާގެ އެންމެ ކުރީގައެވެ.

ޗައިނާ ގެ ރައީސް ޝީ ޖިންޕިން

އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމާލުމަށް ފަހު ބައިޑެން ދެންވަޑައިގަންނަވާނީ ސްވިޓްޒަލޭންޑްގެ ޖެނީވާއަށެވެ. ޖެނީވާގައި ބައިޑެން ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިންނާ ބައްދަލުކުރައްވަ ގޮތަށްވަނީ ހަމަޖެހިފައެވެ. ޕޫޓިންނާ ބައްދަލުކުރައްވައި ބައިޑެން ކުރައްވާ މަޝްވަރާތައް ބިނާކުރައްވާނީ ރަޝިއާއިން ޔޫރަޕްގައި ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުންނާ ރަޝިއާގެ ފަރާތުން އެމެރިކާއަށް އަމާޒުވާ ސައިބާ ހަމަލާތަކާ ބެހޭގޮތުންނާ ޔޫކްރެއިން އާމެދު ރަޝިއާ ގެންގުޅޭ ސިޔާސަތުތަކާބެހޭގޮތުން ކަމަށް ވައިޓްހައުސް ބުނެއެވެ. އެހެންކަމުން ރަޝިއާގެ މިސިޔާސަތުތަކާމެދު އެމެރިކާ ކަންބޮޑުވާމިންވަރު ބައިޑެން ޕޫޓިންއަށް ދަންނަވާނެ ކަމަށްވެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން

ބައިޑެން ޔޫރަޕަށް ކުރައްވާ މިދަތުރުފުޅަށް އަށް ދުވަސް ހޭދަވާއިރު އޭނާ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުންތައް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން އިނގިރޭސި ރާނީ އެލިޒަބަތް ދޭއް ގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބައިޑެން ބެލްޖިޔަމަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ އިތުރުން ބުރަސަލްސް ގައި މަރުކަޒު ހުންނަ ޔޫރަޕްގެ އިއްތިޙާދުގެ މަރުކަޒަށް ވަޑައިގެން އެއިއްތިޙާދުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި ބްރަސަލްސްގައި ހުންނަ ނޭޓޯގެ މައި މަރުކަޒަށް ވަޑައިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އާއި އެނޫންވެސް އިސްވެރިންނާ ބައިޑަން ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުވުންތަކުގައި އެބޭފުޅުންނާ ބައިޑަން ކުރައްވާ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރައްވާނީ ޔޫރަޕްގެ އިއްތިޙާދާއި ނޭޓޯ ގުޅިގެން ރަޝިޔާއާއި ޗައިނާއާ ކުރިމަތިލުމާ ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު