ޓެކްސް އާމްދަނީ އަށް ހަ ބިލިއަން ރުފިޔާ ލިބިއްޖެ

މީހަކު ވިޔަފާރިކޮށްގެން ދަނީ. މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

މި އަހަރުގެ 21 ވަނަ ހަފްތާ އާ ހަމައަށް ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް، މި އަހަރު ތެރޭ ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 7.8 ބިލިއަން ރުފިޔާ އެވެ.

ޓެކްސް ނޫން އާމްދަނީ އަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކްސް އާމްދަނީގެ ތެރެއިން މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާ އަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ލިބުނު ޓެކުހެވެ. އާންމު ހިދުމަތްތަކާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 976 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީގެ އިތުރުން ބިޒްނަސް ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 340 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 171 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު ރިސޯޓު ކުލީގެ ގޮތުގައި 623 މިލިއަން ރުފިޔާ، ޖޫރިމަނާގެ ގޮތުގައި 109 މިލިއަން ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އަހަރުގެ އެހާތަނަށް، ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 11 ބިލިއަން ރުފިޔާގަ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ އަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވާއިރު ލޯނު ދެއްކުމަށް 429.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ދައުލަތުންދޭ އިނާޔަތްތައް ދިނުމަށް 4.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މި އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 34 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަހަރުގެ ތެރޭގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް