ދެވަނަ ސުޕަ ލީގަކަށް ގޮސްފި ނަމަ 30 ޕޮއިންޓް އުނިކޮށް ބޮޑު ޖޫރިމަނާއެއް

މެންޗެސްޓާ ޔުނައިޓެޑްއާއި ޗެލްސީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑޮމް ފެރަލް

ދެވަނަ ފަހަރަކަށް ސުޕަ ލީގަކަށް ގޮސްފި ނަމަ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން 30 ޕޮއިންޓް އުނިކޮށް 25 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ކުރާނެ ކަމުގެ އިންޒާރު އިނިގިރޭސި އެފްއޭއިން ދީފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ސުޕަ ލީގު އިއުލާންކުރީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އާއި، ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

މި ލީގު ވުޖޫދުވިތާ މާގިނައިރުތަކެއް ނުވަނީސް ކުލަބުތަކުގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާއި، އެހެނިހެން ޕްރެޝަރުތަކާ ހެދި ބައެއް ކުލަބުތަކުން ވަނީ ލީގުން ވަކިވެފަ އެވެ. އެގޮތުން ސުޕަ ލީގު ދޫކޮށްލިކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރި ކްލަބަކީ ސިޓީ އެވެ. އޭގެ ފަހުން ދެން އޮތް އިނގިރޭސި ފަސް ކްލަބުން ވެސް ކުރީ އެވެ.

އިނގިރޭސި އެފްއޭއިން ބުދަ ދުވަހު ވަނީ ސުޕަ ލީގުގައި ބައިވެރިވި ހަ ކުލަބު ޖޫރިމަނާކުރަން ނިންމާފައެވެ. އެގޮތުން އެ ހަ ކުލަބު އެކުވެގެން 21 މިލިޔަން ޕައުންޑް ދެއްކުމަށް ވަނީ އަންގާފައެވެ. އެއީ ކޮންމެ ކުލަބަކުން 3.5 މިލިޔަން ޕައުންޑެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގަވާއިދަށް ގެނައި ބަދަލާ އެކު ކުލަބުތަކުން އިއްޔެ ވަނީ އިގުރާރެއްގައި ވެސް ސޮއިކޮށްފަ އެވެ. އެ އިގުރާރުގައި ކުލަބުތަކުން ސުޕަ ލީގު ފަދަ ލީގަކަށް ތާއީދުކޮށްގެން ލިބޭނެ އަދަބަށް ވަނީ އެއްބަސްވެފަ އެވެ.

"ކުލަބުތަކުގެ އިއްތިފާގާ އެކު ނިންމާފައިވާ ނިންމުމަކީ ދެވަނަ ފަހަރަށް އެކަން ތަކުރާރު ވެއްޖެ ނަމަ އެ މުބާރާތެއްގައި ބައިވެރިވާ ޓީމުތަކުން 30 ޕޮއިންޓް އުނިކޮށް 25 މިލިއަން ޕައުންޑުން ޖޫރިމަބާ ކުރަން ވަނީ ނިންމިފައި." އިނގިރޭސި އެފްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސުޕަ ލީގުގައި މި ވަގުތު ތިން ކުލަބެއް އޮތްއިރު، ޔުއެފާއިން މިހާރު އަންނަނީ އެ ތިން ކުލަބުގެ މައްސަލަ ބަލަމުންނެވެ. އަދި އެ ތިން ކުލަބުން ސުޕަ ލީގުން ވަކިނުވެއްޖެނަމަ، ޔޫރަޕުގެ މުބާރާތްތަކުން އެ ކުލަބުތައް ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް