މުއްސަނދި ގައުމުތަކުން ވެކްސިން ބައްކުރުމާ ދެކޮޅަށް ޝާހިދު މަސައްކަތް ފައްޓަވަނީ

އދގެ އާންމު މަޖިލީހުގެ 76ވަނަ މަޖިލީހުގެ ރައީސްކަމުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ޝާހިދު އދގައި ތަގުރީރުކުރައްވަނީ -- ފޮޓޯ: އދ

ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާ އެކު ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވަންތަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮވިޑް-19 ވެކްސިންގެ ހަމަހަމަ ކަމަށް ކަމަށެވެ. އަދި ވެކްސިން ހޯދުމުގައި ގައުމިއްޔަތު އިސްކުރުމަކީ ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތަށް ގެއްލުންވާ ކަމެއް ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެއްބައި ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވެކްސިން ހޯދުމުގައި ގައުމިއްޔަތު އިސްކުރުމާ އަޅުގަނޑުމެން ދުރުވާން ޖެހޭ، އެއީ އަޅުގަނޑުމެންގެ ގައުމުތަކަށް އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތައް ދިން ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަކަށް ވާތީ... ވެކްސިންގެ ކަންތައްތައް ފަސޭހަ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވަންތަ ކުރުމުގެ ރޯލު އަޅުގަނޑު ފުރިހަމަ ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކަށް ކޮވިޑް ވެކްސިން ޖަހާފައިވާ އިރު އެހެން ގައުމުތަކުގައި ވެކްސިން ޖަހާފައި ވަނީ ކޮންމެ 500 މީހެއްގެ ތެރެއިން އެކަކަށްކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، އިންޑިއާގެ ހާލަތު މިވަގުތު ގޯސް ނަމަވެސް، އެގައުމުގެ ހާލަތު ހަމަޔަކަށް އެޅުމުން އިންޑިއާގެ ވެކްސިން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށާއި އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ދިނުމަށް އެންމެ ފުރަތަމަ ތާއިދު ކުރީވެސް އެގައުމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަވައިގެން ޝާހިދު ހިންދޫ ނޫހަށް ދެއްވި އިންޓަވިއުގައި، ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏާ ބެހޭ ގޮތުން އެ ނޫހުން ސުވާލު ކުރި އެވެ. އަދި މިނިސްޓަރު ވިދާޅުވި ގޮތުގައި ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް (ޑީއެސްއެސްއައި)ގެ ދަށުން ޗައިނާއިން ވަނީ ރާއްޖޭގެ ލޯނުތަކެއް އަނބުރާ ދައްކަން ޖެހޭ މުއްދަތު ފަސްކޮށް ދީފަ އެވެ. އަދި ދަރަނި ދެއްކުން ލަސް ކުރުމާ ގުޅުން ހުރި މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް ޝާހިދު ހާމަ ކުރެއްވި އެވެ.

މިނިސްޓަރު ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް