ކުރިއަށް އޮތް ފަސް އަހަރު ތެރޭ އަރަބިއްޔާ އިމާރާތް ބޭނުން ނުކުރެވޭ ވަރު ވެދާނެ: ރިޕޯޓް

އަރަބިއްޔާ ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަރަބިއްޔާ ސްކޫލު އިމާރާތް ކުރިއަށް އޮތް 3-5 އަހަރުގެ ތެރޭ ބޭނުން ނުކުރެވޭނެ ކަމަށް އެ ސްކޫލުގެ އިމާރާތުގެ އިންސްޕެކްޝަން ކުރިއަށް ގެންދިޔަ ކުންފުނިން އެކުލަވާލާފައިވާ އިިންސްޕެކްޝަން ރިޕޯޓުގައި ބުނެފި އެވެ.

ސްކޫލުގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު މަރާމާތުގެ އަގު ބޮޑުވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އިމާރާތުގެ ސްޓްރަކްޗާ ހުރި ހާލަތަށް ބަލާއިރު ކޮންމެ ހަ މަހަކުން ރޫޓިން މެއިންޓެނެންސް ކުރަން ޖެހޭނެ ކަމަށާއި މިހާރު ހުރި ހާލަތަށް ބަލާއިރު އެއަށްވުރެ ބޮޑު މަރަމާތު ކުރިއަށް އޮތް 2-3 އަހަރުގެ ތެރޭ ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު ކުރިއަށް އޮތް 3-5 އަހަރު ތެރޭ އެ އިމާރަތް ބޭނުންކުރުން ރައްކާތެރި ނުވާނެ ކަމަށް ފާހަގަ ކުރެވޭ ކަމަށްވެސް އިންސްޕެކްޝަން ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ކޮންޓިންޖެންސީ ޕްލޭނު އެކުލަވަލުމަށް ވަނީ ރިކޮމެންޑު ކޮށްފަ އެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެެ ހާލަތާމެދު ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ސްކޫލުގެ އިންސްޕެކްޝަނެއް ހަދަން އެޑިއުކޭޝަނުން ނިންމި އިރު މިނިސްޓްރީ އިން ވަނީ އެތަނުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް ބަޔަކާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކާއި ފާރުތަލުގައި ރެނދުލައި ބައެއް ސަރަހައްދުތަކުގައި ޖަހާފައިވާ މުށިތައްވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.

އެ ސްކޫލުގެ ކްލާސްރޫމުތަކާއި ކޮރިޑޯތައް އަދި ސްޓާފްރޫމާއި ކްލާސްރޫމުތަކުގައިވެސް ބޮޑެތި މަރަމާތުތައް ކުރަން ޖެހިފައި އެބަހުރިކަން އިންސްޕެކްޝަނުން ފާހަގަވެފައި ވެއެވެ.

ހަ ބުރީގެ އެެ އިމާރާތް ބޭނުންކުރަން ފެށީ 2013 ވަނަ އަހަރު އެވެ.

comment ކޮމެންޓް