ޕާކިސްތާނުން އެމެރިކާ ދަސްކޮށްފި، އެމެރިކާގެ ދަޅަތަކަށް ދެން ޕާކިސްތާން ނުހެއްލޭނެ

ތާލިބާނުންގެ މައްޗަށް އަސްކަރީގޮތުން ކާމިޔާބު ހޯދުމުގައި ނާކާމިޔާބު ވުމުގެ ސަބަބުންނާ އަދި 20 އަހަރުގެ ދިގުލީ އަފްޣާން ހަނގުރާމައަށް ޚަރަދުތައް ކުރެވެން ނެތުމުން އަފްޣާނިސްތާނުން އަސްކަރީ ގޮތުން ފޭބުމުގެ މަސައްކަތް އެމެރިކާ މިހާރު ވަނީ ފަށާފަ އެވެ.

މިދަނޑިވަޅުގައި ޕާކިސްތާނުން އިއްޔެވަނީ އަފްޣާނިސްތާނުން ފައިބަމުންދާ އެމެރިކާއަށް އަފްޣާނިސްތާނަށް އަސްކަރީ ގޮތުން ފާރަލުމަށްޓަކައި ޕާކިސްތާނުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ދެވެން ނެތްކަމަށް ބުނެފަ އެވެ. ނަންހާމަކުރަން ނޭދޭ ޕާކިސްތާނުގެ މަސްއޫލުވެރިއަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު ތާލިބާނުންނަށާއި އަދި ތާލިބާނުންނާ ގުޅިގެން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އަލްގާއިދާގެ ހަނގުރާމަވެރިންނަށް ފާރަލުމަށްޓަކައި ޕާކިސްތާނުގައި އަސްކަރީ މަރުކަޒެއް އުފައްދަން އެމެރިކާ އިންތިހާއަށް ބޭނުންވެ އެވެ. ނަމަވެސް ޕާކިސްތާނުންވާނީ އެމެރިކާގެ ކުރިމަތީގައި މިކަމަށް ސީދާ ގޮތެއްގައި ނޫނެކޭ ބުނެފައި ކަމަށް ޕާކިސްތާނުގެ ނޫސްތައް ބުނެއެވެ.

ޕާކިސްތާން ވަނީ އެމެރިކާއާ ފެއަށް ޖެހިފައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ވެރިކަމުގައި ވެސް އަދި މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި ވެސް އެމެރިކާއާ ޕާކިސްތާނުގެ ގުޅުންތައް ވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެމެރިކާގެ ސުލޫކާމެދު ހިތްހަމަ ނުޖެހިގެން ޕާކިސްތާން ވަނީ އެމެރިކާއާ ކޮންމެވެސް ވަރަކަށް ފެއަށް ޖެހިފަ އެވެ. އެމެރިކާއާ ކުޑަކޮށް ފެއަށްޖެހިލުމަށް ފަހު ޕާކިސްތާނުން އަވަށްޓެރި ޗައިނާއާ ސްޓްރެޓީޖިކް ލެވެލްގެ ބަދަހި ގުޅުންތަކެއް ގާއިމް ކުރަމުން ގެންދާތާވަނީ ދިހަވަރަކަށް އަހަރު ވެފަ އެވެ. މިއީ އެމެރިކާ ނުރުހޭ ކަމަކަށް ވިޔަސް ޕާކިސްތާނުން ވަނީ ގައުމީ މަސްލަހަތު އިސްކޮށް އެގައުމަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށްވާ ޗައިނާއިން އިގްތިސާދީ ފައިދާ ހޯދުމުގެ މަގު ޚިޔާރުކޮށްފަ އެވެ.

ޗައިނާގެ ފަރާތުން ލިބެނީ އިގްތިސާދީ ފައިދާ، އަސްކަރީ އުނދަގުލެއް ނުޖެހޭ

އެމެރިކާ އަބަދުވެސް ޕާކިސްތާނުގެ ކިބައިން ބޭނުން ވަނީ އަސްކަރީ އެހީތެރިކަމެވެ. އެމެރިކާގެ އަސްކަރީ ކަންކަމަށް ޕާކިސްތާނުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމަށެވެ. ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަށް ޕާކިސްތާން ސިފައިންގެ އެއްބާރުލުން ހޯދުމެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަނީ

މިއީ ޕާކިސްތާން ބުނާގޮތުންނަމަ އެގައުމަށް އިތުރު ނުރައްކާތެރިކަން ކުރިމަތިވެ އެމެރިކާ ދޭ އަސްކަރީ އެހީތަކަށްވުރެ ޕާކިސްތާން އަމިއްލައަށް ކުރަންޖެހޭ އަސްކަރީ ޚަރަދުތައް ބޮޑުވާކަމެކެވެ. ޗައިނާގެ ފަރާތުން އަސްކަރީ މިއުނދަގުލެއް ނުޖެހެ އެވެ. ޗައިނާއާ ގުޅުންތައް ބަދަހިކުރުމުން ޗައިނާ ޕަކިސްތާނުގައި އެތަށް ބިލިޔަން ޑޮލަރެއް އިންވެސްޓް ކުރެއެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދު ކުރިއެރުވުމަށާއި ވަޒީފާނެތް ޕާކިސްރާނުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިވެ އެވެ.

ބޭނުންވުމުން ޕާކިސްތާން ރަންގަނޑަކަށް ހަދާފައި ބޭނުން ކުޑަވުމުން ފެނުކެއްކި ބޮލީގެ އިއްޒަތް

ޕާކިސްތާން އެމެރިކާއާ ދުރަށް ޖެހިލި މައިގަނޑު އަނެއް ސަބަބަކީ އެމެރިކާ ޕާކިސްތާނުގެ އެހީތެރި ކަމަށް ބޭނުންވުމުން ޕާކިސްތާން ރަންގަނޑަކަށް ހަދާފައި ބޭނުން ކުޑަވުމުން ޕާކިސްތާނަށް ފެނުކެއްކި ބޮލީގެ އިއްޒަތް ދޭތީއެވެ. މިކަން ޕާކިސްތާނުގެ މަސްއޫލުވެރިން މީގެ ތިން އަހަރުކުރިން ފާޅުގައި ވިދާޅުވެ އެމެރިކާވަނީ ލަދު ގަންނަވާލާފައެވެ.

އިންޑިއާގެ ލާއިންސާނީ އަމަލުތަކަށް އެމެރިކާ ލޯމަރާލައިގެން އޮތުމަކީވެސް ޕާކިސްތާން ރުޅިއަންނަކަމެއް

އަނެއްކޮޅުން އެމެރިކާ ގެންދަނީ އިންޑިއާ ކުރިޔަށް ނެރެގެން ޗައިނާއާ އަސްކަރީ ގޮތުން ދިމާކުރުމުގެ ސްޓްރެޓެޖީ އެއް އޭޝިއާއާއި އޭޝިއާ ޕެސިފިކްގައި ހިންގަމުންނެވެ. މިއާއެކު އެމެރިކާ ގެންދަނީ އިންޑިއާ އިން ކަޝްމީރުގެ މުސްލިމުންނާ ދެކޮޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަަކަށް ލޯމަރާލައި އެކަމަށް ބީރު ކަންފަތެއް ދެމުންނެވެ. ކަޝްމީރުގެ މައްސަލައަކީ ޕާކިސްތާނުގައި ކޮންމެ ސަރުކާރެއް އޮތްކަމަށް ވިޔަސް އެގައުމަށް އެންމެ ހައްސާސް މައްސަލައެވެ. މީގެ އިތުރުން އިންޑިއާގައި ވެރިކަންކުރާ ހިންދޫންގެ ހަރުކަށި ދިނީ ވިސްނުމުގެ ސަރުކާރުން އިންޑިއާގެ ޒަމާންވީ ޑިމޮކްރަސީގެ އުސޫލުތައް މުގުރަމުން ދާއިރުވެސް އަދި އިންޑިއާގެ މުސްލިމުން މަރައި އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާއިރު ވެސް އެމެރިކާއަށް އެކަން ފެންނަ ކަމަކަށް ނުވެ އެވެ. މިއީވެސް އެމެރިކާ ދެކެ ޕާކިސްތާން ރުޅިއަންނަ ސަބަބެކެވެ.

ޕާކިސްތާނުގެ އިކޮނޮމިކް ކޮރިޑޯ

ޗައިނާ އިގްތިސާދީ ގޮތުން ޕާކިސްތާނުގައި ކުރާ އިންވެސްޓްމަންޓްތަކާ ގާތްކުރާ މިންވަރަކަށް ވެސް ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ވެސް އެމެރިކާއިން ޕާކިސްތާނަށް އިގްތިސާދީ އެހީ ދީފައިނުވާކަން ޕާކިސްތާނުގެ މަސްއޫލުވެރިން ފާހަގަ ކުރައްވަ އެވެ. ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ޗައިނާއިން ޕާކިސްތާނުގައި އިންވެސްޓްކުރާ އިގްތިސާދީ ކޮރިޑޯގެ މަޝްރޫއުތަކަށާއި އަރަބި ކަނޑަށް އައްސޭރިވާ ޕާކިސްތާނުގެ ގުވާދަރު ބަނދަނރު މަޝްރޫއަށް ޗައިނާއިން 30 ބިލިޔަނާއި 40 ބިލިޔަނާ ދެމެދުގެ މިންވަރަކަށް އިންވެސްޓް ކުރަމުން ގެންދާއިރު 1980ގެ އަހަރުތަކުން ފެށިގެން 2020ގެ ނިޔަލަށް އެމެރިކާގެ ފަރާތުން ޕާކިސްތާނަށް ލިބިފައި ވަނީ އެންމެ 10 ބިލިޔަން ޑޮލަރުގެ އެހީކަމާއި އޭގެތެރެއިން ވެސް 90 އިންސައްތަ އެހީއަކީ އެމެރިކާގެ ބޭނުންތައް ފުއްދުމަށްޓަކައި ޕާކިސްތާނުގެ އަސްކަރިއްޔައަށް ދިން އަސްކަރީ އެހީތައް ކަމަށް ޕާކިސްތާނާ ހަވަލާދީ ރިޕޯޓްތައް ބުނެފައިވެއެވެ.

އަލްގާއިދާގެ ހަނގުރާމަވެރިން އުފެއްދީވެސް އެމެރިކާ

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރުތަކުގައި ކުރީގެ ސޮވިއެޓް ޔުނިޔަން (ކުރީގެ ރޫސީ ވިލާތް)ގެ ސިފައިން އަފްޣާނިސްތާނަށް އެރުމާއެކު އަފްޣާން މުޖާހިދީންގެ ނަމުގައި ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ސަލަފީ ފިކުރުގެ ބަޔަކު ނެރެގެން ސައޫދީގެ މާލީ އެހީއާއެކު އަފްޣާނިސްތާނުގައި ތިބި ރަޝިއާ ސިފައިންނާ ދެކޮޅަށް އެމީހުންނަށް އަސްކަރީ ތަމްރީންދީ ހަތިޔާރުދީ ވަރުގަދަ ޖަމާއަތަކަށް އެމީހުން ހެދީ އެމެރިކާއެވެ. ޚާއްސަކޮށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިސްކޮށް އޮވެގެން ސައޫދީގެ މާލީ އެހީގައެވެ. މިހަނގުރާމައިގާ ރޫސީ ސިފައިން ބަލިވެ އަފްޣާނިސްތާނުން ބޭފުމުން މިހަނގުރާމަވެރިންތައް ބަދަލުވީ އަލްގައިދާއަށެވެ. އެމެރިކާ ފައްކާކުރި މިހަނގުރާމަވެރިން ދެން ދިމާކުރީ ސީދާ އެމެރިކާއާއެވެ. ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުނީއެވެ.

މުޖާހިދުންގެ ނަން އެންމެފަހުން ޓެރަރިސްޓުންގެ ނަމަށް

މިއާއެކު ކުރިން މުޖާހިދުންގެ ނަމުގައި އެމެރިކާ ނަންދިން ހަނގުރާމަވެރިންގެ ނަން ޓެރަރިސްޓުންގެ ނަމަށް އެމެރިކާ ބަދަލުކުރި އެވެ. މަސްލަހަތާއި މަގްސަދު ބަދަލުވީމައެވެ. ރޫސީ ސިފައިންނާ ދެކޮޅަށް އަފްޣާން މުޖާހިދުން ތަމްރީން ކުރުމާއި އެމީހުންލައްވައި ރޫސީންނާ ދެކޮޅަށް ހަނގުރާމަ ކުރުވުމުގައި އެމެރިކާ ބޭނުންކުރީ ޕާކިސްތާނުގެ ބިމާއި ޕާކިސްތާނުގެ ލޮޖިސްޓިކް އެހީތެރިކަމެވެ. އެމެރިކާ އަފްޣާނިސްތާނުގައި ރޫސީ ސިފައިންނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ ތިން މިލިޔަން އާންމުން ރެފިއުޖީންގެ ގޮތުގައި ޕާކިސްތާނަށް އައިސް ވަޒަންވެރިވެފައިވެއެވެ.

ޗައިނާގެ އެހީގައި ޕާކިސްތާނުން ތަރައްގީ ކޮށްފައިވާ ގުއާދަރު ބަނދަރު

ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ޕާކިސްތާނަށް އެހީތަކެއް ދިންނަމަވެސް ރޫސީ ސިފައިން އަފްޣާނިސްތާނުން ފޭބުމުން އެމެރިކާ ޕާކިސްތާނުގެ މަތިން ހަނދާން ނައްތާލިއެވެ. ދިނީ ފެނުކެއްކި ބޮލީގެ އިއްޒަތެވެ. ތިން މިލިޔަން ރެފިއުޖީންނަށް ކުރަންޖެހޭ ޚަރަދުތައް ވެސް އެންމެ ފަހުން ކުރަންޖެހުނީ ޕާކިސްތާނަށެވެ. ޕާކިސްތާން އެމެރިކާއާ ކުޑަކޮށް ފެއަށްޖެހެން މީގެ ހައެއްކަ އަހަރުކުރިން ނިންމީ މާޒީގައި އެމެރިކާގެ ފަރާތުން ތަކުރާރުކޮށް ފެނިފައިވާ މި ސިޔާސަތުގެ ސަބަބުންނެވެ.

އެެމެރިކާ ވަނީ ޕާކިސްތާން އާންމުންގެ 70 މީހުން ހައްގަކާ ނުލައި މަރާލާފައި

ދެހާސް އެއް ވަނަ އަހަރުން 2014 އަށް އެމެރިކާއިން ޓެރަރިޒަމާ ދެކޮޅު ނަމުގައި ތާލިބާންއާއި އަލްގާއިދާގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގި ހަރަކާތްތަކުގައި އެމެރިކާ ދިން ޑްރޯން ހަމަލާތަކުގައި ޕާކިސްތާނުގެ ވަޒީރުސްތާން ސަރަހައްދުން ޕާކިސްތާނުގެ 70 ހާހަށްވުރެ ގިނަ އާންމުން އެމެރިކާ މަރާލިކަން ޕާކިސްތާނުންވަނީ ހާމަކޮށްފައެވެ. ޕާކިސްތާނުގެ ދެކޮޅުހެދުންތަކާއެކު އޮބާމާގެ ވެރިކަމުގެ ދެވަނަ ދައުރުގައި އެހަމަލާތައް އެމެރިކާ ހުއްޓާލިއިރު އެއީ ހަނގުރާމައިގެ ޖަރީމާކަމާއި އެޖަރީމާތައް ހިންގި ކަމުގެ ކުށުގައި އެމެރިކާގެ ވެރިންނާ އަދި ސިފައިންގެ ޖެނެރަލުން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވެން ޖެހޭނެކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ފަރާތްތަކުން ތަކުރާރުކޮށް ބުނެފައިވެއެވެ.

އެމެރިކާ ގާތްވުމުން ޕާކިސްތާން އަތުން ދަނީ އިތުރު ޚަރަދު ކުރިމަތިވަނީ އިތުރު ނުރައްކާ

އެމެރިކާ ގޮތް ހުސްވެގެން މިހާރު އަފްޣާނިސްތާނުން ފައިބަމުންދާއިރު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ ތާލިބާނުންނަށާއި އަދި ތާލިބާނުންނާ ގުޅިގެން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އަލްގާއިދާ ގެ ހަނގުރާމަވެރިންނަށް ފާރަލުމަށްޓަކައި އަފްޣާނިސްތާނާ އަވަށްޓެރި ބައެއް ގައުމުތަކުގައި އަސްކަރީ މަރުކަޒުތައް ހަދަން ބޭނުންވާކަން ހާމަކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އަލްގާއިދާ ގެ ހަނގުރާމަވެރިން މަރުކަޒުކޮށްގެން ތިބެނީ އަފްޣާނިސްތާނާއި ޕާކިސްތާންގެ ބޯޑަރ ސަރަހައްދުގައެވެ. އެހެންކަމުން މިކަމުގައި އެމެރިކާގެ ލޯ ފުރަތަމަވެސް އަމާޒުކުރާނީ ޕާކިސްތާނަށް ކަމަށްވަނީ ބެލެވިފައެވެ. ޕާކިސްތާނުގެ ދުޝްމަން އިންޑިއާއާއެކު އެމެރިކާ ގާތް ގުޅުންތަކެއް ބާއްވަމުން ގެންދިއުމަކީ ޕާކިސްތާން ނުރުހޭ ކަމެކެވެ.

ޗައިނާގެ އެހީގައި ޕާކިސްތާނުން ތަރައްގީކުރާ އިކޮނޮމިކް ކޮރިޑޯ ސަރަހައްދުގެ މަގުތައް

މީގެއިތުރުން އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ޕާކިސްތާނުގެ ބިންބޭނުން ކުރުމުގެ ފުރުސަތު އަލުން ދީފިނަމަ އެކަމުގައި މަރުވެ ހަނާވެގެންދާނީ ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކުގެ ނިކަމެތި އާންމު ރައްޔިތުންކަން ޕާކިސްތާނަށް ކަށަވަރުވާތީ އާއި އެމެރިކާއަކީ އެމެރިކާގެ އަމިއްލަ އެދުމުން ފޯވެފައިވާ މަސްލަހަތު ފިޔަވައި އެހެންކަމެއް ނުފެން ގައުމެއްކަމުން މިފަހަރު އެމެރިކާގެ ފިއްތުންތަކަށް ޕާކިސްތާން ދީލައި ނުލާނެކަމަށް ޕާކިސްތާނުގެ ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ނޫސްތައް ބުނެއެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ ބިމުން އެމެރިކާއަށް ފުރުސަތު ދިނުމަކީ ޗައިނާވެސް ރުޅިއަންނާނެކަމަކަށްވާތީ މިފަހަރު ޕާކިސްތާނުގެ ފަރާތުން އެމެރިކާ އަށް މިފުރުސަތު ލިބުން ވަރަށް ދުރެވެ.

މިކަމާބެހޭގޮތުން ޕާކިސްތާނާ މަޝްވަރާ ކުރުމަށްޓަކައި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާގެ ވެރިޔާ ވިލިއަމް ބާންސް ދާދިފަހުން ޕާކިސްތާނަށް ޒިޔާރަތް ކުރެއްވި ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސް ބުނެފައިވެއެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖެކް ސުލިވާންވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު އަފްޣާނިސްތާނުގެ އެތެރެއިން އެމެރިކާއަށާއި އެމެރިކާގެ މަސްލަހަތުތަކަށް ޓެރަރިސްޓް ހަމަލާއެއް އަމާޒުވެދާފަދަ މަރުކަޒަކަށް އަފްޣާނިސްތާނު ވިޔަނުދިނުމާ ގުޅޭގޮތުން ޕާކިސްތާނާ މަޝްވަރާ ކުރަމުންދާކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.

އެމެރިކާ އަފްޣާނިސްތާނުގައިވަނިީ ރޫސީން ބަލިވި ގޮތަށް ބަލިވެފައި

އެމެރިކާ އަފްޣާނިސްތާނުން ފައިބަން ނިންމި ސަބަބުތަކުގެ ތެރޭގައި އެންމެ އިސްކަމަކަށް ހިމެނެނީ ތާލިބާނުން ބަލިކުރުމުގައި ނާކާމިޔާބުވުމެވެ. މިއީ ރޫސީ ސިފައިން މީގެ ސާޅީހަކަށް އަހަރުކުރިން އަފްޣާނިސްތާނުގައި މުޖާހިދީން ގެ އަތްދަށުން ބަލިވި ބަލިވުން ފަދަ ކަމެކެވެ. އެކަން ތަކުރާރުވުމެވެ. ދެވަނަކަމަކީ 20 އަހަރުވީ އަފްޣާން ހަނގުރާމައަށް ކުރާ ޚަރަދުތަކަކީ ބޭކާރު ޚަރަދުތަކެއްކަމާއި އެކަމުގެ ސަބަބުން އެމެރިކާ ތަރައްގީ ކުރަންހުރި ފައިސާކޮޅު ގެއްލި އެމެރިކާގައި ވަޒީފާނެތް މީހުން އިތުރުވެ ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް އޮތުމެވެ. މިކަން ޓްރަމްޕް ގެ ވެރިކަމުގައި އޭނާވަނީ ހާމަކުރައްވާފައެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އަސްކަރީ ކަންކަމުގައި އެމެރިކާ އުޅެނިކޮށް ޗައިނާވަނީ އިގްތިސާދީ ގޮތުން އެމެރިކާއާ ފައިހަމަކޮށްފައި

ޓްރަމްޕް މަސައްކަތްކުރެއްވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ދުނިޔޭގެ އެކިގައުމުތަކުގައި ކުރާ އެތަށް ސަތޭކަ ބިލިޔަން ޑޮލަރުގެ އަސްކަރީ ޚަރަދުތައް ނިމުމަކަށް ގެނަސް އެފައިސާ އެމެރިކާގެ އެތެރެވަރުގަދަކޮށް އެމެރިކާގެ ބައުވެފައިވާ އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށް ޚަރަދު ކުރުމަށެވެ. ފާއިތުވި 19 އަހަރު ތެރޭގައި އެމެރިކާ އަފްޣާނިސްތާނާއި އިރާގު، އަދި ސޫރިއާގައި ހިނގަމުންދާ ހަނގުރާމަތަކަށް 5 ޓްރިލިޔަން ޑޮލަރު (ފަސްހާސް ބިލިޔަން ޑޮލަރު) ޚަރަދު ކޮށްފައިވާކަމަށާއި އެއިން އެމެރިކާގެ އާންމު ރައްޔިތަކަށް ލިބުނީ ކޮންފައިދާއެއްތޯ ޓްރަމްޕްގެ ވެރިކަމުގެ ދުވަސްވަރު އޭނާވަނީ ސުވާލު އުފައްދަވާފައެވެ.

އެމެރިކާ 20 އަހަރުވަންދެން ތަރައްގީއަށް މާބޮޑު މަސައްކަތެއް ނުކޮށް ހަމައެކަނި އަސްކަރީ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށްގެން ހަނގުރާމަތަކަށް ބޮޑެތި ޚަރަދުތައް ކުރަމުންދިޔައިރު އިރު ޗައިނާ ދިޔައީ ހެސްކިޔާފައި އިގްތިސާދީގޮތުން އިންވެސްޓްކޮށް މަދަނީ އައު ޓެކްނޮލޮޖީ އީޖާދުކުރުމުގައި ކާމިޔާބު ހޯދަމުންނެވެ. ޗައިނާއަށް އިގްތިސާދީ ގޮތުންނާ މަދަނީ ޓެކްނޮލޮޖީގައި އެމެރިކާއާ ފައިހަމަ ކުރެވޭ ހިސާބަށް އާދެވުނީ އެމެރިކާ ހެދި މިގޯސްތަކުގެ ފައިދާ ނަގައިގެންކަން ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ފާހަގަ ކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް