އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ކުށުގެ އަޑުއެހުން ކެންސަލްކޮށްފި

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ، ޖިނާއީ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާ މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކުރި ކަމަށް ޕީޖީ އޮފީހުން މިއަދު ބުނި ނަމަވެސް އަޑުއެހުން ކެންސަލް ކުރީ ކީއްވެގެން ކަމެއް އެ އޮފީހަކުން ނުބުނެ އެވެ.

އަލީ ވަހީދުގެ ޝަރީއަތް ކެންސަލްކުރި އިރު އޭނާ ހުންނެވީ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ދިން ހުއްދައެއްގެ ދަށުން ބޭރުގަ އެވެ. އޭނާ ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ދިން ހަތަރު މަހުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އެހެންވެ އޮތީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހަދައިދޭން އެދިވަޑައިގެންފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައި ވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު