ޝާހިދުގެ އެމްބެސެޑަރަކަށް ތިލްމީޒާ ހަމަޖައްސަވައިފި

ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިން-- ފޮޓޯ" ތިލްމީޒާ/ޓުވިޓާ

ފޮރިން މިނިސްޓަރު އަދި އދ.ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް ޢަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ހަމަޖައްސަވައިފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ހޯމަ ދުވަހު އިންތިހާބުވެ ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޝާހިދު ވަނީ އާއްމު މަޖިލީހުގެ ރައީސްގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް އެމްބެސެޑަރު ނަގަރާޖް ނައިޑޫ ކުމާރް ވެސް ހަމަޖައްސަވައިފަ އެވެ.

އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށެވެ. މީގެ ތެރޭގައި ތަރައްގީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ގައުމުތައް ވެސް ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދ.ގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރް އާއި އިއްޔެ އދ.ގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި، ކުރިއަށް ހުރި މަސައްކަތްތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

comment ކޮމެންޓް