ދިރާސީ އަހަރު ނިމެންދެން މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ -- ފޮޓޯ/ ރައީސް އޮފީސް

މި ހިނގާ ދިރާސީ އަހަރު ނިމެންދެން މާލޭގެ ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ހާލަތަށް ރިއާއަތްކޮށް، އެޗްޕީއޭގެ ލަފާގެ މަތިން، މި ދިރާސީ އަހަރު ނިމެންދެން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑަކަށްވެސް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19އާ ހެދި މިހާރުވެސް މާލޭ ސަރަހައްދާއި މޮނިޓަރިންގައި އޮތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދެނީ އޮންލައިންކޮށެވެ.

މި ދިރާސީ އަހަރު ނިމެނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަނުން ކުރިން ބުނެފައިވެ އެވެ. އަދި ދެން އަންނަ ދިރާސީ އާ އަހަރު ފެށޭނީ އޯގަސްޓު މަހުގަ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ މާލޭ ސަރަހައްދުގައި އޮތީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ހަވީރު 4:00އިން ފެށިގެން ކާފިއު ހިންގަ އެވެ. އަދި ސަރުކާރު އޮފީސްތައްވެސް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް