ނައިފަރުގެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އެއް ރަށަކީ ޅ. ނައިފަރެވެ. އެރަށުން ކޮވިޑް ކޭސްއެއް ފެނި ރަށް މޮނީޓަރިން އަށް ލީ މާޗު 23 ވަނަ ދުވަހު އެވެ. ރަށް މޮނީޓަރިންގައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ރަށުން ފެންނަ ކޭސްތަކުގެ އަދަދު ފާއިތުވި ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ވަނީ ދަށްވެފަ އެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު،މި މަހުގެ ހަތަރުވަނަ ދުވަހު ރަށުން އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ފަސްވަނަ ދުވަހު އެކަކު ޕޮޒިޓިވްވި އިރު ހަ ވަނަ ދުވަހު ހަތަރު މީހަކު ޕޮޒިޓިވްވި އެވެ. ހަތް ވަނަ ދުވަހު ޕޮޒިޓިވް ކޭސް އެއް ނުފެނެ އެވެ. އަށްވަނަ ދުވަހު އެއް ކޭސް ފެނިފައި ވެއެވެ.

ފަސް ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ނައިފަރުގައި ކޮވިޑު އެންމެ ބާރަށް ފެތުރެމުން ދިޔަ ދުވަސްވަރު ދުވާލަކު 40 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި އެބަހުއްޓެވެ.

އިއްޔެ އާއި ހަމައަށް ޖުމްލަ 4،645 ސާމްލަޕް އެއް ނައިފަރުން ނަގާފައިވާއިރު އޭގެ ތެރެއިން 903 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ 12 މީހުންނެވެ. 887 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. ނައިފަރުން ހަތަރު މީހަކު ކޮވިޑުގައި މަރުވިއެވެ.

ނައިފަރު މޮނީޓަރިންގައި އޮންނަތާ ދެ މަސް ވެފައިވާއިރު ރަށް އާންމު ހާލަތަށް ގެނައުމަށް، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް