މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރުން މި މަހު 21އަށް ތާވަލްކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ކައުންސިލް

މި މަހުގެ 21 ވަނަ ދުވަހު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރަން ނިންމައި، ކައުންސިލަރުންނަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފި އެވެ.

މިހާތަނަށް ޑެޕިއުޓީ މޭޔަރުން އިންތިހާބުކޮށްފައި ނުވަނީ މާލެ ސިޓީއަށް އެކަންޏެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހުވާ ކޮށްފައި ވަނީ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރީ އޮންލައިންކޮށެވެ. ޑެޕިއުޓީ މޭޔަރު އިންތިހާބުކުރަން ޖެހެނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށްވާއިރު، އެ ޖަލްސާ އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުމާ ގުޅިގެން، އެދުވަހު ޑެޕިއުޓީ މޭޔަރުގެ ވޯޓު ނަގައިފައެއް ނުވެ އެވެ.

ޖޫން 20 ވާ އާދީއްތަ ދުވަހުގެ ކުރިން، ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ކަނޑައަޅައި ނިންމުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޮތީ އަންގައިފަ އެވެ.

ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނެ ތާރީހު ކަނޑައަޅައި، 14 ދުވަހުގެ ނޯޓިސް ދޭން ވާނެ ކަމަށް އެލްޖީއޭ އިން ކައުންސިލްތަކަށް ފޮނުވި ސިޓީގައި ވަނީ ބުނެފަ އެވެ.

އެ ސިޓީއާ އެއްގޮތަށް، މާލޭ ސިޓީ ކައުންސިލުން ވަނީ ކައުންސިލަރުންނަށް 14 ދުވަހުގެ ނޯޓިސް ފޮނުވައފަ އެވެ. މިދިޔަ އާދީއްތަ ދުވަހު ހުރިހާ ކައުންސިލަރުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޕީޕީއެމްގެ ހަތަރު ކައުންސިލަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް