ކުށުގެ ތުހުމަތުވާ މީހުންގެ ވަނަވަރު އާންމުކުރުމުގައި ތަފާތެއް ނުކުރަން: މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ ކުށްތަކުގައި، ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު އާންމުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލުން އަމަލު ނުކުރަނީ ކީއްވެތޯ ސުވާލުކުރެއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް އެވެ.

މެމްބަރުގެ ސުވާލާ ގުޅިގެން، މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ވަނަވަރު އާންމުކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާ ކަމަށާއި، އެކަން ކުރަނީ އެއް އުސޫލެއްގެ ދަށުން ކަމަށެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރާ ޖިނާއީ ކުށްތަކުގައި، ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަބަދުވެސް ހާމަކުރަމުން ދަނީ، ތަފާތު ކުރުމެއް ނެތި، އާންމުކޮށް އަމަލުކުރެވޭ އެއް އުސޫލަކުންނެވެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަނަވަރު އާންމު ކުރާއިރު، ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުށުގެ ތަބީއަތާއި ކުށުގެ ކުޑަބޮޑުމިނާއި، އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާ އާއި އެމީހާ އަކީ ތަކުރާރުކޮށް ކުށުގެ އަމަލުކުރާ ކުށުގެ ރެކޯޑު އޮތް މީހެއްތޯ އާއި އެ ކުށުގެ އަމަލަކާ ޖުމްލަކޮށް މުޅި މުޖުތަމައުގެ މަސްލަހަތު ގުޅިފައި އޮތް މިންވަރު ފަދަ ކަންކަމުގެ މައްޗަށް ބަލާ ކަމަށެވެ.

އޭގެ އިތުރުން މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތުގެ ވަނަވަރާއި، އެ މައްސަލައަކާ އެމީހަކާ އޮތް ގުޅުން ބަލައި، މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ހިނގަމުންދާ ތަހުގީގަށް ހުރަސްނޭޅޭނެ ހެން އެ މައުލޫމާތު ހިއްސާކުރުމަށް ބެލޭ ކަމުގައި ވެސް ވިދާޅުވި އެވެ.

އެއް އުސޫލަކުން، ތަފާތު ކުރުމެއް ނެތި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އާންމުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، އެއް ތުހުމަތެއްގައި ހައްޔަރުކުރެވޭ މީހުންގެ މައުލޫމާތު އާންމުކުރުމުގައި ވެސް ތަފާތު ކުރުން ގެންގުޅޭ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އާންމުކުރުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ މި ފަހުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް މައްސަލައަކީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެންކަށް ޖިންސީ ގޯނާ ކުރި މައްސަލައެވެ.

އެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި އިރުވެސް، އެއީ ކޮން ބައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހަމަ އެ ދުވަސްވަރު ޖިންސީ ގޯނާގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން ދިޔައީ އާންމުކުރަމުންނެވެ.

އެ މައްސަލައިގައި ދައުވާ ކުރި އެކަކަކީ، ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާން އެވެ. ޝާން އަކީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ. އެހެންކަމުން އެ މައްސަލައަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެވައިވާ ކަމަށް ތުހުމަތު ކުރި އެވެ.

އެ މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރި ދެ މީހަކު ފުލުހުން ދޫކޮށްލުން، ފުލުހުންނަށް އޭރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ލޮކްޑައުންގައި އޮތް މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.

comment ކޮމެންޓް