ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިފަހަރުވެސް ލޯނު ދޫކުރާނެ

މީހަކު ވިޔަފާރިކޮށްގެން ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ފުރަތަމަ ރާޅުގައި އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. ރީޓެއިލް ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓު ސައިހޮޓާތަކެވެ. އެތައް މަހެއް ވަންދެން ވިޔަފާރީގައި ތަޅު އަޅުވަން ޖެހި، މަސައްކަތުން އަތް ދޫކޮށްލަން ޖެހުނު މީހުންވެސް ތިއްބެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމެމުން ދަނިކޮށް ކޮވިޑުގެ ހާލަތު ހަމައަކަށް އެޅުމުން އެފަދަ ވިޔަފާރިތަކަށްވެސް ކޮންމެވެސް ވަރަކަށް ހިންދެމިލެވުނެވެ. ކުރިން ލިބުނު ގެއްލުމުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާވެސް ބަލީގެ ރާޅެއްގައި ލައްވާލާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިން ކުރުމުން މަނަލެވެ. ފިހާރަތަކުން ވިޔަފާރި ކުރަން ނިކުމެ އުޅޭ އުޅުމަށް ވަނީ ބަދަލު ގެންނަން ޖެހިފަ އެވެ. ރީޓެއިލް ވިޔަފާރިތަކާއި އެސްއެމްއީ ތަކަށް މީގެ ކުރިން ސަރުކާރުން ވަނީ ރިލީފް ޕެކޭޖުތައް ފޯރުކޮށްދީފަ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ކޮވިޑް 19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ކުދި އަދި މެދުފަންތީގެ 2،114 ވިޔަފާރިއަކަށް ޖުމްލަ 361.3 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާ އަދި އަށް މިލިއަން ޑޮލަރުގެ ލޯނު ވަނީ ދޫކޮށްފަ އެވެ.

ވިޔަފާރިތަކަށް މިފަހަރު ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ވެސް ލޯނު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެސްއެމްއީ ތަކަށް ހާއްސަކޮށްގެން ޖޫން އަދި ޖުލައި ތެރޭ އެސްއެމްއީ ބޭންކުން ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ބޮޑެތި ވިޔަފާރިތަކަށް ހާއްސަ ލޯނު ބީއެމްއެލް މެދުވެރިކޮށް ދޫކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ އޮޕެކް ފަންޑުގެ އެހީގައި ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކަށާއި އެ ސިނާއަތާ ގުޅުންހުރި ވިޔަފާރިތަކަށް 10 މިލިއަން ޑޮލަރުގެ ލޯނު ޕެކޭޖެއް އިއުލާނު ކޮށްފަ އެވެ. އެ ޕެކޭޖާ ގުޅޭ މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

"އަލުން މިއައި ކޮވިޑުގެ ރާޅާ އެކީގައި ނަގަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ދަތިތަކާ ކުރިމަތިލާން ޖެހުނު ވާހަކަ ކުރީ ދުވަހުވެސް ދެންނެވިން. އިރާދަ ކުރެއްވިއްޔާ މި މަސްތެރޭ އެ ފަރާތްތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. ޖޫން މަހުގެ މެދު ތެރޭގައި ސްޓިމިއުލަސް ލޯނެއް އިއުލާނު ކުރާނެ ބީއެމްއެލް މެދުވެރިކޮށް އަޅުގަނޑުމެން ދޫކުރާނީ. 380 މިލިއަނޭ އަޅުގަނޑު ހަނދާން ވަނީ،" ރައީސް ވިދާޅުވިއެވެ.

"މީގެ އިތުުރުންވެސް އެސްއެމްއީ ބޭންކު މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ އެބައޮތް ކުރިއަށް އޮތް ޖޫން ޖުލައި އަށް ކުދި ވިޔަފާރިތަކަށް ޕެކޭޖެއް އިއުލާނު ކޮށްފައި،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް