ސަޖަލް އަށް ހުރެވުނީ ރިއުމާންގެ އެ ގަދަ ޗޮކްލެޓް ކުލައިގެ ދެލޮލުގެ ތެރެއަށް ގެއްލިފައެވެ. އެ ދެލޮލުގެ ބާރުގައި ހީވަނީ އޭނާ ގައިދު ކޮށްލާފައިވާހެންނެވެ. އެ ވޭނީ ރިހުން ހިމެނޭ ދެލޮލުން ނަޒަރު ވަކިކޮށްލަން ނުކެރިފައި އޭނާއަށް ހުރެވުނީ ރިއުމާންގެ ދެލޮލުން އޭނާއަށް ފެނުނު އަސަރުތަކުގެ ސަބަބުންނެވެ.

އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ރިއުމާންއާ ނަޒަރު ވަކިކޮށްލަމުން، ރިއުމާންގެ އަތް ފޮޅުވާލާފައި، ގޭތެރެއަށް ވަންނަން އުޅުނެވެ. އެވަގުތު ރިއުމާން އަނެއްކާވެސް އެކަމަށް ހުރަސްއެޅިއެވެ. އޭނާ ސަޖަލްގެ އަތުގައި އަނެއްކާވެސް ހިފެއްޓިއެވެ.

"އަހަރެން ބޭނުމޭ ސަޖަލް އާ ވާހަކަ ދައްކަން، ކީއްވެތަ ނުވިސްނެނީ؟" ރިއުމާން ބުނެލިއެވެ.

"އަހަރެން ދާންވެއްޖެ! އަތުން ދޫކުރޭ، ހަމަ މިހާރު ދޫކުރޭ...ދޫކުރާށޭ!" ރިއުމާން އޭނާގެ އަތުގައި ހިފައްޓައިގެން ހުންނަން ފެށުމުން ސަޖަލްއަށް ވެސް ބާރަށް ބުނެވުނެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. ރިއުމާންގެ ގާތަށް އައި ރުޅިއާއެކު އޭނާ ސަޖަލްގެ އަތް ދަބަސް އަތުލިއެވެ.

"އަހަންނާ ވާހަކަ ދައްކާފައި ނޫނީ ނުދެވޭނެ!" ރިއުމާން އެހެން ބުނެލިއެވެ. އޭރު މަގުމަތިން ދިޔަ ބައެއް މީހުންގެ ލޮލުގައި އެ މަންޒަރު އަޅައިގަތެވެ.

"މީހުން އެބަ ބަލައޭ، ތީ ކޮންކަމެއްތަ؟" ސަޖަލްއަށް ރިއުމާންއަށް ބަލައިލުމަށްފަހު ނުރުހިފައި ބުނެވުނެވެ.

"އަހަންނާއެކު މިތަނުން ތަަނަކަށް ކޮފީއަކަށް އަރާ ވާހަކަ ދައްކައިލެވިދާނެއެއްނު..."

"އަހަރެން ދާން ބޭނުންނުވާތީއޭ ނުދާނަމޭ މި ބުނަނީ... ގެނޭ އަހަރެންގެ ދަބަސް..." ސަޖަލްވެސް ދެބުމަ ގޮށްޖަހައިލިއެވެ. ރިއުމާންގެ މޫނުމަތީގައިވި ރުޅިވެރި އަސަރުތަކުން އޭނާ ޖެހިލުންވި ނަމަވެސް، އޭނާ އެކަން ދައްކާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ސަޖަލް ހަރުކަށިކަން ދައްކަން މަސައްކަތް ކުރަމުންދިޔައެވެ. އޭރުވެސް ރިއުމާންގެ މޫނުމަތީގައިވި ކުލަވަރުތައް އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ.

"ނުދޭނަމޭ...." ރިއުމާންގެ އެއްވެސް ވާހަކައެއް ސަޖަލް އަޑު ނާހާނެކަން އެނގޭތީ، އޭނާއަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ ފަދަ ހިތްދަތިކަމެކެވެ. އޭނާއަށް ސިފަވާން ފެށީ ސަޖަލް އެ ޒުވާނާއާއެކު ކޮފީގައި އިން މަންޒަރެވެ. ކުއްލިއަކަށް އައި ރުޅި ރިއުމާންއަށް ކޮންޓްރޯލް ކުރާކަށް ފަސޭހައެއް ނުވިއެވެ. އޭނާ ސަޖަލްގެ ދަބަސް މަގުމައްޗަށް އެއްލައިލުމާއެކު، އޭގައި ހުރި ބައެއް އެއްޗެހި މަގުމައްޗަށް ވެރުނެވެ.

"ރިއުމާން... ކޮންކަމެއްތަ ތީ ދެން؟ ރިއުމާން ތިއަންނަނީ މަގުމަތީގައި އަހަރެން ފަޟީހަތްކޮށް އަހަންނަށް އިތުރު ތަކުލީފުތަކެއް ދޭންތަ؟ އިތުރަށް އަހަރެން ލަދުގަންނުވަންތަ؟ އަހަރެން ގެންގުޅޭ އެއްޗެއްސަށް ކޮންމެހެން ރުޅި ބައިލާނެކަމެއް ނެތް! މިހާރު އަހަންނަށް ބުނެވިއްޖެ ދޯ ރިއުމާން ކައިރީ ވަރަށް ރީއްޗަށް އަހަންނަށް އުނދަގޫ ނުކުރާށޭ. އަހަރެމެން ދެމީހުންގެ ގުޅުން ވަނީ މިހާރު ނިމިފައޭ... ކީއްވެތަ އަންޑަރސްޓޭންޑް ނުވަނީ؟ ކީއްވެތަ ތިހެން އުނދަގޫކުރަނީ؟ ކީއްވެތަ؟ ކީއްވެތަ އަހަރެންގެ އަގު އެންމެން ކުރިމަތީގައި ވެއްޓޭ ގޮތަށް އުޅެނީ... ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް... އަހަރެން މިހާރު ރިއުމާން ދެކެ ބިރުގަނެ ފޫހިވޭ... ތިހެން އުޅޭތީ. އެއްފަހަރުވެސް އަމިއްލަ ނަފްސަށް ވިސްނާލާފަވެސް ތިއުޅުން ދޫކޮށްބަލަ! އަހަރެން ނޫނަސް އެހެން އަންހެން ކުއްޖެއް ތި ޙަޔާތަށް އަޔަސް ރިއުމާންއަކަށް ތިހެން އުޅެގެން އުފާވެރިކަމެއް ނުލިބޭނޭ... ގެޓް ހެލްޕް... ޔޫ ނީޑް އިޓް..."

ސަޖަލްއަށް ރިއުމާންއާ ދިމާލަށް ބުނެވުނެވެ. އޭނާއަށް ހިތުގައި ވި ޝަކުވާތައް ބޭރުކުރެވެމުން ދިޔައެވެ. ދޮރުގެ އަތްގަނޑުން ދޫކޮށްލުމަށްފަހު އޭނާ، މަގުމަތީގައި އޮތް އޭނާގެ ދަބަހާ އެއްޗެހިތައް ނެގިއެވެ. އޭނާއަށް ދަބަހުގެ ޒިބް ނާޅޫވާ ހުރެވުނު ނަމަވެސް ނަސީބަކުން ގިނަ އެއްޗެހިތަކެއް މަގުމައްޗަކަށް ނުވެރެއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ސަޖަލް ދަބަސް ހިފައިގެން އައިސް ރިއުމާންއާ ކުރިމަތިިލިއެވެ.

"ޕްލީޒް. ގޯ ޓު އަ ސައިކޭޓްރިސްޓް އޯ ސައިކޮލޮޖިސްޓް... ޔޫ ނީޑް ހެލްޕް... އަހަންނާ ނުލާވެސް އުޅެވޭނެ، އަހަންނަށް ވުރެ ރަނގަޅު ކުރިންވެސް ލިބިދާނެ. ސޯ ޕްލީޒް ޖަސްޓް ގޯ އަވޭ ފްރޮމް މައި ލައިފް..."

ސަޖަލް ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. ދެބުމަ ގޮށްޖަހައިގެން ހުރި ރިއުމާން އޭނާގެ ފެންކަޅިވަމުން ދިޔަ ދެލޮލުގައި އަތްތިލަ އޮއްބައިލުމަށްފަހު، މަސައްކަތްކުރީ އެކަރުނަތައް ހުއްޓުވާށެވެ. އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެެވެ. އެއަށްފަހު އޭނާ ސަޖަލްއަށް ބަލައިލުމަށްފަހު ދުރަށް ހިނގައިގަތެވެ. ހީވަނީ އޭނާއަށް ސަޖަލްގެ އެ ދުރުކަމުން އިތުރު ތަކުލީފެއް ލިބުނީ ހެންނެވެ. އެތަން ބަލަން ހުރުމަށްފަހު ސަޖަލްވެސް ވަނީ ގެއަށެވެ.

އޭގެ ފަހުން ހަފްތާއެއްހާ ދުވަސްވީއިރުވެސް ސަޖަލްއަށް ރިއުމާންގެ އެއްވެސް އުނދަގުލެއް ނުވެއެވެ. ސަޖަލްވެސް އޭނާގެ އައު އޮފީހަށް ނުކުންނަން ފެށުމުން ހުންނަނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. އެހެންނަމަވެސް އޭނާ އޮފީހުން ގެއަށް އަންނަ ވަގުތު ތަކުގައި ދެ ދުވަހަކު އޭނާއަށް އޭނާގެ ގެ ކައިރިން ރިއުމާން ލޮލުގައި އަޅައިގަތެވެ. އެއާއެކު އަދިވެސް ރިއުމާން އޭނާއަށް ފާރަލަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.

އެއީވެސް އާދައިގެ ދުވަހެކެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް އައި ސަޖަލް ފެންވަރާ ތާޒާވެލައިގެން އެންޖީއޯއަށް ދާން ނުކުތީ އެމީހުން ނިންމަންޖެހޭ އިތުރުކަމެއް ނިންމުމުގެ ބޭނުމުގައެވެ. އެންޖީއޯގެ އެތެރެއަށް ވަތްއިރު ޒާމިންއާ ލީނީންއާއި ޝުޖާއުގެ އިތުރުން ޖުމާނާއާއި ނިހާއާ ދެމީހުން ތިއްބެވެ. ސަޖަލް ފެނުމުން އެ ދެމީހުން ހިނިތުންވެލިއެވެ.

"ހަމަ ގަޑިއަށް ދޯ މިއާ ދެވުނީ؟" ސަޖަލް އަތުގައި އޮތް ގަޑިއަށް ބަލައިލަމުން، އަހައިލިއެވެ. އެހެން ބުނުމުން ޒާމިން ހިނިތުވެލާ އެމީހުން ތިބީ ސަޖަލްގެ އިންތިޒާރުގައި ކަމަށް ބުނެލިއެވެ.

"އެހެންތަ؟ ހިނގާ އަވަހަށް މީޓިން ފަށަން ދާން... ޝައު މިއަދުވެސް ގުޅިއޭ އެއްކަލަ ޕޭޕަރވޯކް ތައް ނިމުނުތޯ ބަލަން. މަަސައްކަތް ކުރާނޭ ޕްލޭން އެބަޖެހޭ އެކުލަވާލާ މިއަދު ފައިނަލްކުރަން...ޝައުއަށް މެއިލް ކޮށްލަންވެސް ބުނެލި." ސަޖަލް ބުނެލިއެވެ. އެންމެން އެކުގައި މީޓިން ރޫމަށް ގޮސް ވަތްއިރު، އެތަނުގެ އެތެރެ ފުދޭވަރަކަށް ހޫނެވެ. ސަަޖަލް އޭސީ ޖައްސައިލާ ސޯޅައަށް ލަމުން ގޮސް އިށީނީ އެހެންޏާ ޝައުފާ އިންނަ ގޮނޑީގައެވެ.

"ތިން މީހުންނަށް ކެބިން ހަމަޖެހިފައެއްނު ހުރީ ދެން ހިނގާ މަސައްކަތް ކުރާނޭ ގޮތާ ބެހޭގޮތުން މަޝްވަރާ ކޮށްލަން..." ސަޖަލް އަތުގައި އޮތް ގަނޑުތަކަށް ބަލައިލަމުން ބުނެލިއެވެ.

" ހިނގާ" ޒާމިން އެހެން ބުނެލިއިރުވެސް އިނީ ސަޖަލްއަށް މާނަފުން ގޮތަކަށް ބަލަހައްޓައިގެންނެވެ. އޭނާއަށް އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ނުކުރެވޭތީ އެކަމާ ހައިރާންވެސް ވެއެވެ. ސަޖަލްއާ ބެހޭ ގޮތުން މާގިނަ އެއްޗެއް ނޭނގޭއިރުވެސް އޭނާއަށް މިހާރަކަށް އައިސް އަބަދާ އަބަދު ވިސްނެނީ ސަޖަލްއާ މެދުގައެވެ. އެ ހިތުގައި އާ ވިންދެއް ޖަހަން ފެށި އިޙްސާސް ޒާމިންއަށް ކުރެވުނު ނަމަވެސް އެހާ އަވަހަށް ސަޖަލްއާ އެ ވާހަކަ ހިއްސާކުރަން އޭނާ ޖެހިލުންވިއެވެ.

މަޝްވަރާތަށް ނިންމައިލުމަށްފަހު، އެންމެން މީޓިން ރޫމުން ނުކުތެވެ. އެއްފަރާތުގައި ހުރި ދޮރު ހުޅުވާލުމަށްފަހު، ސަޖަލް އެތެރެއަށް ވަދެލުމާއެކު ޒާމިންގެ ފަހަތުން ދެންތިބި މީހުންވެސް ވަނެވެ.

"މީ ޒިމްމެންގެ ކެބިން ދޯ ސަޖޫ!" ޖުމާނާ ބުނެލިއެވެ. ސަޖަލްއާއެކޭ ބުނެލުމާއެކު ޒާމިންވެސް އެތަނަށް ވަށައިގެން ބަލައިލިއެވެ.

"ނައިސް" އޭނާ ބުނެލިއެވެ.

އެތަނުގެ އެތެރޭގައި ތިން މޭޒު ބަހައްޓާފައިވާއިރު، ފައިލްތަކާ އެއްޗެހި ބެހެއްޓޭގޮތަށް ހަރުތައް އަތުރާފައި ވެއެވެ. އެތަނުގެ އެތެރެއިން އިތުރު ތަނަކަށް ވަދެވޭގޮތަށް ބިއްލޫރި ޖަހާފައި ދޮރެއް ލާފައި ހުރިއިރު، އެތަނުގެ އެތެރޭގައި ސޯފާތަކާއި މޭޒެއް ހުއްޓެވެ. ހީވަނީ މީހުންނާ ފަސޭހައިން ވާހަކަ ދައްކައިލެވޭ ގޮތަށް ހަދާފައި ހުރި ތަނެއްހެންނެވެ.

"ޖުމީމެން ދިޔަޔަސް އެންމެ ރަނގަޅު.. އަހަރެން އެބަޖެހޭ އިތުރު އެއްޗެހިތަކެއް ނިންމައިލަން..."

"އަހަރެން ވެސް އަދި އެބަ ޖެހޭ އިތުރަށް އެއްޗެއް ބަލައިލަން. އެހެންވީމަ މަޑުކޮށްލާނަން... ލީނީ އާ ޝުޖާ ހާސްވާނެކަމެއް ނެތް. އަހަރެންވެސް ސަޖޫ އާ އެކީ މަޑުކޮށްލާފަ އެކަންތައް ކޮށްލާނަން..."

ކުރަންޖެހުނު ކަންތައްތައް ނިންމާފައި ޝައުފާއާއި ނިހާ އާ ދެމީހުން ދާން ނުކުތްއިރު ސަޖަލް މަޑުކުރީ އޭނާ އަދި އިތުރުކަމެއް ނިންމަން ޖެހޭކަމަށް ބުނެއެވެ. ޝުޖާއާ ލީނީންއާ ދެމީހުން ފޮނުވާލުމަށްފަހު، ޒާމިންވެސް މަޑުކޮށްލީ އޭނާ ޕާޕަރވޯކް ތަކެއް ނިންމަން ކަމަށް ބުނެއެވެ.

ސަޖަލް މީޓިން ރޫމުގައި ލެޕްޓޮޕް ދޮށުގައި އިށީނދެގެން އިންއިރު ޒާމިންވެސް ގަނޑުތަކެއް ކައިރިއަށް ލައިގެން އޭގައިވީ އެއްޗެއް ކިޔަމުން ދިޔައެވެ. އަތުގައި އޮތް ގަލަމުން އޭނާއަށް ރަނގަޅުކުރަން ފެންނަ ތަންތަން ރަނގަޅުކުރަމުން އޭނާދިޔައީ ވަރަށް ގަޔާވެގެންނެވެ. އިރުއިރުކޮޅަކާ ސަޖަލްއާ ދިމާލަށް އޭނާއަށް ބަލައިލެވެއެވެ.

"ސަޖޫ... އަމް... އައި އެމް ގޮއިންޓު ގެޓް އަ ކޮފީ، ޑޫ ޔޫ ވޯންޓް ވަން؟" ޒާމިން ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

"އައި އެމް ފައިން. އެކަމް ތިހާ ދޭން ބޭނުމިއްޔާ ބޭނުން ހެހެ..." ސަޖަލްވެސް ސަމާސާ ގޮތަކަށް ބުނެލިއެވެ.

"ކޮފީއާ ނުލާ ކިހިނެއް މަސައްކަތް ކުރާނީ؟" ޒާމިން އެހެން ބުނެލުމަށްފަހު ތެދުވިއެވެ. އޭނާ ގޮސް ވަނީ އެތަނުގައި ހުރި ޓީ ރޫމް ތެރެއަށެވެ. އޭނާ ކޮފީ މެޝިނު ކައިރިއަށް ހުއްޓެމުން ކޮފީ ހަދައިލިއެވެ. މި ވީ ދުވަސްތަކުގައި އޭނާއަށްވެސް އެތަނަށް އައިސް އުޅެވުމުން ތަނަށް އޭނާ ވެސް ވަނީ ފަރިތަވެފައެވެ.

ކޮފީ ހަދާ ނިންމާލައިގެން ދެ ޖޯޑު ހިފައިގެން އޭނާ އެތަނުން ނުކުމެގެން މީޓިން ރޫމާ ދިމާލަށް ހިނގައިގަތެވެ. އެތެރެއަށް ވަތްއިރުވެސް ސަޖަލް އޭނާ ކުރަން އިން މަސައްކަތަށް ފަރުވާތެރިވިވެގެން އިންތަން ފެނި އޭނާއަށް ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލެވުނެވެ. އިރުކޮޅަކު އޭނާއަށް ސަޖަލްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

"ކޮފީ؟" ޒާމިން އައިސް ސަޖަލް އިން ދިމާ މޭޒުގެ އެއްފަރާތުގައި ކޮފީތަށި ބަހައްޓައިލިއެވެ.

"ތޭންކްސް..." ސަޖަލް ހިނިތުންވެލިއެވެ. އެއަށްފަހު ކޮފީތަށިން އެތިފޮދެއް ބޮއިލިއެވެ. ހޫނުކަމުން އޭނާއަށް އަނގަޔަށް ވައްތަރެއް ޖައްސައިލެވުނެވެ.

"ހޫނުވާނެޔޭ، ދެންމެއޭ ހަދައިގެން މިގެނައީ، ހަމަ ވަރަށް ފްރެޝް ވާނެ..." ރިއުމާން ބުނެލިއެވެ. އެއަށްފަހު އޭނާވެސް ގޮސް އިށީނެވެ. ސަޖަލް ނަމާދުކުރީ ވެސް އެތަނުގައި އެމީހުންނަށް ޚާއްސަކޮށްފައިހުރި ނަމާދު ކޮޓަރީގައެވެ. އަށެއް ޖެހިއިރުވެސް އެ ދެމީހުން އެ މަސައްކަތުގައި ތިއްބެވެ. ނުވައެއް ޖަހަން އުޅެނިކޮށް ސަޖަލް އޭނާ މަސައްކަތް ދެން ކުރާނީ ފަހުން ކަމަށް ބުނެލިއެވެ. ޒާމިންވެސް ނިންމީ ގެއަށް ދާށެވެ. ދެމީހުން އެކުގައި އޮފީހުން ނުކުތުމަށްފަހު ލިފްޓަށް އަރައިގެން ތިރިއަށް ދިޔައެވެ.

ދޮރު ހުޅުވާލުމަށްފަހު ނުކުތް ސަޖަލްގެ ފައި އަރިއަޅައިލާ ގޮތްވެ އޭނާ ވެއްޓެން ދިޔައެވެ. ޒާމިންވެސް ހުޝިއާރުކަމާއެކު، ސަޖަލްގެ އަތުގައި ހިފައްޓައިލުމާއެކު، ސަޖަލް ގޮސް ޖެހުނީ ޒާމިންގެ ތަނަވަސް މޭމަތީއެވެ. އެއާއެކު ޒާމިން ޖަހާފައި ހުރި ފިރިހެން ސެންޓުގެ ވަސް ސަޖަލްގެ ނޭފަތުގައި ޖެހުނެވެ. އޭނާ އަވަސްއަވަހަށް ދުރުވެލިއެވެ. ޒާމިންވެސް އޭނާގެ އަވަސް ވަމުން ދިޔަ ހިތް ހަމައަކަށް އަޅުވަން އަވަސްވަގެތެވެ. އޭނާ ކަރުކެހިލަމުން ބޯ ކަހައިލިއެވެ.

"ސޮރީ!" ޒާމިން ބުނެލިއެވެ.

ސަޖަލްވެސް ލަދުވެތިކަމާއެކު އިސްޖަހައިލަމުން، މާފަށް އެދުނެވެ. ކުޑަ ވަގުތު ކޮޅަކަށް އެކަންތައް ހިނގައިގެން ދިޔަނަމަވެސް ދެމީހުންނަށް ނޭނގުނު ކަމަކީ އިތުރު މީހެއްގެ ލޮލުގައި އެ މަންޒަރު އަޅައިގަތްކަމެވެ.

ޒާމިން ނުކުމެ ސައިކަލާ ދިމާލަށް މިސްރާބުޖެހިއެވެ. ސަޖަލްވެސް އޭނާގެ މޫނާ ގޯނާ ކުރަމުން ދިޔަ އިސްތަށިކޮޅު އެއްފަރާތަށް ލައްވައިލަމުން ސައިކަލާ ދިމާލަށް ހިނގައިގަތެވެ. ސިހުން ގެނުވީ މީހަކު އައިސް އޭނާގެ އަތުގައި ހިފެއްޓުމާއެކުގައެވެ.

(ނުނިމޭ)

comment ކޮމެންޓް