ފްރާންސުގެ ރައީސްގެ މޫނު މަތީގައި ޖެހި މީހަކު ހައްޔަރުކޮށްފި

ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން -- ފޮޓޯ: ރޮއިޓާސް

ޕެރިސް (ޖޫން 8): ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ރައްޔިތުންނާ ބައްދަލު ކުރައްވަނިކޮށް އޭނާގެ މޫނުމަތީގައި މީހަކު ޖަހައިފި އެވެ.

ފްރާންސުގެ މީޑިއާތަކުގައިވާ ގޮތުން އެ ހާދިސާ ހިނގީ، ކޮވިޑް-19އަށް ފަހު އާއްމު ދިރިއުޅުމަށް ރުޖޫއަ ވުމާ ބެހޭ ގޮތުން ރެސްޓޯރެންޓުތަކުގެ ވެރިންނާއި ދަރިވަރުންނާ ވާހަކަ ދެއްކެވުމަށް މެކްރޮން އެގައުމުގެ ޑްރޯމްއަށް ވަޑައިގެންނެވުމުންނެވެ.

އެ ހާދިސާގެ ވީޑިއޯ އިން ފެންނަނީ ދަގަނޑު ބެރިއަރެއްގެ ފަހަތުގައި ތިބި ބަޔަކާ މެކްރޮން ވާހަކަ ދައްކަވާ ތަނެވެ. އަދި އޭގެ ތެރެއިން މީހަކު "މެކްރޮންގެ ވެރިކަން ނިމުމަކަށް ގެނައުމަށް" ގޮވާލާ ފަދަ އެއްޗެކޭ ބުނުމަށް ފަހު ރައީސްގެ މޫނު މަތީގައި ޖަހާ މަންޒަރެވެ.

އެއަށް ފަހު މެކްރޮންގެ ދެ ބޮޑީގާޑުން އެ މީހާ ހިފެހެއްޓި އެވެ. އަދި މެކްރޮން އެތަނުން ދުރަށް ގެންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. ނަމަވެސް އޭގެ ފަހުން ވެސް މެކްރޮން އެ ސަރަހައްދުގައި ތިބި މީހުންނާ ވާހަކަ ދައްކަވަން މަޑު ކުރެއްވި އެވެ.

އެ ހާދިސާއާ ގުޅިގެން އިތުރު މީހަކު ވެސް ހައްޔަރުކޮށް، އެ ދެ މީހުންނާ ސުވާލު ކުރަމުންދާ ކަމަށް ފްރާންސުގެ ފުލުހުންގެ ބަޔާނަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓު ކުރި އެވެ. އަދި އެ މީހާ ރައީސަށް ހަމަލާ ދިން ސަބަބެއް އަދި ނޭނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން 2016ގައި މެކްރޮން އިކޮނޮމީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، މަސައްކަތާ ބެހޭ ގާނޫނަށް ގެންނަން ހުށަހުޅެއްވި އިސްލާހުތަކަކާ ގުޅިގެން ނުރުުހުން ފާޅު ކުރި ބަޔަކު އޭނާގެ ހަށިކޮޅަށް ބިސް ޖެހި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް