ބައިނަލްއަގުވާމީ އާއިލާއިން ރާއްޖެ ބަލައިގަންނަނީ ޑިމޮކްރަސީގެ މަގުން ކުރިއަށްދާތީ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ/ މަޖިލިސް

އދގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުالله ޝާހިދު އިންތިހާބުވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ, ބައިނަލްއަގުވާމީ އާއިލާއިން ރާއްޖެ ބަލައިގަންނަވަމުން ދަނީ ޑިމޮކްރަސީގެ މަގުން ރާއްޖެ ކުރިއަށް ދާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަބްދުالله ޝާހިދަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.

އިއްޔެ ނިއުޔޯކުގައި އޮތް އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަމުގެ އިންތިހާބު, ޝާހިދު ކާމިޔާބުކުރެއްވީ 191 ވޯޓުގެ ތެރެއިން 143 ވޯޓު ހޯއްދަވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުالله ޝާހިދު އެ މަގާމަށް އިންތިހާބުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ބޮޑު ފަޚުރެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރު މެސެޖެއްވެސް ހިމަނާފައިވެއެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ގައުމެއްގެ އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކުރާ ހިނދުކޮޅުތަކެއް ގައުމެއްގެ ހަޔާތުގައި އަންނަ ކަމަށެވެ.

"ދިވެހިރާއްޖެ ބައިނަލްއަގުވާމީ އާއިލާއަށް ހުޅުވި, ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ބަލައިގަނެ, ޑިމޮކްރަސީގެ މަގުގައި ކުރިއަށްދާކަމީ ބައިނަލްއަގުވާމީ އާއިލާއިންވެސް ދިވެހިރާއްޖެ ބަލައިގަންނަ އެންމެ އެންމެ ބޮޑު އެއް ސަބަބު. އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއިން ބަލައިގަންނާނީ ފަޚުރުވެރި ގައުމެއްގެ ގޮތުގައި," ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ރައީސް ނަޝީދު ވަނީ ދިވެހިރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުކުރުމަށް މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވައި, އަދި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް މަރުހަބާ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އދގެ އާންމު މަޖިލީހުގެ 76ވަނަ ދައުރުގެ ރިޔާސަތަށް ރާއްޖެ އިންތިހާބުވުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ހުރިހާ ގައުމުތަކަކަށް ލިބުނު ކާމިޔާބެއްކަމަށެވެ.

comment ކޮމެންޓް