ސިޔާމް އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެ، ނަފްރަތު އުފެއްދުން ކުށްވެރިކުރަން: އެމްޑީއޭ

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، އެ ޕާޓީގެ ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކެވި ވާހަކައެއްގެ މަފްހޫމު އޮޅުވާލައި, ސިޔާމްއާ މެދު ނަފްރަތު އުފައްދަމުން ގެންދާ ދިއުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ކުށްވެރިކޮށްފިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމަށް ސިޔާމް ވަޑައިގެންނެވި އިރު, ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިނަށް އަމާޒުކުރައްވައި, އޭނާ "ދަންޖައްސަންޖެހޭ" ކަމަށް ވިދާޅުވި މޭރުމަކުން ވާހަކަދެއްކެވި ކަމަށް އެ ކޮމިޓީގެ ބައެއް މެމްބަރުންނާ ހަވާލައިދީ މީޑިއާގައި ރިޕޯޓުކުރިއެވެ.

އެހެން ނަމަވެސް ހިސާން ޝަރުއީ ނިޒާމު ހިންގަމުން ގެންދާ ގޮތާ މެދު އިއްޔެ ސިޔާމްއާއި ހިސާންއާ ދެމެދު ޑިބޭޓެއް ހިނގިކަމަށާއި އެ ޑިބޭޓުގެ ތެރޭގައި އެއްޗެއް ބުނެވިފައި އޮވެދާނެކަމަށާއި ނަމަވެސް އެހެން ވިދާޅުވީ އެ މާނައިގައި ނޫންކަމަށް ވިދާޅުވެފައެވެ.

https://sun.mv/153080

އެހެން ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ސިޔާމް އެ މޭރުމުން ވާހަކަދެއްކެވި މައްސަލަ ފުލުސް އޮފީހަށާއި އެމްއެންޑީއެފަށް ހުށަހަޅާފައިވާ ކަމަށެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާމް ދެއްކެވި ވާހަކަފުޅާ ގުޅިގެން މަފްހޫމު އޮޅުވާލައި, އޭނާއާ މެދު އެކި ޕްލެޓްފޯމުތަކުގައި ނަފްރަތު އުފައްދަމުން ގެންދާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މި ޕާޓީގެ ލީޑަރަކީ އެއްވެސް އިރެއްގައި އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލާނެ, އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުމަށް އެދޭނޭ މީހެއް ނޫންކަމުގެ ޔަޤީންކަން ދިވހެި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ," އެމްޑީއޭގެ ބަޔާނުގައި ބުންޏެވެ.

އެޕާޓީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި މެމްބަރުން ދައްކާ ވާހަކަތަކާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގުމަކީ ގާނޫނުގެ އަސާސީގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ދެކޭ ކަމަށެވެ.

"އެހެންކަމުން, މި ޕާޓީގެ ލީޑަރ އޮނަރަބަލް އަޙްމަދު ސިޔާމް މުޙައްމަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަފުޅޭއްގެ މަފްހޫމު އޮޅުވާލައި, އެކަން ތަހުޤީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި, މިނިސްޓްރީ އޮފް ޑިފެންސަށް ހުށަހެޅި ހުށަހެޅުން މިޕާޓީން ބަލައިނުގަންނަ ކަމުގައި ދަންނަވަމެވެ," އެމްޑީއޭގެ ބަޔާނުގައި ވިދާޅުވިއެވެ.

އެމްޑީއޭއިން ބުނީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނުއަސާސީގެ ދަށުން ވަރަށް މުހިންމު ޒިންމާއެއް ހަވާލުވެފައިވާ, ދައުލަތުގެ އެއް ބާރު ކަމުގައި ވީ ހިނދު, މަޖިލީހުގައި އެމްޑީއޭއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ އިސްލާމްދީނާއި ދިވެހިރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށާއި, އެ މަސައްކަތް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް