މިއީ ސިޔާސީ ހަމަނުޖެހުމަށް ދާންވީ ވަގުތެއް ނޫން، ބޮމުގެ ހަމަލާގެ އަސްލު ގެއްލުވާނުލާ: ރައީސް

ރައީސް ސޯލިހާއި ރައީސް ނަޝީދު: މިއީ ސިޔާސީ ހަމަނުޖެހުމަށް ދާންވީ ވަގުތު ނޫން ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިއީ ސިޔާސީ ހަމަނުޖެހުމަށް ދާންވީ ވަގުތު ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްްޓް ހަމަލާގެ އަސްލު ގެއްލުވާނުލަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ބޮމުގެ ހަމަލައާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދުމުން, އެކަމަށް ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.

ވަކި ވަކި ސިފައިން ހާޒިރުކުރުމަށް ދެކޮޅު ހެދުމުން އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށް ފޮނުވުމުން އެމްޑީޕީގެ މެންބަރުންގެ ވޯޓާއެކު އެ މައްސަލަ ކޮމިޓީން ބޭރުކޮށްލި އެވެ. އެއާއެކު އެމްޑީޕީގެ ތެރޭގައި ކޯޅުން ބޮޑުވެ, އިންކުއަރީއަށް ރައީސް ސޯލިހު ހުރަސް އަޅާކަމަށްވެސް ރައީސް ނަޝީދު ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އިންކުއަރީއަށް ހުރަސް އަޅަނީ, ސީދާ ރައީސް ލޮބީކުރައްވައިގެން ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދުގެ ފަރާތުން މެސެޖެއް ފޮނުއްވާފައިވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ, ރައީސް ނަޝީދު އެގޮތަށް ތުހުމަތު ކުރި ނަމަވެސް "ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް ހުރަސް ނާޅާނެކަން" ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ, ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާގެ މުޅި މައްސަލައިގައި ފޯކަސް ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ,

"މިއީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ދާންވީ ވަގުތެއް ނޫން. ރާއްޖޭގައި އެބަހުރި އެއަށްވުރެ މާ ބޮޑެތި މަަސައްކަތްތައް, މާ ބޮޑެތި ކަންކަން ހައްލު ކުރަން. އަޅުގަނޑުގެ އެދުމަކީ އެކަމަށް އަމާޒު ހިފައިގެން ހުރިހާ ބޭފުޅުން ކުރިޔަށް ވަޑައިގަތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު އެ ބޮމުގެ ހަމަލާގެ ވަށައިގެން ހުރި ކަަންކަމުން ނެއްޓި, އެކި ދިމަދިމާލަށް ސަމާލުކަން ގެންގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ, އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް އެންމެން އެކީ ކުރެވެން ހުރި ކަންކަން ކުރުން. ކާކުތޯ އެކަން ކުރީ، ކޮންބައެއް ބުނެގެންތޯ, އަދި އެކަމަށް ހަރުދުފައިވޭތޯ, ނުވަަތަ އެހެން ބަޔަކު އެހެން މަގުސަދެއްގައި ކުރި ކަމެއްތޯ ބެލުން. މުޅި ގައުމުގެ އެކަމުން ސަލާމަތްކުރުމަށް ކުރެވެން ހުރި ކަންކަން ކުރުން. އެއާ ހިލާފަށް މި ފެންނަނީ އޭގެން ނެއްޓި މުޅިން އެހެން ދިމާލަކަށް އަމާޒު ހިފައިގެން ދާތަން،" ރައީސް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ, އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅާ ކަމަށާއި ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުންވެސް ލިބޭ ކަމަށެވެ.

comment ކޮމެންޓް