ޗައިނާ ވެކްސިން ނުހޯދާނަމެކޭ ނުބުނަން: ނަސީމް

ހެލްތް މިނިސްޓަރު ނަސީމް ފޮރިން މިނިސްޓަރު ޝާހިދާއެކު: ނަސީމް ވިދާޅުވީ، ޗައިނާ ވެކްސިން ނުހޯދާނެ ކަމަށް ނުބުނާ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއިން އުފައްދާފައިވާ ވެކްސިން ނުހޯދާނެމެކޭ ވިދާޅުވެފައި ނުވާނެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ވެކްސިން ހޯދުމުގެ ވިސްނުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭ ކަމަށް ބުނެ, ނަސީމާ ހަވާލައިދީ ޓައިމްސް އޮފް އިންޑިއާ ނޫހުން މިދިޔަ މަހު 31 ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުރުން ނަސީމް ވިދާޅުވީ އެ ނޫހުން ރިޕޯޓުކޮށްފައި ވަނީ އޭނާ ދެއްކި ވާހަކަތައް އޮޅުވާލައި, ބައެއް ވާހަކަތައް އުނިކޮށްގެން ކަމަށެވެ.

"ވަރަށް ދެރަކޮށް ނޫހުގައި ޝާއިއުކޮށްފައިވާ އެއްޗެއް އެއީ. އަޅުގަނޑެއް ނުބުނަން ޗައިނާ ވެކްސިން ހޯދަން އެގްރިމަންޓު ނުކުރާނަމޭ. އަޅުގަނޑު ބުނީ, މިހާތަނަށް [އެގްރިމަންޓު] ކުރެވިފައި ނޭތޭ," ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ, އޭނާގެ އިންޓަވިއުގައި ބައެއް ވާހަކަތައް އުނިކުރުމުން އެ ހަބަރު ލިޔުނު ރިޕޯޓަރުގެ ސަމާލުކަމަށްވެސް އެކަން ގެނައި ކަމަށެވެ. އަދި ހަބަރު ބަދަލުކުރާނެކަމަށް ރިޕޯޓަރު ބުނިކަމަށް ނަސީމް ވިދާޅުވި އެވެ.

"[ބައެއް ވާހަކަތައް] އުނިކުރުމުން އަޅުގަނޑު އޭނާއާ ސުވާލު ކުރިން. އޭނަ ބުނީ އެތަންކޮޅު ރަނގަޅުުކޮށްފައި ޖަހާނަމޭ. އެފަހުން އަޅުގަނޑެއް ނުބަލަން [އެ ހަބަރެއް]. އަޅުގަނޑަށް ހީވަނީ މިހާރު ބަދަލުކޮށްފައި ކަމަށް އޮންނާނީ" ނަސީމް ވިދާޅުވި އެވެ. "[އެއީ] އިންޑިއާގެ ކޮންސަމްޕްޝަނަށް ޖެހި އެއްޗެއްކަމަށް އަޅުގަނޑު ދެކެނީ,"

ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިންގެ 200،000 ޑޯޒު ރާއްޖެއަށް މީގެ ކުރިން ވަނީ ހަދިޔާ ކޮށްފައެވެ. އެހެން ނަަމަވެސް ރާއްޖެއިން މިހާތަނަށް އެެ ގައުމުން ވެކްސިން ގަނެފައި ނުވެއެވެ.

މިހާތަނަށް ރާއްޖެއިން ވެކްސިން ގަތުމަށް އެއްބަސްވުން ހެދީ ތިން ކުންފުންޏަކާއެކު އެވެ. އެއީ އިންޑިއާގެ ސިރަމް އިންސްޓިޓުގެ ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒް, ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ ހަތް ލައްކަ ޑޯޒް އަދި ރަޝިޔާގެ ސްޕަޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ގަތުމަށެވެ. މިހާތަނަށް އެއިން އެއްވެސް ވެކްސިންއެއް ރާއްޖެއަށް ލިބިފައި ނުވެއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ, އެސްޓްރާޒެނެކާގެ ފަސް ލައްކަ ޑޯޒް އަންނަ މަހު ލިބޭނެ ކަމަށެވެ. އަދި ރަޝިއާ ވެކްސިންގެ ސަޕްލައިން އެގްރިމަންޓުގައި ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށާއި އެ އެގްރިމަންޓު ކުރެވޭތާ ހަތަރު ހަފްތާ ތެރޭ ވެކްސިން ލިބޭނެ ކަމަށެވެ. ނަމަވެސް ސަޕްލައިން އެގްރިމަންޓުގައި ސޮއި ކުރާނެ ތާރީހެއް ރައީސް ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް