ޔޫރޯއާ ދިމާކޮށް ޔޫތު މިނިސްޓްރީން ޕްރޮޖެކްޓަރު ބަހަނީ

ޔޫރޯ 2016ގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ --- ފޮޓޯ: އޭޕޯ

ފުޓުބޯޅަ ސަޕޯޓަރުން އިންތިޒާރު ކުރަމުން އަންނަ ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ "ޔޫރޯ 2020" އާއި ދިމާކޮށް ޗައިނާއިން ހަދިޔާކޮށްފައިވާ ޕްރޮޖެކްޓަރުތަކެއް ދޫކުރާގޮތަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި ޕްރޮޖެކްޓަރުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ކުލަބް ޖަމިއްޔާތަކަށް ކަމަށެވެ. މި ޕްރޮޖެކްޓަރުތައް ހޯދަން ބޭނުންވާ ކުލަބް ޖަމިއްޔާތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން އެކަން މިނިސްޓްރީގެ މެއިލް [email protected] އަށް މެއިލް ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ އަހަރު ޖޫން މަހަށް ތާވަލުކޮށްފައި އޮތް ޔޫރޯ މުބާރާތް އަހަރަކަށް ފަސްކުރީ އޭރު ޔޫރަޕުގެ ގައުމުތަކުގެ ހާލަތު ގޯސްވުމުންނެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ. އެ ގޮތުން ޔޫރޯއާ ދިމާކޮށް މާލޭގައިވެސް މީހުން އެއްވެ ތިބެވޭ ގޮތަށް ހުންނަ ހުސް ތަންތަނުގައި ބޮޑެތި ސްކްރީންތައް ހަރުކޮށްގެން މެޗުތައް ބެލުން ކުރީން އޮވެ އެވެ. އޮލިމްޕަސް ސިނަމާގައި މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ސޯޝަލް ސެންޓަރުގެ ބޭރުގައިވެސް ބޮޑު ސްކްރީން ހަރުކޮށްފައި ހުރެ އެވެ. އެހެން ނަމަވެސް މި ފަހަރު ބޭރު ތެރޭގައި އެފަދަ ކަންކަން ކުރުމުގެ ފުރުސަތެއް ނެތެވެ.

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް 60 އަހަރު ފުރޭތީ ޔޫއެފާއިން ނިންމާފައިވަނީ މުބާރާތް ހާއްސަ ކުރުމުގެ ގޮތުން ޔޫރަޕުގެ ތަފާތު 12 ގައުމެއްގައި މުބާރާތް ކުރިއަށް ގެންދިއުމަށެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްގެންދާ 12 ގައުމަކީ އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ.

comment ކޮމެންޓް