މިޝްކާ މަރުގެ ތަހުގީގުގެ ފުރިހަމަ ރިޕޯޓު އަންނަ ހަފްތާ ލިބޭނެ: ނަސީމް

ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ---

ކޮވިޑް19ގައި މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގެ ތަހުގީގު ފުރިހަމަ ރިޕޯޓު އަންނަ ހަފްތާ ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ, އެ މަރާ ގުޅިގެން އެންމެ ފަހުން އާންމު ކުރި ކޭސް ރިވިއުއަކީ ފުރިހަމަ ތަހުގީގު ރިޕޯޓު ނޫންކަމަށާއި އެ ތަހުގީގުގެ ފުރިހަމަ ރިޕޯޓު އަދިވެސް ތައްޔާރުކުމުންދާ ކަމަށެވެ.

"އަދިވެސް އެ ތަހުގީގު އެކީ އެކައްޗަކަށް ނިމުނީއޭ އަޅުގަނޑަށް ނުދެންނެވޭނެ. އޭގައި ހުރި ބައެއް ލޫޕް ހޯލްތައް ފިލް ކުރުމުގެ [މަދުވާ ކަންކަން ފުރިހަމަ ކުރުމުގެ] މަސައްކަތް ކުރަމުން މިދަނީ. އިރާދަ ކުރެއްވިއްޔާ ހަފްތާއެއް ތެރޭ ފުރިހަމަ ރިޕޯޓެއް ލިބޭނެ," ނަސީމް ވިދާޅުވި އެވެ.

އެ ކޭސް ރިޕޯޓާ ހަވާލާދީ ނަސީމް ވިދާޅުވީ, މިޝްކާގެ މަރުގައި އެމްބިއުލާންސް ލަސްވީ ނޫން ކަމަށެވެ. އެމްބިއުލާންސްއާ ހަމައަށް މެސެޖް ދިޔުމުގައި ލަސްތަކެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްބިއުލާންސަށް އެނގުމުން 10 މިނިޓު ތެރޭގައި އެގެއަށް އެމްބިއުލާންސް ގޮސްފައިވޭ. އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރު ކުރަން އެމްބިއުލާން ދުއްވާ މީހުންނާއި އޭގައި ތިބޭ ސިއްހީ ހިދުމަތްތެރިންނަށް," ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ, މިހާރު ހަދާފައިވާ ކޭސް ރިވިއުގެ އަލީގައި ގިނަ ކަންކަން އިސްލާހު ކުރުމަށް ރަނގަަޅު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން ކުރިން ފަސް އެމްބިއުލާންސް ކޮވިޑަށް ހާއްސަ ކުރި ނަމަވެސް މިހާރު ހަތް އެމްބިއުލާންސް ކޮވިޑަށް ހާއްސަކޮށްފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމްބިއުލާންސަށް ގުޅާ ހިސާބުން އެކަން ނިމެންދެން ނަރުހުން މޮނީޓާ ކުރަމުންދާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

https://www.sun.mv/153139

comment ކޮމެންޓް