ސްޓޫޑެންޓް ލޯންތައް މިއަހަރުގެ ނިޔަލަށް ފަސްކުރަން ނިންމައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ސްޓޫޑެންޓް ލޯނު މިއަހަރުގެ ނިޔަލަށް ފަސްކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކޮށްފި އެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް މަތީ ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުންގެ ސްޓޫޑެންޓް ލޯނު މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑު ވާނީ ފިނޭންސް މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެކީގައި މިކަމުގައި މަޝްވަރާކޮށް، ސަރުކާރުން ދޫކޮށްފައިވާ ސްތޫޑެންޓް ލޯނުތައް މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމާފަ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން ސްޓޫޑެންޓް ލޯނުތަކާއި މެދު ވަކި ގޮތެއް ނިންމާނެކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައިވެސް ވަނީ ސްޓޫޑެންޓް ލޯނުތައް ހަ މަސްދުވަހުގެ ނިޔަލަށް ދެފަހަރެއްގެ މަތިން ފަސްކޮށްދީފަ އެވެ. މިއީ ކޮވިޑް-19 ގެ ކޭސްތައް މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އިންތިހާއަށް އިތުރުވުމާއިއެކު އިގްތިސޯދަށް ބޮޑެތި ލޮޅުންތަކެއް އަރައި، އާންމުންގެ އާމްދަނީއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެކެވެ.

comment ކޮމެންޓް