މުއްސަނދި ގައުމުތަކުން ގެންދަނީ ކޮވިޑް ވެކްސިން މޮނޮޕޮލީ ކުރަމުން: ޑަބްލިޔޫއެޗުއޯ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެރިޔާ

ޖެނީވާ (ޖޫން 8) : އެމެރިކާއާއި ޔޫރަޕްގެ މުއްސަނދި ގައުމުތަކުން ކޮވިޑް-19ގެ ވެކްސިން މޮނޮޕޮލީ ކުރަމުން ގެންދާކަމަށް ތުހުމަތު ކުރައްވައި ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޓެޑްރޮސް ވިދާޅުވީ ކޮވިޑް ވެކްސިން ދުނިޔޭގެ ފަގީރު ޤައުމުތަކަށް ފޯރުކޮށްދިނުމަށް ހުޅަނގުގެ މުއްސަނދި ގައުމުތަކުން މާބޮޑަށް އަޅާލާތަން ނުފެންނަ ކަމަށާ މުއްސަނދި ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންނަށް ބާރުމިނެއްގައި ވެކްސިން ދެމުން ގެންދާއިރު ވެކްސިން ފޯރުކޮށްދިނުމުގައި ފަގީރު ގައުމުތަކަށް މުއްސަނދި ގައުމުތަކުން އަޅާލަން ޖެހޭ ވަރަށް އަޅާލާތަން ނުފެންނަ ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ދުނިޔޭގެ ފަގީރު ގައުމުތަކަށް މިހާތަނަށް ލިބިފައި ވަނީ ވެކްސިންގެ އެންމެ 0.4 ޕަސެންޓް ޓެޑްރޮސް ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ކޮވިޑް ވެކްސިން ލިބުމުގައި ފަގީރު ގައުމުތަކާއި މުއްސަނދި ގައުމުތަކުގެ މެދުގައިހުރި ތަފާތު ބޮޑު ވާހަކަ ޑަބްލިޔޫ.އެޗް. އޯ ގެ އިސްވެރިން ތަކުރާރުކޮށް ގެންދަވަނީ ދައްކަވަމުންނެވެ. މިތަފާތުތައް ކުޑަކޮށް އިންސާފުވެރިކަމާއެކު ހަމަހަމަކަމާއެކު ފަގީރު ގައުމުތަކަށްވެސް ކޮވިޑް ވެކްސިން ލިބޭނެގޮތް ކަށަވަރުކޮށް ދިނުމަށްޓަކައި ޑަބްލިޔޫ.އެޗް.އޯ. އިން ވަނީ "ކޮވެކްސް" މަޝްރޫއުގެ ނަމުގައި މަޝްރޫއެއް އުފައްދާފައެވެ. މިމަޝްރޫއުގެ ދަށުން ފަގީރު އެތަށް ގައުމަކަށްވަނީ ކޮވިޑް ވެކްސިން ގެ ޑޯޒުތައް ކޮންވެސް ވަރަކަށް ފޯރުކޮށްދީފައެވެ. ނަމަވެސް އެގައުމުތަކަށް ބޭނުންވާ މިންވަރުގެ ތެރެއިން އެކެއް އިންސައްތަ ވެކްސިންވެސް މިމަޝްރޫއުގެ ދަށުން އަދި ފޯރުކޮށް ދެވިފައެއް ނުވެއެވެ.

ޑަބްލިޔޫ.އެޗް.އޯ. ގެ ކޮވެކްސް މަޝްރޫއަށް މާލީ އެހީތެރިކަން ދޭނެކަމުގެ ވައުދު މުއްސަނދި ގައުމުތަކުންވަނީ ދީފައެވެ. މީގެތެރޭގައި ޖީ 20 ގެ ނަމުގައި މަޝްހޫރުވެފައިވާ ގައުމުތަކާއި ޖީ 7ގެ ނަމުގައި މަޝްހޫރުވެފައިވާ ގައުމުތައް ހިމެނެ އެވެ. ނަމަވެސް ވައުދުވި ފައިސާގެ ތެރެއިން ކުޑަމިންވަރެއް މެނުވީ މިހާތަނަށް ކޮވެކްސް މަޝްރޫއަށް ލިބިފައިނުވާ ކަމަށް ޑަބްލިޔޫއެޗްއޯ ބުނެ އެވެ.

ކޮވެކްސް މަޝްރޫއުގެ ބޭރުން އެމެރިކާއާއި ޗައިނާފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން އެގައުމުތަކުން ދޭ ޚާއްސަ އެހީގެ ގޮތުގައި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަޝްރުއުތަކެއް ވަނީ ހިންގަން ފަށާފައެވެ. މީގެއިތުރުން އިންޑިއާއާއި ރަޝިއާވެސް އަމިއްލަ ގޮތުން ދުނިޔޭގެ ބައެއް ގައުމުތަކަށްވަނީ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ފަށާފައެވެ. ނަމަވެސް އިންޑިއާއަށް ކުރިމަތިވި ކޮވިޑްގެ އެންމެ ފަހުގެ ރާޅާއެކު އިންޑިއާގެ މިމަޝްރޫއުވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު