ދައުލަތުގެ ވެރިންނަށް ގެދޮރު ދިނުމުގެ ބިލާ އެމްޑީޕީ ޕީޖީ ލީޑަރު ދެކޮޅު ހައްދަވައިފި

މެއި 29، 2020: 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 41 ވަނަ ޖަލްސާ (ކުރިއަށް ގެންދެވުން 2) -- ފޮޓޯ/ މަޖިލިސް

ހަމައެކަނި ތިން ބާރުގެ ވެރިންނަށް ހިމާޔަތާ ރައްކާތެރިކަން ދިނުމަކީ މިވަގުތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް، ދުރު ވިސްނައިގެން ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ކަންކަން ރާވަން އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ގޮވާލައްވައިފި އެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު، ރައްޔިތުންގެ މަޖިލީޙުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު އަދި އެބޭފުޅުންގެ އާއިލާއަށް ގެކޮޅު ހަމަޖައްސަން ޖެހޭ ގޮތަށް ހެދުމަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

މަޖިލީހުގެ ރައީސަށް ގެކޮޅު ހަމަޖައްސަން އިމްތިޔާޒު ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމައްސަން އިސްލާހު ހުށަހަޅާފައިވަނީ ފަނޑިޔާރުންގެ ގާނޫނަށެވެ. މިއަދު އޮތީ ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހަށް ބަހުސްކުރުމެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގައި އާޒިމް ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އަކުރެއް އިތުރުކުރުމަށް ކަމަށާއި، ބަލާ ބެލުމަށް އެއީ އާދައިގެ ބިލެއްގެ ގޮތުގައި ފެނުނަސް، އެއީ ބޮޑެތި ކަންތައްތަކެއް ހައްލު ކުރުމުގެ މަގުސަދުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ވެސް ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް މިހާރު ވެސް ލާޒިމުކޮށްފައިވާ ކަމަށެވެ. ގާނޫނުތަކަށް ބަދަލު ގެންނަން ހުށަހަޅާފައިވަނީ ކުއްލިއަކަށް ދިމާވި ވަރަށް ބޮޑު ކަމެއްގެ ސަބަބުންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ޕެންޑެމިކްގެ ތެރޭގައި އޮތް އިރު ދައުލަތުގެ ހަރަދުތަކަށް ވަރަށް ބޮޑަށް ބަލަންޖެހޭނެ ކަމަށެވެ.

"އިގްތިސޯދީ ގޮތުން މުޅި ރާއްޖެ މިވަނީ ދުވަހަކު ވެސް ނުދާހާ ދަށަށް ގޮސްފަ. އަޅުގަނޑުމެން ޓުއަރިޒަމް މިވަނީ މުޅިން ހުއްޓިފަ. ރިޒާވް މިވަނީ ހުސްވުމާ ގާތަށް ގޮސް. އެހެންވީމަ އަޅުގަނޑުމެން ބަލާލަން އެބަޖެހޭ، އިތުރު ހަރަދުތަކެއް ކުރާ އިރުގައި ސަރުކާރުން ހަރަދު ކުޑަ ކުރެވޭނެ ގޮތްތަކެއް ވެސް އެބަ ބަލަންޖެހޭ. ސަރުކާރު އޭގެ ގޮތުގައި މިހާރު މި އޮންނަނީ ފުދޭވަރަކަށް ބޮޑުކޮށް. އޭގަ އަޅުގަނޑުމެން ސަރުކާރު ކުޑަކުރުން، ސަރުކާރުގެ ހޭދަތައް ކުޑަކުރުން އަޅުގަނޑުމެން މިވަގުތު މި ދަނޑިވަޅުގައި ކުރަންޖެހޭ ހަރަދުތައް ނޫން ހަރަދުތައް ނުކުރުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރި ނަމަވެސް މިވަގުތު އެކަމަށް އަމަލީ ސިފައެއް ނައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ރިޔާސީ ގިނަ ވައުދުތަކެއް ވެސް ވެފައިވާކަމަށް އިޝަރާތް ކުރައްވަމުން އާޒިމް ވިދާޅުވީ، މިހާރު އޮތީ އޭރުގެ ހާލަތު ނޫން ކަމަށާއި އެހެން ކަމުން ބައެއް ކަންކަން މިއަދު ހުއްޓުވަން ޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ، ދައުލަތުން ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހެނީ ހަމައެކަނި ތިން ބާރުގެ ވެރިންނަށް ނޫން ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ވެރިންނަކީ ވެސް ހިމާޔަތް ދޭން ޖެހޭ ފަރާތްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ކޮންމެ ވެރިޔަކަށް ވަކި ތަނެއް ހަމަޖެއްސުމަކީ ހަރަދުބޮޑު ކަމަކަށް ވާނެ ކަމަށެވެ.

"އެހެންވީމަ ދައުލަތުން އަނެއްކާވެސް ތަނެއް ކުއްޔަށް ހިފައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި، އަޅުގަނޑުގެ ހިޔާލަކީ އަޅުގަނޑުގެ ވިސްނުމަކީ ވަކި ސަރަހައްދެއް، އަޅުގަނޑުމެން ހިމާޔަތާ ރައްކާތެރިކަން ދޭންޖެހޭ ފަރާތްރަކަށް، ވަކި ސަރަހެއްދެއް، ސަރުކާރުން، ދައުލަތުން ބިލްޑް ކޮށްފައި އިމާރާތް ކޮށްފައި އެފަރާތްތަކަށް ބަހައްޓާފައި، އެފަރާތްތަކުގެ މުއްދަތު ހަމަވެ ނިމުނީމާ [ނުކުތުން].، އެތަނަށް ވަނުމާ ނުކުތުން އޮންނާނީ އަބަދުވެސް އެގޮތަށް ކަމަށް ހަދަން،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ވެރިންނަށް ހާއްސަ ތަނެއް ކަނޑައަޅާފައި ވާނަމަ، އެނޫން ތަނެއްގައި ދިރިނޫޅެވޭނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކުރަން ފެންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މިސާލަކަށް ހިނގާ ބަލަމާ. ރައީސް އަށް ހިމާޔަތާ ރައްކާތެރިކަން ދޭތީ އަދި ރައީސް އަށް ވަކިން ހާއްސަ ގެކޮޅަކާ ސެކިއުރިޓީއެއް މި އޮންނަނީ ފޯރުކޮށްދީފަ. އެހެން ނަމަވެސް ރައީސް ޔާމީންގެ ދައުރުގައި ވެގެން ދިޔަ ގޮތް ބަލާލަން އެބަޖެހޭ. ދައުލަތުން ތަނެއް ހަދާފައި ރައީސުލްޖުމްހޫރިއްޔާ އަށް ވަކިން ހާއްސަކޮށް ބަހައްޓާފަ ހުއްޓާ އަމިއްލަ ގޭގައި އުޅުއްވަމުން އެ ގެ މަރާމާތު ކުރަން، އެ ގޭގައި ލިފްޓެއް ހަރުކުރަން އެގޭގެ އެހެން ހަރަދުތައް، އެ ގެ ރައީސުލްޖުމްހޫރިއްޔާއަކަށް އެކަށީގެންވާ ފެންވަރަށް ހެދުމަށްޓަކައި ދައުލަތުން އެތައް ގިނަ ހަރަދެއް ކޮށް ނިންމާފަ، އެ ވަޑައިގަތީ ރަސީލްޖުމްހޫރިއްޔާއަށް ހާއްސަވެފައި ހުންނަ ގެކޮޅަށް،"

އެހެންކަމުން ބިލަށް އިސްލާހު ގެންނަ އިރު، ހާއްސަކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ދިރިއުޅުމުގެ ފުރުސަތު ނޯންނާނެ ގޮތަށް ހަދަންޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ވަކިން ހާއްސަ ތަނެއް އެ ބޭފުޅަކަށް ހުރެއްޖެ ކަމަށް ވާނަމަ، އެ ބޭފުޅެއްގެ މުއްދަތުގައި، ފަސް އަހަރު ވިއްޔާ ފަސް އަހަރު، ތިން އަހަރު ވިއްޔާ ތިން އަހަރު، މުޅި އުމުރަށް ވިއްޔާ މުޅި އުމުރަށް، ގާނޫނުތަކުން މި ހާއްސަކުރާ ވަކި ތަނެއްގައި ގޮސް ހުންނެވުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އެބަ އޮންނަން ޖެހޭ. އެއީ އޮޕްޝަނެއް އޮތް ކަމަކަށް ވެގެނެއް ނުވާނެ،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ހަމައެކަނި ތިން ބާރުގެ ވެރިންނަށް ހިމާޔަތާ ރައްކާތެރިކަން ދިނުމަކީ މިވަގުތަށް ހައްލަކަށް ވެގެން ހިނގައިދާނެ ކަމަށާއި އެހެން ނަމަވެސް ކަމެއް ހައްލުކުރާ އިރު، ދުރުވިސްނައިގެން ދާއިމީ ހައްލެއް އަންނާނެ ގޮތަށް ކަންކަން ކުރަންޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ "މުންޑުގައި ބާ ފޮތި އަޅާ އުސޫލުން" ރާއްޖޭގައި އަބަދުވެސް ކަން އޮންނަ ގޮތަކީ ކަމެއް ދިމާވުމުން، ހަމައެކަނި އެކަމަކަށް ހައްލު ހޯދުން ކަމަށެވެ.

"ހިނގާ ބަލަމާ، ތިން ބަރުގެ ވެރިން އެކަންޏެއް ނޫން ނުރައްކާތެރި ހާލަތުގަ ތިބީއެއް. ގާނޫނު ތަންފީޒުކުރާ ވަރަށް ގިނަ ފަރާތްތަކެއް، ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އިސްވެރިން އެބަތިއްބެވި ވަރަށް ނުރައްކާތެރި ހާލަތުގަ،"

"ދައުލަތުން ހަމައެކަނި ތިން ބާރުގެ ވެރިންނަށް ހިމާޔަތާ ރަައްކާތެރިކަން ދިނީމާ މިވަގުތަށް ފަހަރެއްގައި ކަންކަން ނިމިގެން ހިނގައިދާނެ،" އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަށް ވަކި ސަރަހައްދެއް ކަނޑައަޅައި އެތަނުގެ ސެކއިރިޓީ ބަލަހައްޓާނެ އިންތޒިޒާމް ހަމަޖައްސަން ތާއީދުކުރައްވައި ތަކުރާރުކޮށް ވާހަކަދެއްކެވި އެވެ. އާޒިމް ވިދާޅުވީ ދުރާލާ އެކަންކަން ކޮށްފިނަމަ، ދައުލަތުގެ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ވިސްނުމަކަށް ވާންވާނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކަކަށް ވެސް ރައްކާތެރިކަމާ ހިމާޔަތް ލިބެންޖެހޭ އެންމެ ބޮޑަކަށް ލިބުން ކަމަށެވެ.

"އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންގެ އާދައިގެ ރައްޔިތަކަށް ރައްކާތެރިކަމާ ހިމާޔަތެއް ނެތް. މަގުމަތީގައިހިނގާލާފައި ދާއިރު ދިމާވެދާނެ ކިތަންމެ ނުރައްކާތެރި ކަންތައްތަކެއް އެބަހުރި. މީހުންގެ ފަރާތުން، މަސައްކަތްކުރާ ތަންތަނުގެ ފަރާތުން އަދި އެހެންވެސް ކަންތައްތަކެއް އެބަހުރި،" އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް