ކެނެޑާގައި މުސްލިމް އާއިލާއަކަށް ހަމަލާދީ، ހަތަރު މީހަކު މަރާލައިފި

ކެނެޑާގެ މަގެއް މަތިން މުސްލިމް އާއިލާއަކަށް ހަމަލާދީ، ހަތަރު މެމްބަރުން ވަނީ މަރާލާފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (ޖޫން 8): ކެނެޑާގެ މަގެއް މަތީގައި އިއްޔެ މުސްލިމް އާއިލާއެއްގެ ފަސް މެމްބަރެއްގެ ގައިގައި ޓްރަކަކުން ޖައްސާ، އެ އާއިލާގެ ހަތަރު މެމްބަރަކު މަރާލައިފި އެވެ.

ކެނެޑާގެ މީޑިއާތަކުން ބުނި ގޮތުގައި އިއްޔެ އެ ހަމަލާ ދިނީ އޮންޓާރިއޯ ޕްރޮވިންސުގެ ލަންޑަން ސިޓީގައި މަގު ހުރަސް ކުރަން ވެގެން މަޑުކޮށްގެން ތިބި އާއިލާއަކަށެވެ.

އެ ހަމަލާގައި މަރުވެފައި ވަނީ 77 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި 46 އަހަރުގެ ފިރިހެނަކާއި 15 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި ނުވަ އަހަރުގެ ފިރިހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށާއި އެ ކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށް މީޑީއާތަކުގައިވެ އެވެ. އެ އާއިލާގެ އެހެން މެމްބަރުންގެ އެދުމުގެ މަތިން އެމީހުންގެ ވަނަވަރު ފުލުހުން އާއްމު ނުކުރެ އެވެ.

ލަންޑަން ޕޮލިސް ސާވިސް ސުޕްރިންޓެންޑެންޓް ޕޯލް ވެއިޓް ވިދާޅުވި ގޮތުގައި އެ ހަމަލާ ދިނީ ދުރާލާ ރާވައިގެންކަން ދޭހަވާ ހެކި ވަނީ ލިބިފަ އެވެ. އަދި ހަމަލާ އެ އާއިލާއަށް އަމާޒު ކުރީ އެއީ މުސްލިމުންނަށް ވާތީ ކަމަށް ބެލެވެ އެވެ.

"މިއީ ނަފްރަތުގެ ސަބަބުން، ދުރާލާ ރާވައިގެން ހިންގި އަމަލެއް ކަމުގެ ހެކި އެބަހުރި. މި އާއިލާއަށް [ހަމަލާ] އަމާޒު ކުރީ އެއީ މުސްލިމުންނަށް ވާތީ ކަމަށް ބެލެވޭ،" ވެއިޓް ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހަމަލާ ދިން 20 އަހަރުގެ ނެތޭނިއަލް ވެލްޓްމަން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ އާއި އެ އާއިލާއާ އެއްވެސް ގުޅުމެއް އޮތްކަން ފާހަގަ ކުރެވިފައި ނުވާ ކަމަށާއި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުން އެކަށީގެންވާ ކަމަށް ފުލުހުން ބުންޏެވެ.

ކެނެޑާގައި އެ ހަމަލާ ދީފައި ވަނީ އެގައުމުގައި މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެގައުމުން އެފަދަ ހަމަލާތަކާ ބެހޭ ގޮތުން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުން ދެއްކި ގޮތުގައި 2018 ވަނަ އަހަރާ އަޅާ ބަލާ އިރު 2019 ވަނަ އަހަރު އެފަދަ ހަމަލާތައް އިތުރުވި އެވެ. އެއީ 166އިން 181އަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެއީ "ނަފްރަތުގެ އަމަލެއް"ގެ ގޮތުގައި ސިފަ ކުރައްވާ، އާއިލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފަ އެވެ. އަދި އިސްލާމް ދީނަށް ނަފްރަތު ކުރުމަށް އެގައުމުގައި ޖާގައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް