ޗޮކްލެޓް ކްރަޝް 16

ޗޮކްލެޓް ކްރަޝް

"މުދަލާއި އުމުރާއި މަޝްހޫރުކަމަކީ ކަނޑުން ލޮނުފެން ބުއިންފަދަ ކަމެކެވެ. ގިނައިން ބުއިވަރަކަށް ކަރު ހިއްކުން އިތުރުވާނެއެވެ. "<ޝޭޚު އަހުމަދު މޫސާ ޖިބްރީލް>

***

ވިސްނަންވީ ކިހިނެއްކަމެއް އަޒާލިއާއަކަށް ނޭގުނެވެ. އޭނަގެ ބައްޕައަކީ ކެތްތެރި ހިތްވަރުގަދަ އީމާންތެރިކަން ވަރުގަދަ އަޅުވެރިއެކެވެ. ނޯއާގެ މައްސަލައިގާ ސާބިތުކަމާއެކު ހުރެ މަންމައަށް ހިތްވަރު ދިނީ ބައްޕައެވެ. ވީއިރު ނޯއާގެ މައްސަލައިގާ ބައްޕައަށް ބޮޑުކަމެއް ދިމާވެދާނެކަމަށް ގަބޫލުކުރުން ދަތިވިއެވެ.

"އެކްސިޑެންޓްވެފައި ވަރަށް ބޮޑުވަރުވެއްޖެ....މީހަކު ބުނީ ބޭބެ ނިޔާވެއްޖެޔޯ......."

އަޒާލިއާ ހުއްޓުން އަރާފައި ލޯ ބޮޑުކޮށްގެން ހުރީއެވެ. ޒޭވިއާ އޭނަގެ މަންމަ ގަޔަށް ލައްކޮށްލައިގެންގޮސް ސޯފާގައި ބައިންދާފައި ކުޑަކުއްޖަކު ލޮއްސަން އުޅޭހާ ލޯބިން ވާހަކަދެއްކިއެވެ. މީހަކު ބުނާހާ އެއްޗެއް އަހަން ވެއްޖެއްޔާ ދިރިއުޅުމާއިމެދު އޮންނާނީ ކޮން އުއްމީދެއްހެއްޔެވެ؟ "މިރެކްލްސް"ކިޔާ އެއްޗެއް އޮވޭ ނޫންހެއްޔެވެ؟ ވަޅުލާ ތަނުންވެސް މީހާ ހޭ އަރާފައި އެބަވެއެވެ. ޒޭވިއާގެ ބަސްތަކުން ބޮޑުދައިތަ ހަމަޖެހިގެން ރުއިން ހުއްޓާލިއިރުވެސް އަޒާލިއާއަށް ދޮރުފަތުގައި ހިފެހެއްޓުނުގޮތަށް އެސްފިޔަޖަހާނުލާ ހުރެވުނެވެ. މޫނު ކަފަކޮޅެއްހާ ހުދުވިއެވެ. ބިންމަތި އޭނައާއި އަރާ ހަމަކުރިފަދަ ގޮތެއްވެ ވަށައިގެންވި މާހައުލު އަނދިރީގެ ތެރެއަށް ގެއްލިއްޖެއެވެ.

***

އަޒާލިއާ ހޭވެރިކަން ވުމުންވެސް ލޯ ހުޅުވައިލާން ބޭނުންނުވެފައި ލޯ ތަގުޅިކޮށްލައިގެން އޮތެވެ. ބޮޑުދައިތަގެ ބަސްތައް ކަންފަތުގައި ހޮނުގުގުރިއެއްގެ އަޑުހެން ހަރުލާފައެވެ. ޔަގީންވާ ކަމަކީ ބައްޕަ އެކްސިޑެންޓެއްވިކަމެވެ. ބޮޑުވަރުވިކަމެވެ. މީހަކު އަދި ނިޔާވެއްޖެއޭ ބުންޏަސް ގަބޫލުކޮށްގެން ނުވާނެކަމުގައި މަޑުމައިތިރި އަޑަކުން ޒެވިއާ އޭނަގެ ކަންފަތް ކައިރީ ބުނެލިހެން ހީވިއެވެ. ނޫނެކެވެ. އެބަސްތައް ބުނީ ޒޭވިއާގެ މަންމަ ކައިރީގައެވެ. އޭނަ އަނބުރައިގަތުމުގެ ކުރިންނެވެ. މިހާރު އެންމެން ކޮބާހެއްޔެވެ؟ އަޒާލިއާ ލޯ ހިމޭނުން އޮތްވާ ބޮޑުދައިތަގެ އަޑު އިވުނެވެ.

"އާނ. ވެންޓިލޭޓަރުގައި އޮތީ. ސީޓީ ހެދީމަ އެގުނީ ސިކުނޑިއަށް ލޭ އެޅިފައިކަން. ފުރުވާލަން އެބައުޅޭ..."

"މާހިރާގެ ނަސީބު ރަގަޅު. ލޮރީ ޖެހުނީ އަނެއް ފަޅީގައިވީމަ..ކުޑަކޮށް ޒަޚަމްވީ.."

އަޒާލިއާގެ މެޔަށް ނުބައިގޮތެއްވިއެވެ. އޭނަ ލޯ ނުހުޅުވިޔަސް ބައްޕަގެ ހާލު ބޮޑުކަން އެނގުނެވެ. ނަމަވެސް ދުނިޔޭގައި އޮތްކަމީ ﷲ ލެއްވި ރަހުމަތެކެވެ. އޭނައަށް ދުޢާއަށް ދެއަތް އުފުލައިލެވުނެވެ. ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތްމަތިން ގޮސް ބާލީހަށް ވަންނަން ފެށިއެވެ. އަޒާލިއާ އެދުނީ ދުވަހަކު އެހެން އުފަލެއް ނުލިބުނަސް އޭނަގެ ބައްޕަގެ ފުރާނަ ސަލާމަތްކޮށްދެއްވުމެވެ. ކުށެއްނެތި އަނިޔާ ލިބުނު ދޮންބެއަށްވެސް އިންސާފު ލިބުމަށެވެ.

***

ޝޭޚު ހަމްޒާ ޚާން ކޯމާއެއްގެ ޝިކާރައަކަށްވެ ސިކުނޑީގެ ވަށާ ފަރުދާއެއް ދަމާލާ އެހެންމީހުންނާއި ވަކިވެގެންފިއެވެ. އެ ސިކުނޑިއާއި އެންމެނާއި ގުޅުން ކެނޑިއްޖެއެވެ. އެ ހާލަތުގައި އޮންނައިރު ވުޖޫދުގައި ނެތް މީހެކޭ ތަފާތެއްނެތެވެ. ހުވަފެން ފެނުމެއް އަދި އިހުސާސްވުމެއް އަދި އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. ފުރާނަ ހުރުމާއެކު ސިކުނޑި މަރުނުވާތީ އެމީހަކު މަރާއި ދިރިހުރުމާއި ދެމެދުގައިވާ ރޮދިފަށެއްގައި ކިރިޔާ ހިފަހައްޓައިގެން އޮތްކަމެވެ.

މާހިރާ އިލްޒާމް އެޅުވީ ކަޒްޔާގެ ބޮލުގައެވެ. ހަމްޒާ ޚާން އެކްސިޑެންޓް ވީ އެވާހަކަ ދައްކަމުން ދަނިކޮށެވެ. ދަރިފުޅު ނޯއާގެ ކުށެއްނެތްކަން އިހުސާސްކުރެވި އެކުއްޖާ މިނިވަން ކުރާނެ ގޮތަކާއިމެދު ޚިޔާލު ބަދަލު ކުރަނިކޮށެވެ. ކަޒްޔާގެ ނަން ދުލަށް އައިތަނާއެވެ. ކަޒްޔާ އެންމެންގެ ހަޔާތަށް އައީ ބިރުވެރިކަމާއި ނާމާންކަން ހިފައިގެންނެވެ. ހީނާޚާން ނިންމިފަދައިން އެ އާއިލާގެ ހަލާކަކީ އެއީއެވެ. ކަޒްޔާ ގެންގުޅޭ ބެކްޕެކްގައި އެކޮޓަރިއަށް ޑްރަގް ވެއްދިކަންވެސް ހީނާޚާން ދެނެގަތެވެ. ކުރީރޭ އޭނަ އުޅުނުގޮތާއި ދަބަސް ބަރުކަމުން ގުދުވެގެން ކަހަލަ ގޮތަކަށް އޮތުމުން ކުރި ސުވާލަކަށް ބުނީ ބައިވަރު ފޮތްތައް ގެނައީ ކަމުގައެވެ. އެމީހުންނަށް ގެންގުޅެވުނީ ރީތި ސިފައެއްގައި އޮތް ކުޑަކުޑަ ވިހަ ހަރުފައެކެވެ. އެންމެންގެ ދިރިއުޅުމަށް ވިހަލާފައި އެދިޔައީއެވެ.

***

އަރްކާން އެދުނު ފަދައިން ބަޔާން ދިނުމުން ސަލާމަތްވެގެން ރަށަށް ދެވޭނެކަމުގެ އުފަލުގައި ހުރެފައި އަޒާލިއާއަށް ފޯނު ކުރަން ފޯނު އޮތްތޯ ދަބަސް ބަލައިލިއެވެ. ފޯނު ނެތުމުން އޭނަ ދަބަސް ހޭވިއެވެ.

"ދޮންބެ ޑިޑް ޔޫ ޓުކް ދަ މޮބައިލް....."

"އާނ ނަގައިފިން. ފޯނު ލިބޭނީ ކަޒްޔާ އިސްލާހުވީމަ. ތި ބުރުގާ ގަނޑު ނަގާފައި ބެކްވާޑް ތިންކިން ދޫކޮށްލާ.."

"ތިބުނި އެއްޗެއް ނޭގުނު. ކޮބާ ބެކްވާޑް ތިންކިން އަކީ؟ " ކަޒްޔާ ގޮސް ކުރިމަތީގައި ހުއްޓުނެވެ.

"ބިހޭވް...." އަރްކާންގެ އަލިފާނުގެ ބެލުމުން ކަޒްޔާ ބިރުގަންނަގޮތްވެފައި ފަހަތަށް ޖެހުނެވެ.

ކަޒްޔާ ބަޔާން ދިނުމުން ހުރިހާކަމެއް ނިމި ރަށަށް ދެވޭނެކަމަށް ހީކުރިއެވެ. އޭނައަށް ވަދެވުނީ ސިންގާކޮށްޓެއް ފަދަ ނުރައްކާތެރި ތަނެއްކަން އެނގުނީ އެ ގޭގައި އެންމެ ދުވަހެއް ނުވަނީހެވެ. އޭނަގެ މަންމަ ނަރުގިސްއާއި އަރްކާން އަދި ކައިޝާގެ ފަރާތުންވެސް އިވެންފެށީ ރުޅިވެރިކަމުގެ ބަސްތަކެވެ.

***

އަރްކާން ސޯފާގައި ދެފައި ދަމާލައިގެން ބިތުގައި ހަރުކޮށްފައިވާ ފަތި ޓީވީއިން ސިޔާސީ ޕްރޮގްރާމެއް ބަލަން އިނެވެ.

"ކަޒްޔާއަށް ވެސް އަދި ވޯޓު ނުލެވޭނެ ދޯ..." ކައިޝާ ސިޑިން ފައިބައިގެން އައިއިރު ޓައިޓަކާއި ގަޔަށް ހިފާފައިވާ މުށިކުލައިގެ ފޭރާން ދެވަނަ ހަމެއް ފަދައެވެ. އިސްތަށިގަނޑު ހައިލައިޓްކޮށްފައި ލުއި މޭކަޕެއްކޮށްފައިވާއިރު ފިލްމީ ތަރިއެއްފަދައެވެ.

"ކާކަށް ވޯޓު ނުލެވިގެން؟ "ކަޒްޔާ އެހިއެވެ.

"ޑޭޑްއަށް....."ކައިޝާ ޓީވީއަށް އިޝާރަތްކޮށްލިއެވެ.

"އެއީ އަހަރެންގެ ޑޭޑްއެއްނޫން. ދޮންބައްޕަ.ބައްޕައެއްގެ މަގާމު ދެވޭނެ މީހެއް ދުނިޔެއަކު ނެތް....."ކަޒްޔާ ލޯ ކުޑަކޮށްލާފައި ހިނިގަނޑެއްޖަހައިލިއެވެ. "އޭނަ އަތުގައި ފައިސާހުރީމަ ޔޫ ޗޫޒް ދޮންބައްޕަ...އަމިއްލަ ބައްޕަ ދޫކޮށްލާފައި ދިޔައީ ހިލޭ މީހެއްގެ ކައިރިއަށް ފައިސާއަށް ހެއްލިގެން. ހީޒް ނޯ ގުޑް ޕާސަން..އަބަދު ތިބުނާ މީހާގެ ވާހަކަތައް ނޫހުގައި އޮންނަތަންފެނޭ. މަޝްހޫރުވާންވެގެން އަބަދު ޓީވީއަށް ނޫނީ ރޭޑިއޯ ތަނަކަށް އިންޓަވިއުދީ ޕޮލިޓިކަލް ޕާޓީއެއްގެ ލީޑަރު ނަވާބު މަނިކު........" ކަޒްޔާ ރުޅިގަދަވެފައި ހުރިވަރުން ހިތުގައި އުފެދިގަތްހާ ޝުއޫރެއް ބޭރުކޮށްލައިފިއެވެ.

"ލީޑަރެއް އަދި އެމްޕީއެއް. ކަޒްޔާއަށް މާތްބަހުން ވާހަކަދައްކަން ނޭގޭތަ؟ " ކައިޝާ އޭނަގެ ބޭބެ އަރްކާން ކައިރީ އިށީދެ ކޮނޑުގައި ބޯ އަޅައިލިއެވެ. އެދެބެން ގުޅޭކަން އެ އަމަލުން އެނގުނެވެ. ނުގުޅެނީ ކަޒްޔާއާއެވެ.

"އައި ހޭޓް ހިމް...."

"ކަޒްޔާ ތިބުުނާ ބައްޕައަށްވުރެ ޑޭޑް މާ ރަގަޅު. އަހަރެމެންނަށް މާ އަޅާލާ. ބޭނުން އެއްޗެއް ގަނެދޭ. ބައްޕަ ކިޔައިދޭނީ ކުރީ ޒަމާނުގެ ވާހަކަތައް. އެޒަމާނުގައި އަންހެންކުދިން ޕެޗް އަޅާފައި ހެދުން ލާ ވާހަކަ. ކަދުރު އޮށެއްކައިގެން ޝުކުރު ކުރާ ވާހަކަ. އެ މުޅިންވެސް އަހަރެމެންނަށް އެއްޗެއް ގަނެނުދޭން ދެއްކި ފުލޯކު ވާހަކަތަކެއް...." ކައިޝާ ޖެއްސުންކުރިއެވެ. ބައްޕައަށް ކުރި މަލާމާތަށް ކެތްނުކުރެވިގެން ކުޑަ ސިންގާއެއްހެން އޭނަ ކައިޝާގެ ގަޔަށް އަރައިގަތެވެ. އަރްކާން އޭނަ ކައިޝާއާއި ގަދަކަމުން ވަކިކޮށްލުމުން ރުޅިވެރިކަމުން ފުރިގެންވާ ގޮތަކަށް ބަލައިލިއެވެ.

"ބައްޕަ ކުނި ޓައްޕަކަށް ލާފައި އޮތްވާ ގެނައި އަނެއް މަންމަގެ ދަރި...." ކައިޝާ ހޭންފެށިއެވެ.

ކަޒްޔާ ފުންނޭވާތަކެއް ލިއެވެ.

ރުޅިއައުމުން އައޫޒު ކިޔާށެވެ. އޭރުން ޝައިތާނާ އަށް އިންސާނުން ލައްވާ ގޯސް ހެދުމުން މަނާ ކުރުވާނެއެވެ. އަޒާލިއާގެ ލަފުޒުތައް އޭނަގެ ކަންފަތަށް އިވުނެވެ.

"أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم......." ކަޒްޔާ ބާރު ބާރަށް ކިޔާލައިފިއެވެ.

"އެހެންވެ ކުޑަކުޑަ ނިކަމެތި މީދަލެއްހެން ތި ހުންނަނީ ކަޒްޔާ ހަނަފީ..................."

އޭނަދެކެ އެ އާއިލާ އެންމެން ނަފްރަތުކުރާފަދައެވެ. ޖައްސާލައިގެން އުޅޭފަދައެވެ. އަބަދުވެސް ކައިޝާ އާއި އަރްކާން ބުނާނީ ކަޒްޔާއަކީ ބައްޕަ ކުނި އަޅާފައި ހުރި ގޯންޏަކުން ނަގައިގެން ގެނެސް ބޮޑުކުރި ކުއްޖެއްކަމުގައެވެ. ކުރިއަކުން އޭނައަށް އެކިޔާ އެއްޗެއްގެ މާނައެއް ނޭގުނެވެ. މިހާރު ކޮންމެވެސް ވަރަކަށް އެމީހުން އެބުނާ އެއްޗެއް ގަބޫލުކުރެވެންވެސް ފަށައިފިއެވެ. އެމީހުންގެ ހިތުގައި އޭނައަށްޓަކާ ލޯބީގެ ބަދަލުގައި ރުޅިވެރިކަން ނޫން އެއްޗެއް ވާނަމަ މިހެން އަމަލު ނުކުރީހެވެ.

***

ކަޒްޔާ ބަބްލްސް ގެއްލިގެން ނުހޯދާކަށް ކޮޓަރިއެއްނެތެވެ. އެގެއިން ބޭރަށް ނިކުމެވޭކަށް ނެތެވެ. ބުޅާ ދުށް މީހަކު ނުވިއެވެ. ގޭގައި ގެންގުޅޭ އަންހެންކުއްޖާވެސް ބުނީ ނުދެކޭކަމުގައެވެ. ކަޒްޔާއަށް ރޮވޭގޮތްވިއެވެ. އެންމެފަހުން ކައިޝާއަށް ކަޒްޔާ އެ ބުޅަލާއިހެދި އުޅޭވަރު ފެނިފައި ބުނީ އޭނަ ބުޅާ ގޯންޏަކަށް ލާފައި ކަނޑަށް އެއްލައިލީކަމުގައެވެ.

"ތިއީ އިންސާނެއްވެސް ނޫން. ހައު ކްރުއެލް. ނުލަފާ....މޭ ﷲ ކާރސްޑް ޔޫ....މޭ ﷲ މޭޑް ޔޫ ކްރައި..." ކަޒްޔާ ރޮމުން ރޮމުން ކިއެވެ.

"ހަހހަ....." ކައިޝާ ވީޑިއޯ ނަގަން ހުރެފައި ހިނިގަނޑު ފަޅައިގެން ދިޔައެވެ. "ޓިކްޓޮކަށްލާން ސަޅި ހުވާ..."

"ސަފަރު ކައްދަ....ހަންޑިގަނޑު......." ކަޒްޔާ އަތް މުށްކަވައިގަތެވެ. ދެބެން އަރައިރުންވާ އަޑަށް އަރްކާނާއި އޭނަގެ މަންމަ ނަރުގިސްވެސް ގޭތެރެއިން ނުކުމެ އަޑުލީ ކަޒްޔާއަށެވެ. ކައިޝާ ނޭވާއަށް އުދަގޫވާތީ ބުޅާ ގެންގުޅުން އެގޭގައި މަނާކަމަށާއި ކަޒްޔާއެއްކަމަކު އެގެއަކު އެފަދަ އެއްޗެއް ނުގެންގުޅެވޭނެ ކަމުގައި ބުނެލީ ނިކަން ހަރުކަށިކޮށެވެ. ކަޒްޔާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނަ ވަގުތުން ބެލްކަނިން ފައިބަންވެގެން ގޮސް ރެއިލިން މައްޗަށް އެރިއިރަށް އަރްކާން ފަހަތުންގޮސް ދަމައިގަތެވެ. ކިހިލީގައި އޭނަ ޖަހައިގެންގޮސް ކޮޓަރީގެ ތަޅުންމައްޗަށް އެއްލާލުމުން އަތަށްވެސް ތަދުވިއެވެ.

ކަޒްޔާ ސޯފާއަށް އަރާ އިންއިރު ނޯއާއާއި އަޒާލިއާ އަދި ޒޭވިއާގެ އޯގާތެރިކަން ހަދާންވިއެވެ. އެމީހުންނަކީ އޭނައަށްޓަކާ ބީރައްޓެހިންނެވެ. އެކަމަކު ކިހާ ހިތްހެޔޮ އާއިލާއެއް ހެއްޔެވެ؟ ހަމްޒާއާއި މާހިރާވެސް އެފަދައެވެ. ކިރިޔާވެސް އެއްޗެއް ބުނެލީ ހީނާ ޚާންއެވެ. ނަމަވެސް މިގޭ މިތިބަ މީހުން ކުރިމަތީގައި ހީނާޚާންގެ އެ ބަސްތައް އެކައްޗަކަށްވެސް ނުވިއެވެ. ކަޒްޔާގެ ޚިޔާލު އެކިގޮތްގޮތަށް ދަތުރުކުރިއިރު ސިކުނޑިއަށް ނަގައިގަނެވުނީ އަމިއްލަ އާއިލާއަށްވުރެ ދުރުތާ ތިމާގެ މީހުންވެސް ރަގަޅުކަމުގައެވެ. އޭނަ ބައްޕައާއެކު ހިއްސާކުރި މާޒީވެސް ނުލާހިކު އުފާވެރިއެވެ. ދުވަހަކު ލޮލުން ކަރުނަ އައިކަމެއް ނޭގެއެވެ. އޭނަގެ ސިޓިންރޫމްގެ ރަނިކަން ކުރި "ނޯހު"ގެ ހަރަކާތްތަކަށް ބަލަން ސޯފާގައި އޮތަސް ފޫހިފިލިއެވެ. ވާރެއާއި ތެމި ކަރުދާސް ބޯޓު ހަދައިގެން ދުއްވާ މަޑިއެރުވުން ފުޓްބޯޅަކުޅުން އަދި މޫދަށް އެރުންފަދަ ކަންތައް ހަދާނުގެ ކިއްލާގައި ފޮރުވާލެވިފައިވިއެވެ. ޝޭޚު ހަމްޒާގެ ޅީދަރިއަކަށް ވުމުގެ ނަސީބު ލިބުމަށްފަހު ރޫހާނީ ގުޅުން ރަގަޅުވާންފެށިއެވެ. އެހެންވާނެތާއެވެ. އަބދުހެން ކަންފަތުގައި އޭރު ޖެހެނީ މަދަހައާއި ގުރުއާނެވެ. އެކި ޝޭޚުން ދަރުސްތައް ގެނެސްދޭ އަޑެވެ. ދޮންބައްޕަގެ ގެއަށް އައުމަށްފަހު ދުނިޔެ އެކޮޅުކޮޅުން ޖެހިއެވެ. ކުލަ ދުނިޔެއެއްގައި ހުރެފައި ކަޅާއި ހުދުގެ ދުނިޔެއަކަށް ވަދެވުމުން ލިބުނު ފޫހިކަން އޭނަ މުޅިން މާޔޫސްކުރުވައިފިއެވެ.

***

ކަޒްޔާއަށް ނޫސް ބެލޭނެގޮތެއްވެސް ނެތެވެ. މުނިފޫހިފިލުވުމުގެ ވަސީލަތެއްވެސް ނެތެވެ. އަމިއްލައަށް މަރުވާން އުޅުނުކަމުގެ ނަން އަޅުވާފައި އޭނަ ކޮޓަރީގައި ބަންދުކޮށްލައިފިއެވެ. ތިންއިރު ކާން ގެނެސްދެއެވެ. ކޮންމެ ދުވަހަކު ހެދުނު ގެންނަނީ ޕާނުގައި ޕީނަޓްބަޓަރު ޖަހާފައެވެ. މެންދުރު ނޫޑުލްސްއެވެ. ރޭގަނޑަށް ރޮށްޓެވެ. މީރު ކާ އެއްޗެއްވެސް ދެނީއެއް ނޫނެވެ. އޭނަގެ މަންމަ ބޭސްގެނެސް ނޫފައިގެންފައިވާ ތަންތަނުގައި ހާކަން އެންގިޔަސް ކަޒްޔާ އެބޭހުގައި އަތް ނުލާން އަމިއްލަ ނަފުސަށް ވައުދުވިއެވެ. ނަމަވެސް ވޭން ބޮޑުކަމުން އެންމެފަހުން މަޖުބޫރުވީ އެމީހުން ދިން ބޭސް ބޭނުންކުރުމަށެވެ.

"މެރީ ކުރީމަ މާ ހެޕީކޮށް އުޅެވުނު...ލޫލޫ ކޮބާތަ.......ނޯ...އާ..." ކަޒްޔާ ދެރަވެގެންގޮސް ރޮވި އެކި މީހުންގެ ނަމުން ގޮވާ ހަދައެވެ. ކުޑަދޮރު ކައިރީގައި ހުރެ ބަބްލްސްއަށް ގޮވައެވެ. ނިދީގައިވެސް ފެންނަނީ ބަބްލްސް ކަނޑުގައި ޣަރަގުވާތަނެވެ. ހަފްތާއެއް ވީ ދުވަހު ކައިޝާ އެކޮޓަރިއަށް ވަނެވެ.

"ކޮބާ ކަޒްޔާ ކިހާވަރެއްވި؟ "

"އައި ހޭޓް ޔޫ ހަންޑި. ނަރަކައަށް ދިޔުމަށް އެދި ދުޢާކުރާނަން..."

"ކޮންކަމަކާ ތިހާ ވަރެއް ބާލަނީ..."

"ބަބްލްސްއަށް ދިން އަނިޔާ....ދުވަހަކު ފޮގިވް ނުކުރާނަން. ޓިލް ގްރޭވް ޓައިމް...."

"ހަހަ. ގްރޭވް ޓައިމް....ސީރިޔަސްކޮށް ހެއްވާ ފިލްމެއް ބަލައިލުން ކަހަލަ ކަމެއް ކަޒްޔާއާއި ވާހަކަދެއްކުމަކީ. އަހަރެން އަދިވެސް ހައިރާންވަނީ ކުޑަކުއްޖަކު މީހަކާއި އިނދެ ބޮޑުމީހަކަށް ހަދާފައި ހުރީމަ. ބުނެބަލަ.ނަފްސާނީ ވެފައި ތިހުންނަނީ އެމީހަކު ދިން އަނިޔާގެ ބޮޑުކަމުން ދޯ....އަނެއްކާ ޕްރެގް ނުވޭތަ؟ " ކައިޝާ އެހިއެވެ.

"މިތަނުން ދޭ. ކަލޭމެންނާއި ވާހަކައެއް ނުދައްކާނަން.....ސޫރަ ފެނުނަސް ކަންފަތުން އާވި އަރާ ވަރުވޭ......" ކަޒްޔާ ކަޅި އަޅައިގަތެވެ.

"ތި ބޮޑު އަނގަގަޑު މައިތިރިކޮށްގެން ހުރޭ........... " ކައިޝާ ކަޒްޔާގެ ނޭފަތްމަތީގައި ޖެހިއެވެ. ކަޒްޔާއަށް ކުރި އަނިޔާތަކާއި ރޭގަނޑު ފެންނަ ބިރުވެރި ހުވަފެންތައް އެކުއްޖާގެ ސިކުނޑިއަށް ކުރުވަފައި ހުރި އަސަރުތަކުން މޮޔަކުރުވިއެވެ. ލިބުނު ދަނޑިވަޅުގައި އޭނަވެސް ކައިޝާގެ އިސްތަށިގަނޑުގައި ހިފައިގަތެވެ. ދެކުދިން ތަޅާ ފޮޅައިގެން ބިމަށް ވެއްޓި ބިންމަތީގައި ދެބުޅާހެން ކޯޅެން ތިއްބާ އަރްކާންއަށް ވަދެވުނެވެ. އަރްކާންގެ އިންޒާރު މިފަހަރުވެސް އައީ ކަޒްޔާއަށެވެ. އެކަމާއި ކަޒްޔާ ދެރައެއްނުވިއެވެ. އޭނަގެ ދޮންބެ އަށް ވިނަމަވެސް ހިތުގައި ކުރިން އޮތްހާ ލޯބިވެސް ފަނޑުވާން ފަށައިފިއެވެ. ކައިޝާދެކެވެސް މެއެވެ.

"ބައްޕަ ގާތު ހުރިހާ ވާހަކައެއް ކިޔާދޭނަން...." ކަޒްޔާ ބުނެލިއެވެ.

"ކޮން ބައްޕައެއް. ކަލޭގެ ބައްޕައެއް ހުރޭތަ؟ މިހުރިހާ ދުވަހު ނޭގިއޮތް ސިއްރެއް ބުނެފާނަން. ތީ ބައްޕަގެ ދަރިއެއްނޫން....." ކައިޝާގެ ޖުމްލައިން ކަޒްޔާގެ ދުނިޔެވެސް ހުއްޓިއްޖެއެވެ.

ނުނިމޭ

comment ކޮމެންޓް