ގުޅިފަޅު މައްސަލާގައި އަލިމަގެއް ނުފެނިއްޖެ ނަމަ ކައުންސިލުން ކޯޓަށް

މާލޭ ސިޓީ ކަައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ސިޓީ ކައުންސިލް

ގުުޅީފަޅުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކޯޓަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހެދުމަށް ކައުންސިލުގެ ދެވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށާއި އެ ނިންމުމުގެ ދަށުން މަސައްކަތް ފަށާފައިވާ ކަމަށެެވެ.

މޭޔަރު ވިދާޅުވީ މަދުވެގެން 30،000 ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅީފަޅު ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށާއި އެކަން އެހެން އޮއްވައި، ގުޅީފަޅު ހިއްކުމާ ބެހޭ އީއައިއޭ ކޮންސަލްޓެންޓު ހިމެނޭހެން ޕްލޭނިން މިނިސްޓްރީ ބައިވެރިވާ ބައްދަލުވުމެއް ސިޓީ ކައުންސިލުގެ މެންބަރުންނާއެކު ބޭއްވި ކަމަށާއި މިހާރު އޮތް ގޮތަށް އެތަން ހިއްކަން ކައުންސިލުގެ ތާއީދު ނެތްކަމަށް އެ ބައްދަލުވުމުގައި ދަންނަވާފައި ވާނެ ކަމަށެވެ.

ނަމަވެސް އެ ޕްލޭން ކުރިން އޮޔް ގޮތަށް ކުރިއަށް ގެންދާ ފަދަ ގޮތަކަށް މީޑިއާ ގައި ހިއްސާ ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަދި ރައްޔިތުން އެދޭގޮތަށް ގުޅީފަޅުގެ ކަންތައް ބަދަލު ކުރުމުގައި ސިޓީ ކައުންސިލަށް އަދި ފުރުސަތެއް ނުލިބޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގުޅީފަޅު ޕްލޭނަށް ބަދަލު ގެނައުމަށް ސަރުކާރާއެކު ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކައުންސިލުން ކުރާނެ ކަމަށެވެ.

"ގުޅީފަޅު މައްސަލާގައި މިހާރު މިކަންތައް ދާ މިސްރާބު ބަދަލު ކުރުމަށް އަޅުގަނޑުމެން ސަރުކާރުގައި ތަކުރާރުކޮށް އެދެމުންދާނަން. ދެން އެއްވެސް ހާލެއްގައި އަޅުގަނޑުމެން މި ކުރާ މަސައްކަތް އަދި ކުރަމުންދާނެ މަސައްކަތްތަކަށް އެއްވެސް އަލިމަގެއް ނުފެނިއްޖެ ނަމަ، މި ދެންނެވީ ވޯސްޓް ކޭސްގައި، ކަންކުރާނެ ގޮތެއް ކަމަށް މިއަދުގެ ބައްދަލުވުމުގައި ކައުންސިލުގެ އަގުލަބިއްޔަތުން ފާސްކުރީ މާލޭ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ކޯޓަށް ދިޔުމަށް،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާލުވީ އެ ހިސާބަށް ދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް އެ ހިސާބަށް ދާންޖެހިއްޖެ ނަމަ، އެކަން ކޮށްގެންވެސް މާލޭ ރައްޔިތުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

މޭޔަރު މުއިއްޒު ވަކާލާތު ކުރައްވަނީ ގުޅީފަޅުގައި ހަދާ އިންޓަނޭޝަނަލް ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް ގުޅީފަޅުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށެވެ.

comment ކޮމެންޓް