ދުނިޔޭގެ އިތުބާރު ރާއްޖެއަށް އެބައޮތްކަން ސާބިތުވެއްޖެ: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިރު -- ފޮޓޯ/ ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީގެ ރައީސް ކަމުގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވުމަކީ މިއަދު ދުނިޔޭގެ ހުރިހާ ގައުމެއްގެ އިތުބާރު ރާއްޖެއަށް ލިބިފައިވާކަން ސާބިތުވާ ކަމެއް ކަމަށް އެ ގޮނޑި ކާމިޔާބު ކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މުޅި ދުނިޔެއިންވެސް ރާއްޖެ ބަލައިގަނެފައިވާކަން ސާބިތުވެގެން ގޮސްފި ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުން ދާކަން ސާބިތު ވެގެން ގޮސްފި. ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު، ދުނިޔޭން ގަބޫލު ކޮށްފައިވާކަން ހާމަވެގެން ގޮސްފި،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރާއްޖެ އަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރި އެކުވެރި ގައުމުތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޝާހިދު ވިދާޅުވީ އާންމު މަޖިލީހުގެ 76 ވަނަ ދައުރާ ކުރިމަތިލާއިރު ބޮޑެތި މައްސަލަތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

މިދިޔަ އަހަރަކީ ބަލިމަޑުކަމާއި، ނުތަނަވަސްކަމާއި، އުއްމީދު ގެއްލިފައިވާ އަހަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަމަހަމަކަން ގެއްލި ބޭއިންސާފާއި ހަމަނުޖެހުން އިތުރު ވެފައިވާ ކަަމަށާއި ވަށައިގެންވާ ތިމާވެއްޓާއި، ކަނޑާއި، ދުނިޔެ އަށް ތަފާތު ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ އަނެއްކާވެސް ތެދުވެ މަސައްކަތް ފަށައިގަންނަށް. މުޖުތަމައުތައް އަލުން ބިނާކޮށް، ދުނިޔެ ސަލާމަތަށް މަސައްކަތް ކުރަން މަސައްކަތް ކުރަންޖެހޭ. އިގުސާދުތައް އަނބުރާ އިއާދަކުރަން ޖެހޭ. އަދި ހަމަ އެހެންމެ، ހާއްސަ ކަމެއް ދީގެން އުންމީދު އާކުރަންޖެހޭ," ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ވާނީ ގުދުރަތީ މާހައުލަށް ހާއްސާ ސެޝަނަކަށް ކަމަށެވެ. އެގޮތުން ސީއޯޕީ26 އޮން ކްލައިމެޓް ޗޭންޖް، ދަ އޯޝަން ކޮންފަރެންސް، އެމް ބަޔޯޑައިވަރސިޓީ އަދި ސީއޯޕީ15 އޮން ޑައިވަސިފިކޭޝަން، ދަ އެނާރޖީ ޑައިލޮގް، ކޮންފަރެންސަސް އޮން ސަސްޓެއިނަބަލް ޓްރާންސްޕޯޓް އެންޑް ފުޑް ސިސްޓަމްސް ފަދަ ގިނަ ބައްދަލުވުންތަކާއި ކޮންފަރެންސްތައް އެކުލެވިގެންދާ ސެޝަނަކަށް 76 ވަނަ ސެޝަން ވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އާންމުންގެ ބޭނުންތައް އަޑުއަހައި މަޝްވަރާ ކުރުމަކީވެސް މުހިއްމު ކަމެއް ކަމަށާއި އެންމެންގެެ ހައްގުތަކަށް އިހުތިރާމްކޮށް، ގިނަ ބައެއްގެ ބޭނުންތަކާއި އިހުސާސްތައް ހިމެނިގެން އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ މެދުކެނޑުމެއް ނެތި ކުރިއަށް ދާންޖެހޭ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.

https://sun.mv/153087

މިނިސްޓަރު ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގައި ޒުވާނުންގެ އަޑު އިތުރުކޮށް ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދޭނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"މިންތީގެ ހަމަހަމަ ކަމަށް ވަކާލާތްކޮށް، މިންތީގެ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑު އުފުލާނެ ވާހަކަ ދަންނަވަން. ޖެނެރަލް އެސްމްބްލީގެ ރައީސެއް ގޮތުގައި ހުރެ، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން ނެތް އެއްވެސް ޕެނަލްއެއްގައި އަޅުގަނޑު ބައިވެރި ނުވާނޭ ވާހަކަވެސް ދަންނަވަން،" އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"މިއަދުގެ ބޭނުންތަކަށް ޖާވާބުދާރީ ވުމަށް އދ އަކީ މިއަށްވުރެވެސް ވަރުގަދަ ތަނެއް ކަމުގައި ވާންޖެހޭ. ދެފުށް ފެންނަ، ފުރިހަމަ އަށް މަސައްކަތް ކުރެވޭ، ނަތީޖާ ނެރެވޭ، ޒިންމާދާރު ތަނަކަށް ވާންޖެހޭ. އދ ގެ ނިޒާމުގެ ތެރޭގައި އާއި، އދ.ގެ އެކި ގުނަވަންތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާންޖެހޭ. އެހެންކަމުން މިކަންކަން ދިރުވޭނޭހެން އދ.ގެ މަސައްކަތް ބައްޓަން ކުރުމާއި އެކު އދގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނޭ މަގުތައްވެސް ބަލަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދެފުށް ފެންނަހެން މަސައްކަތްކޮށް އެންމެން ޝާމިލުކޮށްގެން ކަންތައްތައް ނިންމުމަށް ވައުދުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފާއިތުވި ހަފްތާތަކުގައި 193 މެމްބަރު ގައުމެއްގެ އިސް އޮފިޝަލުންނާއި ބައްދަކޮށް އަޅުގަނޑުގެ ތަސައްވުރު ވަނީ ހަމަ ކޮށްދީފައި. އެބޭފުޅުންގެ ޚިޔާލުފުޅުތައްވެސް ހޯދިން. އަދި އެ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެވިފައިވާކަމަށް އަޅުގަނޑު އުންމީދު ކުރަން،"

މިނިސްޓަރު ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

އެ އިންންތިހާބުގައި ވާދަކުރެއްވީ މިނިސްޓަރު ޝާހިދުގެ އިތުރުން އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް