ޕާކިސްތާނުގައި ރަހުނުކޮށްފައި ހުރިކަމަށް ބުނާ މިސްބާހުގެ ވީޑިއޯއެއް

ރަހީނުކޮށްފައިވާކަމަށް ބުނާ މިސްބާހު މުހައްމަދު (25)

ޕާކިސްތާނުގައި ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ރަހުނުކޮށްފައި ހުރިކަމަށް ފުލުހުން ބުނާ ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހް މުހައްމަދު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ. އެ ވީޑިއޯއިން ފެންނަނީ އޭނާކަމަށް ފުލުހުން ވަނީ "ސަން"އަށް ޔަގީން ކޮށްދީފައެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަނީ ރީނދޫކުލައިގެ ގޮޅިޖެހި ލައިގެން ހުރެ މިސްބާހު, ކެމެރާއާ ވާހަކަދައްކާ މަންޒަރެވެ. ފޯނަކުން ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯގައި އޭނާއަކީ ޑްރަގު ނެޓްވޯކަކާ ގުޅުމެއް ހުރި މީހެއް ނޫންކަމަށް ބުނެ, ދިވެހި ފުލުހުން ހަދަމުންދަނީ ދޮގު ކަމާށް ބުނެއެވެ.

"އަހަންނަކީ ޑްރަގު އެއްވެސް ނެޓްވޯކަކާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން، އަހަންނޭ ކިޔައިގެން ފުލުހުން އެ ހަދަނީ ހުސް ދޮގު،" އަށް ސިކުންތުގެ ވީޑިއޯގައި މިސްބާހު ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ މިސްބާހު ކަމަށާއި, އަދި ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

ވީޑިއޯއިން މިސްބާހު ހުރި ތަނަކާއި އޭނާގެ ހާލާ މެދު އެއްވެސް އެއްޗެއް އޭނާއެއް ނުބުނެއެވެ. އަދި އެހީތެރިކަމަކަށްވެސް އެދިފައެއް ނުވެއެވެ.

މި ވީޑިއޯ އާއި ގުޅިގެން ބެލި ބެލުމުން އިތުބާރު ހުރި މަސްދަރުތަކުން "ސަން" އަށް އެނގިފައިވާ ގޮތުގައި މިސްބާހު އަދިވެސް ހުރީ ޕާކިސްތާނުގަ އެވެ. އަދި އޭނާ ޕާކިސްތާނަށް ދިޔަ ފަހުން އިތުރު އެހެން ތަނަކަށް ދަތުރުކުރިކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަކޮށްފަ އެއް ނުވެ އެވެ.

https://sun.mv/152956

މި ވީޑިއޯއާއި ގުޅޭ ގޮތުން ފުލުހުން ބުނީ ކުރިން މައުލޫމާތު ހާމަކުރި ގޮތަށް މިސްބާހު ރަހުނުކޮށްފައި ހުރިކަމަށް ބުނީ ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ވަރަށް ބޮޑަށް ކަށަވަރުކުރުމަށްފަހު ކަމަށެވެ.

މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ސ. ހުޅުދޫ ދޭލިޔާ, އިރުފާން ތަގިއްޔުއާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު މިސްބާހު ދުބާއީ މަގުން ޕާކިސްތާނަށް ދަތުރުކޮށްފައި ވެއެވެ. ނަމަވެސް ނޮވމެބަރު 22 ގައި އިރުފާން ރާއްޖެ އެނބުރި އައި ނަމަވެސް މިސްބާހު އައިސްފައި ނުވާކަަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހު "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ކަނޑުމަގުން ރާއްޖެއާށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އިރުފާން ތަގިއްޔު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި 10 މީހަކަށް ދައުވާކޮށްފައިވެއެވެ.

"އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓަރ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ" ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

https://sun.mv/144138

comment ކޮމެންޓް